ފްރާންސް (ގުރޫޕް ސީ)

ފީފާ ރޭންކިން: 7
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (1998)

ވޯލްޑް ކަޕްގެ ތާރީޙް:

ފްރާންސް އަކީ 1930 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޤައުމެކެވެ. އަދި މިހާތަނަށް 15 ވޯލްޑް ކަޕަށް ފްރާންސް ވަނީ ކޮލިފައިވެފަ އެވެ.

ފްރާންސަށް 1998 ވަނަ އަހަރުގެ ކުރިން ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ތިން ވަނަ އެވެ.

ފްރާންސް އެންމެ ފުރަތަމަ ތިން ވަނައިގައި ވޯލްޑް ކަޕް ނިންމާލީ 1958 ވަނަ އަހަރެވެ. އަދި އޭގެ ފަހުން މިޝޭލް ޕްލެޓިނީގެ ކެޕްޓަންކަމުގެ ދަށުން ފްރާންސް އިން ވަނީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ.

ވޯލްޑް ކަޕްގައި ފްރާންސްގެ އެންމެ ކާމިޔާބު މުބާރާތަކީ 1998 ވަނަ އަހަރު އަމިއްލަ ޤައުމުގައި ކުޅުނު މުބާރާތެވެ. އެ އަހަރުގެ މުބާރާތުގެ ތަށި ފްރާންސް އިން އުފުލާލީ ފައިނަލްގައި ވަރުގަދަ ބްރެޒިލް ބަލިކޮށްފަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން ފްރާންސް ވަނީ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. މިއީ ފްރާންސް އަށް ފުޓްބޯޅައިގައި އެންމެ ކާމިޔާބު އަހަރުތަކެވެ.

ފްރާންސް އިން ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. އެކަމަކު ހިތްދަތި ގޮތަކަށް، ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ފްރާންސް ވަނީ ބަލިވެފަ އެވެ.

ބްރެޒިލްގައި އެންމެ ފަހުން އޮތް ވޯލްޑް ކަޕުން ފްރާންސް ކެޓީ ކުއާޓާ ފައިނަލުންނެވެ.

ކޯޗު:

ނަން: ޑިޑިއޭ ޑެޝޯމްޕްސް
ގައުމު: ފްރާންސް
(49 އަހަރު) 15 އޮކްޓޯބަރ 1968 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2012 އަހަރު

ފްރާންސް އިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު، ފްރާންސްގެ ކެޕްޓަނަކީ ޑިޑިއޭ ޑެޝޯމްޕްސް އެވެ. ފްރާންސްގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ޑެޝޯމްޕްސް ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު މޮނާކޯ އިންނެވެ. އަދި އެއަށް ފަހު އޭނާ ވަނީ ޔުވެންޓަސް އާއި މާސޭ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރެވެ. ފްރާންސް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޑެޝޯމްޕްސްގެ ކޯޗުކަމުގެ ދަށުންނެވެ.

އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު އޮތް ޔޫރޯގައި ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ފައިނަލުން ޖާގަ ހޯދި އެވެ. އެކަމަކު ފައިނަލްގައި ޕޯޗުގަލް އަތުން ފްރާންސް ވަނީ ބަލިވެފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، ޑެޝޯމްސް އަށް ވަނީ ހުނަރުވެރި، ޒުވާން ސްކޮޑް ބޭނުންކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ރަނގަޅު ހިސާބަކަށް ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.
މުހިންމު ކުޅުންތެރިން:

ޕޯލް ޕޮގްބާ

ޕޯލް ޕޮގްބާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ޕޮގްބާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ޔޫރޯ 2016ގައި ވިދާލި ކުޅުންތެރިއެކެވެ.

މެންޗެސްޓާ ޔުނައިޓަޑް ދޫކޮށް 2009 ވަނަ އަހަރު ޔުވެންޓަސް އަށް ޕޮގްބާ ބަދަލުވީ ލިބޭ ފުރުސަތުތައް މަދުވުމުންނެވެ. ޕޮގްބާގެ ފެންވަރު އޭނާ ދައްކާލީ ޔުވެންޓަސްގަ އެވެ. ޔުވެންޓަސްގައި ގިނަ ކާމިޔާބީތަކެއް އޭނާ ހޯދި އެވެ.

ޕޮގްބާ ޔުނައިޓެޑްގައި ދެއްކި މޮޅު ކުޅުމާއެކު، ޔުނައިޓެޑުން ވަނީ 2016 ވަނަ އަހަރު ބޮޑު އަގުގައި ޕޮގްބާ އަލުން އެ ކްލަބަށް ގެނެސްފަ އެވެ.

ޕޮގްބާ ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއާގެ އެވޯޑް އޭނާ ވަނީ ހާސިލްކޮށްފަ އެވެ.

ހޫގޯ ލޮރިސް

ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ހޫގޯ ލޮރިސް އަކީ ފްރާންސްގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއާ އެވެ. ފްރާންސްގެ ޤައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ގޯލްކީޕަރު ވަނީ މިހާތަނަށް ޤައުމީ ޓީމަށް 94 މެޗު ކުޅެފަ އެވެ.

ފްރާންސްގެ ލިއޯން އިން ވިދާލި ލޮރިސް ބޮޑަށް މަޝްހޫރުވެގެންދިޔައީ ޓޮޓެންހަމް އަށް އޭނާ ބަދަލުވި ހިސާބުންނެވެ. ޓޮޓެންހަމްގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފްރާންސްގެ ކެޕްޓަންކަން މިހާރު ކުރަމުންދާ ލޮރިސް ވަނީ ޔޫރޯ 2012، 2016 އަދި ވޯލްޑް ކަޕް 2010 އަދި 2014ގައި އެ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ.

އެންޓުއާން ގްރީޒްމަން

މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވަޑުންގެ ލިސްޓުގައި ގްރީޒްމަން ހިމެނޭނެ އެވެ. ސްޕެއިން ރެއާލް ސޮސިއެޑާޑް އިން ކެރިއަރު ފެށި ގްރީޒްމަން ފުރަތަމަ ފާހަގަވެގެންދިޔައީ ސްޕެނިޝް ލީގުގަ އެވެ. އެއަށް ފަހު، އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ.

ފްރާންސް ޤައުމީ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ގްރީޒްމަން ވަނީ ޤައުމީ ޓީމަށް މިހާތަނަށް 49 މެޗު ކުޅެ، 19 ލަނޑު ޖަހައިފަ އެވެ.

ގްރީޒްމަން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސް ޓީމަށް ކުޅެފަ އެވެ.