ސާބިއާ (ގުރޫޕް އީ)

ފީފާ ރޭންކިން: 35
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2010
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ހަތަރުވަނަ (1930 އަދި 1962)

ވޯލްޑް ކަޕްގެ ތާރީޙް:

ސާބިއާގެ މިނިވަން ދައުލަތެއް ޤާއިމްވުމުގެ ކުރިން ޔޫގޮސްލާވިއާ އަދި ސާބިއާ އެންޑް މޮންޓެނީގްރޯގެ ގޮތުގައި އެ ޤައުމު ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 12 ފަހަރު ވާދަކޮށްފަ އެވެ.

ޔޫގޮސްލާވިއާގެ ގޮތުގައި އޮތްއިރު، އެ ޤައުމުން ވަނީ 1930 އަދި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދާފަ އެވެ. އަދި ވޯލްޑް ކަޕްގައި ގިނަ އަހަރަކު ވާދަކުރި އެވެ.

ޔޫގޮސްލާވިއާގެ ނަމުގައި އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ 1998 ވަނަ އަހަރެވެ.

ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، ސާބިއާ އެންޑް މޮންޓެނީގްރޯ އުފެދި 2006 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ.

ސާބިއާގެ މިނިވަން ދައުލަތެއް އުފެދުނު ފަހުން، އެ ޤައުމުން ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތަށް ސާބިއާ ކޮލިފައިނުވެ އެވެ.

ކޯޗު

ނަން: މްލަޑެން ކްރިސްޓަޖިކް
ގައުމު: ސާބިއާ
(43 އަހަރު) 4 މާޗް 1974 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު

ކްރިސްޓަޖިކް އަކީ ކުރިން ސާބިއާގެ ޤައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ސާބިއާ ޓީމާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. ކުޅުމުގެ ކެރިއަރު ނިންމާލުމަށް ފަހު، ކޯޗިން ކެރިއަރު އޭނާ 2017 ވަނަ އަހަރު ފެށީ ކްރޮއޭޝިއާގެ ޤައުމީ ޓީމުންނެވެ.

އެންމެ ފުރަތަމަ ކްރިސްޓަޖިކް އަށް ޓީމު ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު އޭނާ އަށް ވަނީ ކޯޗުކަން ހަވާލުކޮށްފަ އެވެ.

މުހިންމު ކުޅުންތެރިން:

ނެމަންޔާ މަޓިޗް

ސާބިއާ ޓީމުގައި މިހާރު ހުރި އެންމެ މަޝްހޫރު އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރު ނެމަންޔާ މަޓިޗެވެ.

ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވަނީ މަޓިޗް މިހާރު ކުޅެމުންދަނީ މެންޗެސްޓާ ޔުނައިޓަޑަށެވެ. ކުރިން އޭނާ ކުޅުނީ ޗެލްސީއަށެވެ.

މެދުތެރެ ޑޮމިނޭޓްކުރާ މަޓިޗް ސާބިއާގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުން ފެށިގެނެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 36 މެޗު ކުޅެފަ އެވެ.

ޤައުމީ ޓީމަށް ކުޅުމުގެ ކުރިން އޭނާ ވަނީ ސާބިއާގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.

ބްރަނިސްލާވް އިވަނޮވިޗް

ސާބިއާގެ ކެޕްޓަން އިވަނޮވިޗް އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ތަޖުރިބާގެ ގޮތުން ވެސް އަރާ ހުރި އިވަނޮޗިޗް ވަނީ ޗެލްސީ އަށް 2008 އިން 2017 ވަނަ އަހަރާ ހަމައަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އިވަނޮޗިޗް އަކީ ސެންޓްރަލް ޑިފެންސްގެ އިތުރުން، ފުލް ބެކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.

އިވަނޮޗިޗް އަމިއްލަ ޤައުމުގައި ކެރިއަރު ފެށުމަށް ފަހު، 2006 ވަނަ އަހަރު ރަޝިއާ ލީގަށް ބަދަލުވި އެވެ. އޭނާ ޔޫރަޕްގައި ވިދާލީ ރަޝިއާ ލީގުންނެވެ.

ސާބިއާގެ ޤައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2005 ވަނަ އަހަރު އެވެ. މިހާތަނަށް ޤައުމީ ޓީމަށް 100 މެޗު ހަމަކޮށްފައިވާއިރު، އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ.

ސެރްގޭ މިލިންކޮވިޗް-ސަވިޗް

ސާބިއާ ޓީމުގައި މި ވަގުތު ހުރި އެންމެ އުންމީދީ ކުޅުންތެރިޔަކީ މިޑްފީލްޑަރު ސެރްގޭ މިލިންކޮވިޗް-ސަވިޗް އެވެ. ސަވިޗް އަކީ އަމިއްލަ ޤައުމުގައި ކެރިއަރު ފެށުމަށް ފަހު، ބެލްޖިއަމްގެ ގެންކަށް ބަދަލުވި ކުޅުންތެރިއެކެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ އިޓަލީގެ ލާޒިއޯ އަށް ބަދަލުވެފަ އެވެ.

އުމުރުން 22 އަހަރުގެ މިޑްފީލްޑަރަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މިހާރު ވަނީ ސަމާލުކަން ދޭން ފަށައިފަ އެވެ. އަދި ލާޒިއޯ އަށް ބޮޑެތި އަގުތައް ލިބެމުންދާ ކަމަށް ވެސް އަޑުފެތުރެ އެވެ.

ސަވިދް ޤައުމީ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރެވެ. މިހާތަނަށް ޤައުމީ ޓީމަށް މާ ބައިވަރު މެޗުތަކެއް ނުކުޅުނު ނަމަވެސް، އޭނާގެ ބޭނުން ވޯލްޑް ކަޕްގައި ވަރަށް ބޮޑަށް ހިފާނެ ކަމަށް ބެލެވެ އެވެ.