އިންގްލޭންޑް ޓީމުގެ ކުޅުންތެރިން - ފޮޓޯ: އޭއެފްޕީ

އިންގްލޭންޑް (ގްރޫޕް ޖީ)

ފީފާ ރޭންކިން: 13
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1950
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: 1996 (ޗެމްޕިއަން)

ވޯލްޑް ކަޕްގެ ތާރީޙް:

ފުޓްބޯޅައިގައި ނުފޫޒު ގަދަ ޤައުމެއް ކަމަށްވާ އިންގްލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1950 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 1970 ވަނަ އަހަރާ ހަމައަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި އިންގްލެންޑް ވާދަކުރި އެވެ.

އިންގްލެންޑަށް މިހާތަނަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް މުބާރާތް ކާމިޔާބުކުރުމެވެ. ސަރ އަލްފްރެޑް ރަމްސީގެ އިރުޝާދުގެ ދަށުން އިންގްލެންޑް އިން ވޯލްޑް ކަޕް ކާމިޔާބުކުރީ ބޮބީ ޗާލްޓަން އަދި ޖެފް ހާރސްޓް ފަދަ ކުޅުންތެރިންނާއެކު އެވެ.

އެކަމަކު 1966 ވަނަ އަހަރުގެ ފަހުން އިންގްލެންޑް އިން އުންމީދުކުރި ވަރުގެ ކާމިޔާބެއް ވޯލްޑް ކަޕްގައި ނުލިބެ އެވެ. އޭގެ ފަހުން އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1990 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ލިބުމެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތުގައި އިންގްލެންޑް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އެކަމަކު ޒުވާން ސްކޮޑަކާއެކު، އިންގްލެންޑް އިން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ ފޮނި އުންމީދަކާއެކު އެވެ.

ކޯޗު:

ނަން: ގެރެތު ސައުތުގޭޓް
ގައުމު: އިންގްލެންޑް
(47 އަހަރު) 3 ސެޕްޓެމްބަރ 1970 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު

ކުޅުންތެރިއެއްގެ ގޮތުގައި ގެރެތު ސައުތުގޭޓް ފާހަގަވެގެންދިޔައީ މޮޅު ޑިފެންޑަރެއްގެ ގޮތުގަ އެވެ. ސައުތުގޭޓްގެ ކެރިއަރުގައި އޭނާ ވަނީ ކްރިސްޓަލް ޕެލެސް އާއި އެސްޓަން ވިލާ އަދި މިޑްލްސްބަރާ އަށް ކުޅެފަ އެވެ. އިންގްލެންޑްގެ ޤައުމީ ޓީމާއެކު ސައުތުގޭޓް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1996 އަދި 2000 ވަނަ އަހަރުގެ ޔޫރޯގައި ކުޅެފަ އެވެ.

އުމުރުން 35 އަހަރުގައި ސައުތުގޭޓް ވަނީ 2006 ވަނަ އަހަރު ކުޅުމުގެ ކެރިއަރު ހުއްޓާލައި، މިޑްލްސްބަރާގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ސައުތުގޭޓް ވަނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައަށް އެ މަޤާމުގައި މަސައްކަތްކޮށްފަ އެވެ.

އެއަށް ފަހު އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގައި ތިން އަހަރު ހޭދަކުރުމަށް ފަހު، ސައުތުގޭޓަށް އިންގްލެންޑްގެ ސީނިއާ ޓީމުގެ ކޯޗުކަން ހަވާލުކުރީ 2016 ވަނަ އަހަރެވެ. ސޭމް އެލަޑައިސް މަޤާމުން ވަކިކޮށް، ސައުތުގޭޓަށް އެންމެ ފުރަތަމަ އެ މަޤާމު ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު 2016ގެ ނޮވެމްބަރ މަހު ސައުތުގޭޓަށް ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންގްލެންޑްގެ ކޯޗުކަން ހަވާލުކޮށްފަ އެވެ.

މުހިންމު ކުޅުންތެރިން:

ހެރީ ކޭން

އިންގްލެންޑްގެ ފޯވަޑް ލައިންގައި މި ވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިއަކީ ހެރީ ކޭން އެވެ. އުމުރުން 24 އަހަރުގެ ކޭން ވަނީ 2017 /2018 ވަނަ އަހަރުގެ ސީޒަންގައި ވެސް ޓޮޓެންހަމް އަށް ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ.

އިންގްލެންޑްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ސީނިއާ ޓީމުން ކޭން ޖާގަ ހޯދީ 2015 ވަނަ އަހަރެވެ. އަދި އިންގްލެންޑާއެކު 2016 ވަނަ އަހަރުގެ ޔޫރޯގައި އޭނާ ވަނީ ކުޅެފަ އެވެ.

އިންގްލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 23 މެޗުގައި ކޭން ވަނީ 12 ލަނޑު ޖަހައިފަ އެވެ. ފަހުގެ ތާރީހެއްގައި އިންގްލެންޑް ކުޅުނު މުބާރާތުގައި ވޭން ރުނީ ފޯވަޑް ލައިން ލީޑުކުރި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޒިންމާ ކޮނޑުއަޅާނީ ކޭން އެވެ.

ގެރީ ކޭހިލް

ތަޖުރިބާކާރު ޑިފެންޑަރު ގެރީ ކޭހިލް އަކީ އިންގްލެންޑަށް މުހިންމު ކުޅުންތެރިއެކެވެ. އުމުރުން 32 އަހަރުގެ ކޭހިލް އިންގްލެންޑްގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. ޤައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 50 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. ކޭހިލް ވަނީ އިންގްލެންޑާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ.

އެސްޓަން ވިލާ އިން ކެރިއަރު ފެށި ކޭހިލް ޕްރިމިއާ ލީގުގައި ބޮޑަށް ވިދާލީ އޭނާ ބޯލްޓަން ވޮންޑަރާސް އަށް ކުޅެނިކޮށެވެ. ބޯލްޓަންގައި ދެއްކި މޮޅު ކުޅުމާއެކު، 2012 ވަނަ އަހަރު ޗެލްސީން ވަނީ އޭނާ ގެންގޮސްފަ އެވެ. ޗެލްސީގައި ކޭހިލްވެފައިވަނީ މުހިންމު ކުޅުންތެރިއަކަށެވެ. އެ ކްލަބާއެކު އޭނާ ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު