ޓިއުނީޝިއާ (ގުރޫޕް ޖީ)

ފީފާ ރޭންކިން: 14
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1978
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 1978
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖު

ވޯލްޑް ކަޕްގެ ތާރީޙް:

އެފްރިކާ ބައްރަށް ނިސްބަތްވާ ޓިއުނީޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1978 ވަނަ އަހަރެވެ. އާޖެންޓީނާގައި އެ އަހަރު އޮތް ވޯލްޑް ކަޕްގައި ޓިއުނީޝިއާ ލައްވާލީ ވަރުގަދަ ގުރޫޕަކަށެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާ ވަނީ މެކްސިކޯ އަތުން މޮޅުވެފަ އެވެ. މިއީ ވޯލްޑް ކަޕެއްގައި އެފްރިކާގެ ޤައުމަކަށް ލިބުނު ފުރަތަމަ މޮޅެވެ. ދެވަނަ މެޗުގައި ޕޯލެންޑް އަތުން ޓިއުނީޝިއާ ބަލިވި ނަމަވެސް، ގުރޫޕްގެ ފަހު މެޗުގައި ޓިއުނީޝިއާ ވަނީ ވަރުގަދަ ހުޅަނގު ޖަރުމަން އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. އެކަމަކު ޓިއުނީޝިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭ ގޮތެއްނުވި އެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ ތަޖުރިބާ އަށް ފަހު، ޓިއުނީޝިއާ ދެން ވޯލްޑް ކަޕަށް ކޮލިފައިވީ 20 އަހަރަށް ފަހު އެވެ. އެއީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތަށެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޓިއުނީޝިއާ ކެޓީ އެންމެ ޕޮއިންޓަކާއެކު އެވެ.

ޓިއުނީޝިއާ ވަނީ 2002 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވެސް ކޮލިފައިވެފަ އެވެ. އެ ދެ ފަހަރު ވެސް ޓިއުނީޝިއާ ވަނީ އެއް ޕޮއިންޓާއެކު ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

ކޯޗު:

ނަން: ނަބީލް މާލޫލް
ގައުމު: ޓިއުނީޝިއާ
އުފަން ތާރީހު: 25 ޖުލައި 1962 (55 އަހަރު)
ޓީމާ ހަވާލުވީ: 2017 ވަނަ އަހަރު

ތަޖުރިބާކާރު ކޯޗު ނަބީލް ޓިއުނީޝިއާގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރެވެ. އެކަމަކު އޭގެ ކުރިން ވެސް އޭނާ ވަނީ ޓިއުނީޝިއާގެ ކޯޗުކަންކޮށްފަ އެވެ. އަދި ޓިއުނީޝިއާގެ އޮލިމްޕިކް ޓީމާއި ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންކޮށްފަ އެވެ.
ނަބީލް ވަނީ ކުވޭތުގެ ޤައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. އަދި ޓިއުނީޝިއާ އާއި ގަތަރުގެ ކްލަބުތަކަށް ވެސް ވަނީ ކޯޗުކޮށްދީފަ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ވެސް، ނަބީލް އަކީ ޓިއުނީޝިއާގައި ފާހަގަކޮށްލެވޭ މީހެކެވެ. އޭނާ ވަނީ ޓިއުނީޝިއާގެ ޤައުމީ ޓީމަށް 74 މެޗު ކުޅެ، 11 ލަނޑު ޖަހައިފަ އެވެ.

މުހިންމު ކުޅުންތެރިން:

ވަހްބީ ކަޒްރީ

ޓިއުނީޝިއާ ޓީމުގެ މިޑްފީލްޑްގައި ވަހްބ ކަޒްރީ އަކީ މުހިންމު ކުޅުންތެރިއެކެވެ. މިހާރު ފްރާންސްގެ ރެން އަށް ކުޅެމުންދާ ކަރްޒީ ވަނީ ކުރިން ވަނީ ބޯޑޯ އާއި ބަސްޓިއާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ސަންޑަލޭންޑަށް ކުޅެފައެވެ.

ކަރްޒީ ވަނީ ފްރާންސްގެ 20 އަހަރުން ދަށުގެ ޔޫތު ޓީމަށް ކުޅެފަ އެވެ. ފްރާންސަށް އުފަންވި ނަމަވެސް، ޓިއުނީޝިއާ ދަރިކޮޅުގެ ކުޅުންތެރިއަކަށްވުމުން، އޭނާ އަށް ވަނީ ޓިއުނީޝިއާ އަށް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ޓިއުނީޝިއާގެ ޤައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 31 މެޗު ކުޅެ 11 ލަނޑު ޖަހައިފަ އެވެ.

އައިމަން މަތްލޫތީ

ޓިއުނީޝިއާގެ ކެޕްޓަން އައިމަން މަތްލޫތީ އަކީ އެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް ކުޅެމުންދާ މަތްލޫތީ އަކީ މި ވަގުތު ޓިއުނީޝިއާގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މަތްލޫތީގެ ކެރިއަރުގެ ބޮޑުބައި އޭނާ ހޭދަކުރީ ޓިއުނީޝިއާގެ އެޓައޮއިލް ޑު ސަހެލްގަ އެވެ. ޔޫރަޕާއި އޭޝިއާގެ ކްލަބުތަކުން އޭނާ އަށް ފުރުސަތުތައް ލިބުނު ނަމަވެސް، އޭނާ ބޭނުންވީ އެ ކްލަބުގައި މަޑުކުރުމަށެވެ.