މިސްރު (ގުރޫޕް އޭ)

ފީފާ ރޭންކިން: 46
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 1990
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ފުރަތަމަ ބުރު: (1990،1934)

ވޯލްޑް ކަޕްގެ ތާރީޙް:

ފުޓްބޯޅައިގައި މިސްރަކީ ވަރުގަދަ ބާރެކެވެ. މިސްރަކީ އެފްރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޤައުމެވެ. މިސްރުން ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް ޖުމްލަ ހަތް ފަހަރު ކާމިޔާބުކޮށް، މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޤައުމުގެ ޝަރަފު ހޯދައިފަ އެވެ.

އެހެން ނަމަވެސް، ވޯލްޑް ކަޕްގައި މިހާތަނަށް މިސްރަށް މާ މުއްސަނދި ތާރީހެއް ލިބިފައެއް ނެތެވެ. އެފްރިކާގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ނަމަވެސް، 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަކަށް މިސްރު ކޮލިފައިނުވުމަކީ އެ ޤައުމުގެ ފުޓްބޯޅަ އަށް ލިބިފައި އޮތް ހީނަރުކަމެކެވެ.

މިއީ މިސްރު ވޯލްޑް ކަޕްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިސްރު ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުގައި ހަންގޭރީ އަތުން 4-2 އިން ބަލިވެ، މިސްރު ވަނީ މުބާރާތުން ކަޓައިފަ އެވެ.

އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މިސްރުން ވާދަކުރި އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން މިސްރު ވަނީ ބަލިވެފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ކޮލިފައިންގެ ފަހު މެޗުގައި ކޮންގޯ އަތުން 2-1 އިން މޮޅުވެގެންނެވެ.

މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ކޮންގޯ އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މިސްރަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްދިނީ މުހައްމަދު ސަލާހު އެވެ.

ކޯޗު:

ނަން: ހެކްޓާ ކޫޕާ
ގައުމު: އާޖެންޓީނާ
އުފަން ތާރީހު: 16 ނޮވެމްބަރ 1955 (62 އަހަރު)
ޓީމާ ހަވާލުވީ: 2015 ވަނަ އަހަރު

ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގައި ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ހެކްޓާ ކޫޕާ މިސްރުގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރެވެ. ހެކްޓާ ވަނީ އޭގެކުރިން، ސްޕެއިންގެ މަޔޯކާ އާއި ވެލެންސިއާ އާޢި ރެއާލް ބެޓިސް އާއި ރޭސިން ސެންޓަންޑާ އަދި އިޓަލީގެ އިންޓަ މިލާނާއި ޕާމާ އަށް ކޯޗުކޮށްދީފަ އެވެ.

މިސްރުގެ ޤައުމީ ޓީމާ ހަވާލުވެ، ހެކްޓާގެ ފުރަތަމަ އިމްތިހާނަކަށްވީ 2017 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އެވެ. އެ މުބާރާތުގެ ފައިނަލަށް މިސްރު ދަތުރުކުރި ނަމަވެސް، ފައިނަލްގައި ކެމަރޫން އަތުން މިސްރު ވަނީ ބަލިވެފަ އެވެ.

ހެކްޓާގެ އިރުޝާދުގެ ދަށުން މިސްރު ވަނީ 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

އެހެންކަމުން މިސްރުގެ ފުޓްބޯލް ފެޑަރޭޝަނުން ވަނީ އޭނައާ މެދު ހިތްހަމަޖެހުން ފާޅުކޮށް، އޭނާ އަށް ސަޕޯޓް ދީފަ އެވެ. މި ކާމިޔާބީއާ ގުޅިގެން، 2017 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކޯޗުގެ މަޤާމު ހެކްޓާ އަށް ވަނީ ލިބިފަ އެވެ.

މުހިންމު ކުޅުންތެރިން:

މުހައްމަދު ސަލާހު

މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިކޮށްދިން ލަނޑު ޖަހައިދިން ސަލާހް އަކީ މިސްރުގައި ބަތަލެކެވެ.

މިސްރުގެ ޤައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ސަލާހް ވަނީ މިސްރަށް މިހާތަނަށް ކުޅުނު 56 މެޗުން 32 ލަނޑު ޖަހައިފަ އެވެ. މިސްރުގެ ޤައުމީ ޓީމާއެކު ސަލާހް ވަނީ އެފްރިކަން ޔޫތު ޗެމްޕިއަންޝިޕްގެ ތިން ވަނަ އަދި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ހޯދައިފަ އެވެ.

