އީރާން (ގުރޫޕް ބީ)

ފީފާ ރޭންކިން: 36
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1978
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖު

ވޯލްޑް ކަޕްގެ ތާރީޙް:

އޭޝިއާގެ ވަރުގަދަ ބާރެއް ކަމަށްވާ އީރާނަކީ ވޯލްޑް ކަޕަށް އާ ޤައުމެއް ނޫނެވެ. މިހާތަނަށް ހަތަރު ފަހަރު އީރާން ވަނީ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.

އޭޝިއާގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ އަލީ ކަރީމީ އާއި އަދި މަހްދީ މެހްދެވިކިޔާ ފަދަ ކުޅުންތެރިން ނިސްބަތްވާ އީރާން އެންމެ ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ 1978 ވަނަ އަހަރެވެ. އެކަމަކު އެ އަހަރުގެ މުބާރާތް އީރާން ނިންމާލީ އެންމެ ޕޮއިންޓަކާއެކު އެވެ.

އޭގެ ފަހުން އީރާން ކޮލިފައިވީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕަށެވެ. އެ މުބާރާތުން ވެސް އީރާން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އެކަމަކު ގުރޫޕް ސްޓޭޖުގައި އީރާން ވަނީ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފަ އެވެ. ގުރޫޕް ސްޓޭޖުގައި އެމެރިކާ އަތުން އީރާން މޮޅުވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޭރު އޮތް ދާހިލީ މައްސަލަތަކާއެކު އީރާން އިން ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރި ކަމެކެވެ.

ޖަރުމަންގައި 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް އީރާން ނުކުތީ ފޮނި އުންމީދުތަކާއެކު އެވެ. އެކަމަކު އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ވެސް އީރާން ކެޓީ އެންމެ ޕޮއިންޓަކާއެކު އެވެ.

ޤައުމުން ބޭރުގައި އުޅޭ އީރާން ދަރިކޮޅު ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުސަތު ދީ، އީރާން އިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލީ ރަނގަޅު ސްކޮޑަކާއެކު އެވެ. އެކަމަކު އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ވެސް އީރާން ކެޓީ އެންމެ ޕޮއިންޓަކާޢެކު އެވެ.

ކޯޗު

ނަން: ކާލޮސް ކުއެރޯޒް
ގައުމު: ޕޯޗުގަލް
1 މާޗް 1953 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2011 ވަނަ އަހަރު

ޕޯޗުގަލްގެ ތަޖުރިބާކާރެއް ކަމަށްވާ ކާލޮސް ކުއެރޯޒް އަކީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ.
ޕޯޗުގަލްގެ 20 އަހަރުން ދަށުގެ ޓީމާއި ޕޯޗުގަލްގެ ޤައުމީ ޓީމު އަދި އެ ޤައުމުގެ ކްލަބުތަކަށް ކޯޗުކޮށްދިނުމަށް ފަހު، ކުއެރޯޒް ވަނީ 2002 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުގެ މަޤާމާ ހަވާލުވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަންގެ ދަށުން ޔުނައިޓެޑްގައި ކުއެރޯޒް ފުރަތަމަ މަސައްކަތްކުރީ އެންމެ އަހަރެކެވެ. އަދި 2003 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބުމާއެކު، ރެއާލްގެ ޓީމާ އޭނާ ހަވާލުވި އެވެ.

ރެއާލްގައި ކުއެރޯޒް ކުރީ ހިތި ތަޖުރިބާއެކެވެ. ދުނިޔޭގެ ފެންވަރުގެ ތަރިންތަކެއް އޭރު ރެއާލްގައި ތިބި ނަމަވެސް، ރެއާލް އިން އުންމީދުކުރި ވަރުގެ ކާމިޔާބެއް ކުއެރޯޒްގެ އިރުޝާދުގެ ދަށުން ނުހޯދުނެވެ. އެއާއެކު ދިހަ މަސް ދުވަހުގެ ތެރޭގައި ރެއާލް އިން ވަނީ ކުއެރޯޒް މަޤާމުން ވަކިކޮށްފަ އެވެ.

ރެއާލް އިން ވަކިކުރުމުން، ކުއެރޯޒް ވަނީ އަލުން ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗުގެ މަޤާމާ ހަވާލުވެފަ އެވެ. އަދި ހަތަރު އަހަރު އެ މަޤާމުގައި އޭނާ ހޭދަކުރި އެވެ. އަދި އެ މުއްދަތުގައި އޭނާ ވަނީ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.

ޔުނައިޓެޑް ދޫކޮށް، 2008 ވަނަ އަހަރު ކުއެރޯޒް ވަނީ ޕޯޗުގަލްގެ ޤައުމީ ޓީމާ ހަވާލުވެފަ އެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލް ނުކުތީ ކުއެރޯޒްގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓުމާއެކު، ކުއެރޯޒް ވަނީ މަޤާމުން ވަކިކޮށްފަ އެވެ. މި މުބާރާތުގައި ޕޯޗުގަލް ކުޅުނު ހަތަރު މެޗުގެ ތެރެއިން، ތިން މެޗުގައި އެ ޓީމަށް ލަނޑެއް ނުޖެހެ އެވެ.

އީރާންގެ ޤައުމީ ޓީމާ ކުއެރޯޒް ހަވާލުވީ 2011 ވަނަ އަހަރެވެ. ކުއެރޯޒްގެ އިރުޝާދުގެ ދަށުން އީރާން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި އެވެ. އެކަމަކު މުބާރާތުގެ ގުރޫޕް ސްޓޭޖުން އީރާން ވަނީ ކަޓައިފަ އެވެ. މި މުބާރާތަށް ފަހު ކުއެރޯޒް މަޤާމުން ވަކިވާނެ ކަމުގެ އަޑުތަކެއް އެރި ނަމަވެސް، އޭނާ ވަނީ އީރާންގެ ކޮންޓުރެކްޓް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

މުހިންމު ކުޅުންތެރިން:

ސަރްދާރް އަޒްމޫން

ސަރްދާރް އަޒްމޫން އީރާންގެ ޤައުމީ ޓީމުން ވިދާލީ 2015 ވަނަ އަހަރު އޭޝިއަން ކަޕްގަ އެވެ. ރަޝިއާގެ ރުބިން ކަޒާނަށް މިހާރު ކުޅެމުންދާ އަޒްމޫނަކީ އީރާންގައި މަޤްބޫލު ކުޅުންތެރިޔެކެވެ. އުމުރުން 23 އަހަރުގެ ފޯވަޑަކީ މިހާރު ވެސް އީރާންގެ ޤައުމީ ޓީމަށް ފަސް ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. މިހާތަނަށް އީރާންގެ ޤައުމީ ޓީމަށް ކުޅުނު 30 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހައިފަ އެވެ.

އަޒްމޫން ކެރިއަރު ފެށީ އީރާންގެ ސެޕަހާން އިންނެވެ. އަދި އުމުރުން 17 އަހަރުގައި އޭނާ ވަނީ ރަޝިއާގެ ރުބިން ކަޒާނަށް ބަދަލުވެފަ އެވެ.

އަޒްމޫނަކީ ގޯލާ ރައްޓެހި ކުޅުންތެރިޔެކެވެ. ބޮކްސް ތެރޭގައި މޮޅު ކުޅުންތެރިއެއްގެ އިތުރުން، ހުނަރުގެ ގޮތުން ވެސް އަޒްމޫނަކީ އީރާންގެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

އަޝްކަން ޑެޖާގާ

އީރާންގެ ކެޕްޓަން އަޝްކަން ޑެޖާގާ އަކީ އީރާންގެ ޓީމުގައި ހިމެނޭ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އެވެ. އިންގްލެންޑާއި ޖަރުމަންގެ ކްލަބުތަކަށް ކުޅެފައިވާ ޑެޖާގާ ،31، އަކީ މިހާރު އީރާން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

އީރާނަށް އުފަންވި ނަމަވެސް، ޑެޖާގާ އުމުރުން އެއް އަހަރުގައި އޭނާގެ އާއިލާ ވަނީ ޖަރުމަނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ޑެޖާގާ ފުޓްބޯޅަ ކެރިއަރު ފެށީ ޖަރުމަނުންނެވެ. ޖަރުމަންގެ ހާތާ ބާލިން އިން އޭނާ ކެރިއަރު ފެށިއިރު، އޭނާ ވަނީ 2001 އިން 2009 އަށް ޖަރުމަންގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ. އެގޮތުން، 2009 ވަނަ އަހަރު ޔުއޭފާ 21 އަހަރުން ފަށުގެ ޔޫރޯ ކާމިޔާބުކުރި ޖަރުމަނުގެ ޓީމުގައި ވެސް އޭނާ ހިމެނުނެވެ.

އީރާންގެ ފުޓްބޯލް ފެޑެރޭޝަނުން އެކި ފަހަރުގެ މަތިން ޤައުމީ ޓީމަށް ކުޅުމަށް ހުށަހެޅި ނަމަވެސް، އޭނާ އީރާންގެ ހުށަހެޅުން ގަބޫލްކުރީ 2012 ވަނަ އަހަރެވެ. އީރާންގެ ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ޑެޖާގާ ދެ ލަނޑު ޖެހި އެވެ.
އީރާންގެ ޤައުމީ ޓީމާއެކު ޑެޖާގާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އެކަމަކު އެ މުބާރާތުގެ ފުރަތަމަ ބުރުން އީރާން ވަނީ ކަޓައިފަ އެވެ.

ރެޒާ ހޫޗެނެޖާދް

ހުނަރުވެރި ފޯވަޑް ރެޒާ ހޫޗެނެޖާދް އީރާންގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. އީރާން އަށް އުފަންވި ނަމަވެސް، ހޫޗެނެޖާދްގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ އާއިލާ ނެދަލޭންޑްސް އަށް ބަދަލުވުމުން، ފުޓްބޯޅައިގައި އޭނާގެ އެންމެ ފުރަތަމަ ފިޔަވަޅުތައް އެޅީ ނެދަލޭންޑްސްގަ އެވެ.

ނެދަލޭންޑްސްގެ އެކި އުމުރުފުރައިގެ ޔޫތު ޓީމުތަކަށް ވަނީ ކުޅެފައެވެ. އަދި ނެދަލޭންޑްސްގެ ހީރެންވީންގެ އެކެޑަމީގައި އޭނާ ވަނީ 12 އަހަރު ހޭދަކޮށްފަ އެވެ.

ހޫޗެނެޖާޑް ވަނީ އޭނާގެ ކެރިއަރުގައި ގިނަ ކްލަބުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ބެލްޖިއަމްގެ ސްޓޭންޑަޑް ލިއޭޖް އާއި އިންގްލެންޑްގެ ޗާލްޓަން އެތުލެޓިކް ހިމެނެ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން އޭނާ އަނެއްކާ ވެސް ކުޅެމުންދަނީ ހީރެންވީނަށެވެ.

ހޫޗެނެޖާދް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމާ އެކު ކުޅެފަ އެވެ.