ކޮސްޓަ ރީކާ (ގުރޫޕް އީ)

ފީފާ ރޭންކިން: 25
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1990
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާފައިނަލް (2014)

ވޯލްޑް ކަޕްގެ ތާރީޙް:

ފީފާ ވޯލްޑް ކަޕަށް ކޮސްޓަ ރީކާ އެންމެ ފުރަތަމަ ކޮލިފައިވީ 1990 ވަނަ އަހަރެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 އަށް އެޓީމު ވަނީ ދަތުރުކޮށްފަ އެވެ.

އޭގެ ފަހުން ކޮސްޓަ ރީކާ ވަނީ 1990، 2002، 2006 އަދި 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވާދަކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރު އެ ޤައުމުން ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއީ ކޮސްޓަ ރީކާ ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.

ކޯޗު

ނަން: އޮސްކާ ރަމިރޭޒް
ގައުމު: ކޮސްޓަ ރީކާ
(53 އަހަރު) 8 ޑިސެމްބަރ 1964 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2015 ވަނަ އަހަރު

އޮސްކާ ކޮސްޓަ ރީކާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން މަސައްކަތް ކުރީ ކޮސްޓަ ރިކާގެ ކްލަބުތަކުގައެވެ.

އެ ކްލަބުތަކާއެކު އޮސްކާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާގެ ކޯޗުކަމުގެ ދަށުން އަލަޖުއެލްނެސޭ ވަނީ ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

އޮސްކާ ކޮސްޓަ ރީކާގެ ޤައުމީ ޓީމާ ފުރަތަމަ ގުޅުނީ ކޯޗު ޕައުލޯ ވަންޗޮޕްގެ އެހީތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ވަންޗޯޕް މަގާމުން ވަކިވުމުން، އޮސްކާ އަށް ވަނީ 2015 ވަނަ އަހަރު ކޯޗުގެ މަގާމު ދީފަ އެވެ.

އޮސްކާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ކޮސްޓަރީކާގެ ޤައުމީ ޓީމުގައި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފަ އެވެ.

މުހިންމު ކުޅުންތެރިން:

ބްރައިއަން ރުއިޒް

ކޮސްޓަ ރީކާގެ ގައުމީ ޓީމަށް ރުއިޒް ކުލެން ފެށީ 2010 ވަނަ އަހަރުއެވެ. ރުއިޒް އަކީ ޓީމުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރުއިޒް ވަނީ ވިދާލާފައެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިސްބަނަށް ކުޅެމުންދާ ރުއިޒް ވަނީ މިހާތަނަށް ޤައުމީ ޓީމަށް 107 މެޗު ކުޅެ، 23 ލަނޑު ޖަހައިފަ އެވެ.
ރުއިޒް އަކީ ކޮސްޓާ ރީކާގައި ވަރަށް މަގުބޫލު ކުޅުންތެރިޔެކެވެ.

ޖޯލް ކޭމްބަލް

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވިދާލި ޖޯލް ކޭމްބަލް އަކީ ކޮސްޓަ ރީކާގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ. އަދި ޤައުމީ ޓީމުގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އާސެނަލްގައި އަހަރުތަކެއް ހޭދަކުރި ނަމަވެސް، އޭނާ އަށް އާސެނަލްގެ ޓީމުގައި ފައިހަރުކޮށްލެވޭ ގޮތެއްނުވި އެވެ. އާސެނަލް އިން އޭނާ ވަނީ ލޯނެއްގެ ގޮތުގައި އޮލިމްޕިއާކޮސް އަދި ލިސްބަން އަށް ދޫކޮށްފަ އެވެ. މިހާރު އޭނާ ކުޅެމުންދަނީ ރެއާލް ބެޓިސް އަށެވެ. ކޭމްބަޕް ވަނީ ޤައުމީ ޓީމަށް 76 މެޗުން 14 ލަނޑު ޖަހައިފަ އެވެ.