އޮސްޓްރޭލިއާ ޓީމުގެ ކުޅުންތެރިން - ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާ (ގުރޫޕް ސީ)

ފީފާ ރޭންކިން: 40
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1974
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ދެވަނަ ބުރު (2006)

ވޯލްޑް ކަޕްގެ ތާރީޙް:

އޯޝޭނިއާ އަށް ނިސްބަތްވާ އޮސްޓްރޭލިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1974 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 2006 ވަނަ އަހަރު ވެސް އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވި އެވެ. ޖަރުމަންގައި 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ދެވަނަ ބުރުން އޮސްޓްރޭލިއާ ޖާގަ ހޯދި އެވެ.

ދެހާސް ހަ ވަނަ އަހަރުން ފެށިގެން، ފުޓްބޯޅައިގައި އޯޝޭނިއާ ސަރަހައްދު ދޫކޮށް، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)އާ އޮސްޓްރޭލިއާ ގުޅުމާއެކު، އެ ޤައުމަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މަގު ފަސޭހަވި އެވެ. އަދި އޮސްޓްރޭލިއާ އިން ވަނީ 2010 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ.

މިއީ އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ޖެހިޖެހިގެން ކޮލިފައިވި ހަތަރު ވަނަ ފަހަރެވެ.

ކޯޗު

ނަން: ބާޓް ވެން މާވިކް
ގައުމު: ނެދަލޭންޑްސް
(65 އަހަރު) 19 މޭ 1952 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު

ނެދަލޭންޑްސްގެ ތަޖުރިބާކާޜު ކޯޗު ބާޓް ވެން މާވިކް އޮސްޓްރޭލިއާގެ ޓީމާ ހަވާލުވީ 2018 ވަނަ އަހަރެވެ. ވެން މާވިކް އަކީ ޔުރަޕްގައި ނަން މަޝްހޫރު ކޯޗެކެވެ.

ނެދަލޭންޑްސްގެ މަޝްހޫރު ކްލަބުތަކާއި، ޖަރުމަންގައި މަސައްކަތްކުރުމަށް ވެން މާވިކް ވަނީ 2008 ވަނަ އަހަރު ނެދަލޭންޑްސްގެ ޤައުމީ ޓީމާ ހަވާލުވެފަ އެވެ. ވެން މާވިކްގެ އިރުޝާދުގެ ދަށުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ނެދަލޭންޑްސް ވާދަކުރި އެވެ.

ނެދަލޭންޑްސްގެ ކޯޗުކަމުން ވެން މާވިކް އިސްތިއުފާ ދިނީ 2012 ވަނަ އަހަރުގެ ޔޫރޯގައި ކުރިމަތިވި ނާކާމިޔާބާ ގުޅިގެންނެވެ.
ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމުގެ ކޯޗުކަމާ 2015 ވަނަ އަހަރު ވެން މާވިކް ހަވާލުވެ، މި އަހަރުގެ ވޯލްޑް ކަޕަށް އެ ޤައުމު ކޮލިފައިކޮށްދިނެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ސައުދީ އަރަބިއްޔާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެކަމަކު ކޮންޓުރެކްޓް އާކުރުމާމެދު އެއްބަސްވުމަކަށް ނާދެވުމުން ވެން މާވިކް ވަނީ އެ މަގާމުން ދުރުވެފަ އެވެ.

މުހިންމު ކުޅުންތެރިން:

ޓިމް ކޭހިލް

ޓިމް ކޭހިލް އަކީ މި ވަގުތު އޮސްޓްރޭލިއާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އިން ވިދާލި ކޭހިލް އަކީ މިޑްފީލްޑަށް އަދި ފޯވަޑަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. ވަރުގަދަ ކުޅުމެއް ކުޅޭ ކޭހިލް އަކީ އޮސްޓްރޭލިއާގައި މަޤްބޫލު ކުޅުންތެރިއެކެވެ.

އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް ކޭހިލް ވަނީ 100 އަށްވުރެ ގިނަ މެޗު ކުޅެ، 50 ލަނޑު ޖަހައިފަ އެވެ. އަދި 2006، 2010، އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޭހިލް ވަނީ ކުޅެފަ އެވެ.

އުމުރުން މިހާރު ދުވަސްވީ ނަމަވެސް، ކޭހިލް އަކީ އަދިވެސް އޮސްޓްރޭލިއާ އަށް މުހިންމު ކުޅުންތެރިއެކެވެ.

މިލް ޔެޑިނަކް

އޮސްޓްރޭލިއާގެ ކެޕްޓަން ޔެޑިނަކް އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެފައިވާ، ތަޖުރިބާކާރު ޑިފެންޑަރެކެވެ. ކްރިސްޓަލް ޕެލެސްގައި މޮޅު ކުޅުމެއް ދެއްކި ޔެޑިނަކް އަކީ އޮސްޓްރޭލިއާ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ.

މިހާރު އިންގްލެންޑްގެ އެސްޓަން ވިލާ އަށް ކުޅެމުންދާ ޔެޑިނަކް އަކީ މިޑްފީލްޑްގެ އިތުރުން، ޑިފެންސަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް ޔެޑިނަކް ވަނީ މިހާތަނަށް 50 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.

އެރަން މޫއީ

ޕްރިމިއާ ލީގުގައި މިހާރު ވާދަކުރާ ހަޑަސްފީލްޑް ޓައުން އަށް ކުޅެމުންދާ މޫއީ އަކީ އޮސްޓްރޭލިއާގެ ޓީމުން ފާހަގަކުރެވޭ މިޑްފީލްޑަރެކެވެ. އޮސްޓްރޭލިއާ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ މޫއީ އަކީ މިހާރު އޮސްޓްރޭލިއާ ޓީމުގައި މުހިންމު ކުޅުންތެރިއެކެވެ. އޮސްޓްރޭލިއާގެ ގިނަ ކްލަބުތަކަކަށް ކުޅުމަށް ފަހު، ހަޑާސްފީލްޑް ޓައުން އަށް މޫއީ ބަދަލުވީ 2016 ވަނަ އަހަރެވެ. އޭގެ ކުރިން މެންޗެސްޓާ ސިޓީގައި ވެސް މޫއީ ދުވަސްކޮޅެއް ހޭދަކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު