ކްރޮއޭޝިއާ (ގުރޫޕް ޑީ)

ފީފާ ރޭންކިން: 18
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1998
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ (1998)

ވޯލްޑް ކަޕްގެ ތާރީޙް:

ކްރޮއޭޝިއާގެ ފުރަތަމަ ވޯލްޑް ކަޕަކީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތެވެ. އެ މުބާރާތުގައި ކްރޮއޭޝިއާ އިން ވަނީ ގިނަ ޓީމުތަކެއް ހައިރާންކޮށްލުމަށް ފަހު، މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އެ ފަހަރުގެ މުބާރާތުގައި ވާދަކުރި ކްރޮއޭޝިއާގެ ޓީމު ސިފަކޮށްފައިވަނީ އެ ޤައުމުގެ "ގޯލްޑަން ޖެނެރަރޭޝަން"ގެ ގޮތުގަ އެވެ. ޑާވޯ ސުކާ އާއި ޑިމިޓްރިވް ބޮބާން ފަދަ ކުޅުންތެރިންނާއެކު، އެ އަހަރުގެ މުބާރާތުގައި ކްރޮއޭޝިއާ އިން ހޯދީ ބޮޑު ކާމިޔާބެކެވެ.

އޭގެ ފަހުން ކްރޮއޭޝިއާ އަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ސަލާމަތްވެވޭ ގޮތެއްނުވެ އެވެ. އޭގެ ފަހުން ކްރޮއޭޝިއާ އިން ވަނީ 2002،2006، އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކުރިމަތިލާއިރު، ވަރުގަދަ ޓީމެއް އެބައޮތެވެ.

ކޯޗު

ނަން: ޒްލަޓްކޯ ޑަލިޗް
ގައުމު: ކްރޮއޭޝިއާ
(51 އަހަރު) 26 އޮކްޓޯބަރ 1966 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2017 ވަނަ އަހަރު

ކްރޮއޭޝިއާގެ ކޯޗު ޑަލިޗް އަކީ އެ ޤައުމުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. ކްރޮއޭޝިއާގެ ގިން ޓީމުތަކަށް ކުޅުމަށް ފަހު އޭނާ ކޯޗިން ކެރިއަރު ފެށީ 2005 ވަނަ އަހަރެވެ. އަމިއްލަ ޤައުމުގައި ކޯޗިންގެ ތަޖުރިބާތަކެއް ހޯދުމަށް ފަހު، އޭނާ ވަނީ 2010 އިން 2017 އަށް މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.

ކްރޮއޭޝިއާގެ ކޯޗުކަން 2017 ވަނަ އަހަރު ޑަލިޗްއާ ހަވާލުކުރީ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިނުމުގެ މައްސޫލީއްޔަތާ އެކުއެވެ. އެކަން އޭނާ ކާމިޔާބުކުޔރީ ޕްލޭއޮފްގައި ގްރީސް ބަލިކޮށްގެނެވެ. މި ނަތީޖާއާއެކު ކްރޮއޭޝިއާ އިން ވަނީ އޭނާގެ ކޮންޓުރެކްޓް 2020 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.

މުހިންމު ކުޅުންތެރިން:

ލޫކަ މޮޑްރިޗް

ރެއާލް މެޑްރިޑް މިޑްފީލްޑަރު ލޫކަ މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މޮޑްރިޗް ވިދާލީ ޓޮޓެންހަމް ހޮޓްސްޕާ އިންނެވެ. އަދި ރެއާލް މެޑްރިޑާ ގުޅުނު ފަހުން، އޭނާވެފައިވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ.

މޮޑްރިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ކްރޮއޭޝިއާ ވާދަކުރި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އޭނާ ވަނީ ކުޅެފަ އެވެ. މިހާތަނަށް އޭނާ ވަނީ ކްރޮއޭޝިއާ އަށް 103 މެޗު ކުޅެފަ އެވެ.

އީވާން ރަކިޓިޗް

މޮޑްރިޗްއާއެކު ކްރޮއޭޝިއާގެ މިޑްފީލްޑްގައި ދެން ވެސް ހުރީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެކެވެ. ބާސެލޯނާގެ އީވާން ރަކިޓިޗް އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ރަނގަޅު އެއް މިޑްފީލްޑަރެވެ.

ސްޕެއިންގެ ސެވިއްޔާގައި ވިދާލުމަށް ފަހު ބާސެލޯނާއާ ގުުޅުނު ރަކިޓިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުގަ އެވެ. އަދި މިހާރު އޭނާ އަކީ ކްރޮއޭޝިއާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ.

އިވާން ޕެރިސިޗް

އިންޓަ މިލާނަށް ކުޅެމުންދާ ޕެރިސިޗް އަކީ ކްރިއޭޓިވް ކުޅުންތެރިޔެކެވެ. ލަނޑުޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭ ކަމަށް ފާހަގަކުރެވިފައިވާ ޕެރިސިޗް އަކީ މި ވަގުތު ކްރޮއޭޝިއާ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ. ޖަރުމަން ލީގުގައި ވެސް ވިދާލި ޕެރިސިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރުން ފެށިގެނެވެ. އަދި މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 63 މެޗު ކުޅެ، 18 ލަނޑު ޖަހައިފަ އެވެ.