އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި ޑާކާ އަބަހާނީ ބައްދަލުކުރާ މެޗު ބަންގާޅުގައި ކުޅެވޭނެ ގޮތް ނުވުމުން މި މެޗު ނޭޕާލުގައި ކުޅެން ނިންމައިފިއެވެ.

އޭއެފްސީން މިގޮތަށް ނިންމާފައިވަނީ މި މެޗު ބަންގާޅުގައި ކުޅުމަށް ގިނަ މަސައްކަތްތަކެއް އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ކުރި ނަމަވެސް ކޮވިޑް-19 ގެ ހާލަތު އެ ގައުމުގައި ގޯސްވެ ލޮކްޑައުންކޮށްފައި ވުމުންނެވެ.

މި މެޗު ބަންގާޅުގައި ކުޅުމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީއާއި ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް ކުރި ނަމަވެސް އެ ގައުމުގެ ސަރުކާރުން މާބޮޑު އެއްބާރުލުމެއް ނުދިނެވެ. އެހެންކަމުން މި މެޗު ބަންގާޅުގައި ނުކުޅެވޭނެ ކަމުގެ ބިރު އޮތުމުން އެ އޭއެފްސީން މުހުލަތު ދިނުމަށްފަހު ހުށައެޅީ ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅޭށެވެ. އެއާއެކު އެ ޓީމުން ކުރި މަސައްކަތުން މެޗު ކުޅުމުގެ ހުއްދަ ލިބުނީ ނޭޕާލްގެ ދަސަރަތް ސްޓޭޑިއަމުގައެވެ.

ހޮނިހިރު ދުވަހަށް މުހުލަތު ހަމަވާއިރު މި ނިންމުން ނިންމީ އޭއެފްސީ އާއި ޑާކާ އަބަހާނީ ގުޅިގެން ބޭއްވި މަޝްވަރާތަކަށްފަހު އެވެ. މި މެޗު ކުޅެން ރާއްޖެއިން ވެސް ހުށައަޅަން ހުރީ ތައްޔާރަށެެވެ.

މި މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މިއަދަށެވެ. ނަމަވެސް މިހާރު އޭއެފްސީން ވަނީ މި މެޗު މިމަހުގެ 21 ގެ ނިޔަލަށް ފަސްކޮށްފައެވެ. ބަންގާޅުން ވަނީ މިއަދުން ފެށިގެން އެ ގައުމުގެ ވައިގެ ދަތުރުތައްވެސް ހުއްޓާލަން ނިންމާފައެވެ. އެއާއެކު ޑާކާ އަބަހާނީ އަށް އިތުރު ގޮންޖެހުމަކާއި މިހާރު މި ވަނީ ކުރިމަތިވެފައެވެ. މި މައްސަލަ އެ ކުލަބުން މިހާރު ވަނީ އޭއެފްސީއަށް ހުށައަޅާފައެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އީގަލްސް ވަނީ ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީ ފަސޭހަމަކާއެކު 2-0 އިން ބަލިކޮށްފަައެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި ޑާކާ އަބަހާނީ އަތުން މޮޅުވެއްޖެ ނަމަ ބައްދަލުކުރުން ގާތީ ބެންގަލޫރު ސިޓި އެފްސީއާއެވެ.