ސްޕެއިން (ގުރޫޕް ބީ)

ފީފާ ރޭންކިން: 8
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (2010)

ވޯލްޑް ކަޕްގެ ތާރީޙް:

ސްޕެއިން އަކީ ފުޓްބޯޅައިގައި ވަރުގަދަ ޤައުމެކެވެ. ވަރުގަދަ ލީގަކާއި، ހުނަރުވެރި ކުޅުންތެރިންތަކެއް ސްޕެއިން އިން ނެރުނު ނަމަވެސް، 2010 ވަނަ އަހަރުގެ ކުރިން ވޯލްޑް ކަޕްގައި އެ ޤައުމުން އުންމީދުކުރި ވަރުގެ ކާމިޔާބެއް ނުލިބެ އެވެ.

ސްޕެއިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށް، މުބާރާތުގެ ހަތަރު ވަނަ ހޯދި އެވެ.

ސްޕެއިން އިން ވަނީ 1978 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕަކަށް ކޮލިފައިވެފަ އެވެ. މި މުއްދަތުގެ ތެރޭގައި 2010 ވަނަ އަހަރު ކުރިން އެ ޤައުމަށް ވޯލްޑް ކަޕްގައި އެންމެ ކުރިއަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

އެކަމަކު 2008 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން އިން ކާމިޔާބުކުރުމުން، ވޯލްޑް ކަޕް ކާމިޔާބުކުރުމަށް އެ ޤައުމުން ކުރަމުންދިޔަ އުންމީދު އާވި އެވެ. ސްޕެއިންގެ "ގޯލްޑަން ޖެނަރޭޝަން"ގެ ގޮތުގައި މަޝްހޫރުވި ޓީމާއެކު، ސްޕެއިން އިން ފުޓްބޯޅައިގައި ޒަމާނީ ސިސްޓަމެއް ތައާރަފްކުރި އެވެ.

އެ ބިންގަލުގެ މަތީގައި، ސްޕެއިން އިން ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ. މިއީ ސްޕެއިންގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އެކަމަކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ވަނީ ފުރަތަމަ ބުރުން ކަޓައިފަ އެވެ. ވޯލްޑް ކަޕް 2010 ވަނަ އަހަރު އަދި ޔޫރޯ 2012 ވަނަ އަހަރު ކާމިޔާބުކުރި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް، ސްޕެއިން އަށް ތަފާތު ދެއްކޭ ގޮތެއްނުވި އެވެ. ސްޕެއިންގެ ޓީމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އެ މުބާރާތުން ސާބިވުވި އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކޮލިފައިވިއިރު، މިހާރު ސްޕެއިން ޓީމުގައި "ޖާދޫ" ދައްކަނީ އާ މޫނުތަކެކެވެ. އިސްކޯ އާއި އެސެންސިއޯ ފަދަ ކުޅުންތެރިންނަކީ ވޯލްޑް ކަޕަށް ނުކުންނަ ސްޕެއިންގެ އާ ޖީލުގައި ހިމެނޭ މުހިންމު ތަރިންނެވެ.

ކޯޗު

ނަން: ޖުލެން ލޮޕްޓެގުއީ
ޤައުމު: ސްޕެއިން
(51 އަހަރު) 28 އޯގަސްޓް 1966 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު

ސްޕެއިންގެ ކޯޗުކަށް ހުރި ވިސެންޓޭ ޑެލްބޮސްކޭ 2016 ވަނަ އަހަރު ރިޓަޔާކުރުމުން، އެ މަޤާމާ ދެން ހަވާލުވީ ޖުލެން ލޮޕްޓެގުއީ އެވެ. ޖުލެން ސްޕެއިންގެ ކޯޗަކަށް ހަވާލުވިއިރު، އޭނާގެ ކުރިން މި މަޤާމުގައި ހުރި ދެ ކޯޗުން ވެސް ވަނީ ސްޕެއިންގެ ތާރީހުން ޖާގަ ހޯދައިފަ އެވެ. ދެހާސް އަށް ވަނަ އަހަރު ލުއިސް އަރަގޮނޭސް ވަނީ ސްޕެއިން އަށް ޔޫރޯ ކާމިޔާބުކޮށްދީފަ އެވެ. އަދި ވިސެންޓޭ ޑެލްބޮސްކޭ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

ކުޅުންތެރިއްގެ ގޮތުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ވެސް ކުޅުނު ޖުލެން ކޯޗިން ކެރިއަރު 2003 ވަނަ އަހަރު ފެށީ ސްޕެއިންގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުންނެވެ. އަދި އެއަށް ފަހު އޭނާ ވަނީ ރެއާލް މެޑްރިޑްގެ "ބީ" ޓީމުގެ ކޯޗުކަމާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ކޯޗުކޮށްދީފަ އެވެ.

ސްޕެއިންގެ ކޯޗުކަމާ ޖުލެން ހަވާލުވީ 2016 ޖުލައި މަހު އެވެ. ޖުލެންގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ 16 މެޗުގެ ތެރެއިން 12 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

މުހިންމު ކުޅުންތެރިން.

އަންދްރެސް އިނިއެސްޓާ

ސްޕެއިން އިން ފަހުގެ ތާރީހުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް އަންދްރެސް އިނިއެސްޓާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ސްޕެއިންއާއެކު އިނިއެސްޓާ ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކުރިމަތިލާއިރު، ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔަކަށް ހުރީ އުމުރުން 33 އަހަރުގެ އިނިއެސްޓާ އެވެ. މިއީ އިނިއެސްޓާ ވޯލްޑް ކަޕްގައި ކުޅޭ ފަހު ފަހަރަށްވުމަކީ ގާތް ކަމެކެވެ.

ސްޕެއިން ބާސެލޯނާ އިން ކެރިއަރު ފެށި އިނިއެސްޓާ އަކީ ސްޕެއިންގެ 15 އަހަރުން ދަށުގެ ޓީމުން ފެށިގެން، އެ ޤައުމުގެ ޔޫތު ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އިނިއެސްޓާ ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. އިނިއެސްޓާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތް ސްޕެއިން އިން ކާމިޔާބުކުރީ އިނިއެސްޓާ ޖެހި ލަނޑަކުންނެވެ.

އިނިއެސްޓާ އަކީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.

ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ކެޕްޓަނެވެ. ރާމޯސް އަކީ ސްޕެއިން އިން ފަހުގެ ތާރީހުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ.

ސްޕެއިންގެ ސެވިއްޔާ އިން ކެރިއަރު ފެށުމަށް ފަހު، ރާމޯސް ރެއާލަށް ބަދަލުވީ 2005 ވަނަ އަހަރެވެ. އޭގެ ފަހުން ރެއާލްގައި އޭނާވެފައިވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ. ރެއާލްއާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ސްޕެއިންގެ ޤައުމީ ޓީމަށް ރާމޯސް ކުޅެން ފެށީ 2005 ވަނަ އަހަރެވެ. މިހާތަނަށް ރާމޯސް ވަނީ ސްޕެއިންގެ ޤައުމީ ޓީމަށް ތިން ވޯލްޑް ކަޕާއި ތިން ޔޫރޯގައި ކުޅެފަ އެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން ކާމިޔާބުކުރިއިރު، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

ޑޭވިޑް ޑެހެއާ

ފަހުގެ ތާރީހެއްގައި ސްޕެއިން އިން ހޯދި ގިނަ ކާމިޔާބީތަކެއްގައި، އެ ޓީމުގެ ގޯލު ބެލެހެއްޓީ އިކާ ކަސިއަސް އެވެ. އެކަމަކު އޭރު ވެސް، ގިނަ ބަޔަކު ގަބޫލްކުރި ގޮތުގައި ކަސިއަސް އަށް ފަހު، ސްޕެއިންގެ ގޯލު ދެން ބަލަހައްޓާނީ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ. ހީކުރެވުނު ގޮތަށް، މިހާރު ޑެހެއާ އަކީ ސްޕެއިންގެ އެއްވަނަ ގޯލްކީޕަރެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އިން ކެރިއަރު ފެށި ޑެހެއާ އަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ ތެރޭގައި ގުނާލެވޭ ކީޕަރެކެވެ. މޮޅެތި، އާދަޔާ ހިލާފު ސޭވްތައް ކުރުމުގައި މަޝްހޫރުވެފައިވާ ޑެހެއާ ސްޕެއިންގެ ޤައުމީ ޓީމުން ފުރަތަމަ ޖާގަ ހޯދީ 2014 ވަނަ އަހަރެވެ. އަދި އެ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ނެގި ސްޕެއިން ސްކޮޑުގައި އޭނާ ހިމެނުނެވެ.

ޔޫރޯ 2016ގައި ސްޕެއިންގެ އެއްވަނަ ކީޕަރުގެ ގޮތުގައި ކުޅުނީ ޑެހެއާ އެވެ. އެކަމަކު އެ މުބާރާތުގެ ދެވަނަ ބުރުން ސްޕެއިން ވަނީ ކަޓައިފަ އެވެ.