އިޓަލީގެ އޭއެސް ރޯމާ އިން އިންގްލެންޑްގެ ލިވަޕޫލަށް 2017 ވަނަ އަހަރު ބަދަލުވެ، ސަލާހް ވަނީ ލިވަޕޫލްގައި ވިދާލައިފަ އެވެ. އަދި މިސްރުގެ ޤައުމީ ޓީމާއި، ލިވަޕޫލްގައި އޭނާ 2017 ވަނަ އަހަރު ދެއްކި މޮޅު ކުޅުމާއެކު، އެ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ސަލާހް ވަނީ ހޯދައިފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައިވާ ކުޅުންތެރިޔަކީ ސަލާހް އެވެ. ހަމަ އެހެންމެ، އިދިކޮޅު ޓީމުތަކުން ވެސް އެންމެ ބޮޑަށް ސަމާލުކަން ދޭނެ ކުޅުންތެރިޔަކަށް ސަލާހް ވާނެ އެވެ.

މުހައްމަދު އެލްނެނީ

އާސެނަލް އަށް ކުޅެމުންދާ މިޑްފީލްޑަރު މުހައްމަދު އެލްނެނީ އަކީ މިސްރު ޓީމުގެ މިޑްފީލްޑްގައި މުހިންމު ތަނބެކެވެ.
މިސްރުގެ އަލް މޮވަކްލޫން އިން ކެރިއަރު ފެށުމަށް ފަހު، އެލްނެނީ ބަދަލުވީ ސްވިޓްޒަލޭންޑްގެ ބާސެލްއަށެވެ. އެލްނެނީ ޔޫރަޕްގައި ވިދާލީ ބާސެލްގަ އެވެ.

ބާސެލް އިން އެލްނެނީ ފާހަގަވެ، އާސެނަލް އިން އޭނާ އެ ކްލަބަށް ގެންދިޔައީ 2016 ވަނަ އަހަރެވެ. އެލްނެނީ އެންމެ ފުރަތަމަ މިސްރުގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރެވެ. މިހާތަނަށް އޭނާ ވަނީ މިސްރުގެ ޤައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.

އޭގެ ކުރިން އޭނާ ވަނީ މިސްރުގެ 20 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. މިސްރުގެ 23 އަހަރުން ދަށުގެ ޓީމާއެކު، އެލްނެނީ ވަނީ 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ.

އެލްނެނީ ވަނީ މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އެލްނެނީ ވާނީ މިސްރުގެ މުހިންމު ކުޅުންތެރިޔަކަށެވެ.

ރަމަދާން ސޮބްހީ

އިންގްލޭންޑްގެ ސްޓޯކް ސިޓީ އަށް ކުޅެމުންދާ ޒުވާން މިޑްފީލްޑަރު ރަމަދާން ސޮބްހީ އަކީ މި ވަގުތު މިސްރުގެ ޤައުމީ ޓީމުގައި ހުރި އެންމެ އުންމީދީ ކުޅުންތެރިޔާ އެވެ.

މިސްރުގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ އަލް އަހްލީގެ ޔޫތު ޓީމަށް ކުޅުމަށް ފަހު، އެ ކްލަބުގެ ސީނިއާ ޓީމުން ސޮބްހީ ޖާގަ ހޯދީ އުމުރުން އެންމެ 16 އަހަރުގަ އެވެ. އަލް އަހްލީގައި ސޮބްހީ ދައްކަމުންދިޔަ މޮޅު ކުޅުމާއެކު، ޔޫރަޕްގެ ކްލަބުތަކުގެ ސަމާލުކަން އޭނާ އަށް ލިބުނެވެ.

އިންގްލެންޑްގެ ސްޓޯކް ސިޓީ އަށް ސޮބްހީ ބަދަލުވީ 2016 ވަނަ އަހަރެވެ. ސްޓޯކް އިން ލިބޭ ފުރުސަތުތަކުގައި ސޮބްހީގެ ފަރާތުން ފެނުނު ރަނގަޅު ކުޅުމާޢެކު، 2017 ވަނަ އަހަރު އެ ކްލަބުން ވަނީ ސޮބްހީގެ ކޮންޓުރެކްޓް ފަސް އަހަރަށް އާކޮށްފަ އެވެ.

ސޮބްހީ މިސްރުގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ މިސްރުގެ 17 އަހަރާއި 20 އަހަރު އަދި 23 އަހަރުން ދަށުގެ ޓީމުތަކަށް ކުޅެފަ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ މިސްރުން 2017 ވަނަ އަހަރު ހޯދިއިރު، ސޮބްހީ ވަނީ ޤައުމީ ޓީމަށް ކުޅެފަ އެވެ. މި ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ސޮބްހީ ވަނީ މިސްރުގެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.