ޕޯލެންޑް (ގުރޫޕް އެޗް)

ފީފާ ރޭންކިން: 10
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1938
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2006
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ (1982،1974)

ވޯލްޑް ކަޕްގެ ތާރީޙް:

ޕޯލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1838 ވަނަ އަހަރެވެ. ފްރާންސްގައި އެ އަހަރު އޮތް މުބާރާތުގެ ފުރަތަމަ ބުރުން ޕޯލެންޑް ވަނީ ކަޓައިފަ އެވެ.

އެއަށް ފަހު، ޕޯލެންޑް ވޯލްޑް ކަޕަށް ކޮލިފައިވީ 1974 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ތިން ވަނަ ޕޯލެންޑް ހޯދި އެވެ. އެއަށް ފަހު ޕޯލެންޑް ވަނީ 1978 ވަނަ އަހަރު އާޖެންޓީނާ އޮތް މުބާރާތުގައި ވާދަކޮށްފަ އެވެ. އެކަމަކު އެ އަހަރުގެ މުބާރާތުން ޕޯލެންޑް ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ.

ޕޯލެންޑް ވަނީ އެއަށް ފަހު އޮތް ދެ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. ސްޕެއިންގައި 1982 ވަނަ އަހަރު އޮތް މުބާރާތް ވެސް ޕޯލެންޑް ނިންމާލީ ތިން ވަނައިގަ އެވެ. އަދި މެކްސިކޯގައި 1986 ވަނަ އަހަރު އޮތް މުބާރާތުން ޕޯލެންޑް ކެޓީ ގަދަ 16ގެ ބުރުންނެވެ.

މެކްސިކޯގައި 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިނުވެ، ޕޯލެންޑް ދެން ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރެވެ. އެ ފަހަރުގެ މުބާރާތުން ޕޯލެންޑް ފުރަތަމަ ބުރުން ކެޓިއިރު، 2006 ވަނަ އަހަރުގެ މުބާރާތުން ވެސް ޕޯލެންޑް ކެޓީ ފުރަތަމަ ބުރުންނެވެ.

ކޯޗު

ނަން: އެޑަމް ނަވަލްކާ
ގައުމު: ޕޯލެންޑް
އުފަން ތާރީހު: 23 އޮކްޓޯބަރ 1957 (60 އަހަރު)
ޓީމާ ހަވާލުވީ: 2013 ވަނަ އަހަރު

ޕޯލެންޑް ކޯޗު އެޑަމް ނަވަލްކާ ވަނީ ޕޯލެންޑް ޤައުމީ ޓީމަށް 1977 އިން 1980 ވަނަ އަހަރާ ހަމައަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ ޕޯލެންޑްގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ވިސްލާ ކްރާކޯވް އަށް 1975 އިން 1985 ވަނަ އަހަރާ ހަމައަށް ކުޅެފަ އެވެ.

ކޯޗިން ކެރިއަރު 1996 ވަނަ އަހަރު ފެށުމަށް ފަހު، ނަވަލްކާ ވަނީ ވިސްލާ ކްރޯކޯވް އަށް ތިން ފަހަރެއްގެ މަތިން ކޯޗުކޮށްދީފަ އެވެ. އަދި 2007 އިން 2008 ވަނަ އަހަރަށް އޭނާ ވަނީ ޕޯލެންޑްގެ ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކޮށްފަ އެވެ. ޕޯލެންޑްގެ ޤައުމީ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2013 ވަނަ އަހަރެވެ.

ނަވަލްކާގެ އިރުޝާދުގެ ދަށުން ޕޯލެންޑް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ ޔޫރޯގައި ޕޯލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ވެސް ޕޯލެންޑް ކޮލިފައިވީ ނަވަލްކާގެ އިރުޝާދުގެ ދަށުންނެވެ.

މުހިންމު ކުޅުންތެރިން:

ރޮބަޓް ލެވަންޑޮވްސްކީ

ޕޯލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީ އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުންތެރިޔާ އެވެ. ޕޯލެންޑްގެ ޤައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ލެވަންޑޮވްސްކީ ވަނީ ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 91 މެޗުގައި 51 ލަނޑު ޖަހައިފަ އެވެ.

ލެވަންޑޮވްސްކީ އަކީ ޕޯލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ލެވަންޑޮވްސްކީ ވަނީ ޔޫރޯ 2012 އަދި 2016ގައި ޤައުމީ ޓީމަށް ކުޅެފަ އެވެ.

ޕޯލެންޑްގައި ކެރިއަރު ފެށުމަށް ފަހު، ލެވަންޑޮވްސްކީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވީ 2010 ވަނަ އަހަރެވެ. ލެވަންޑޮވްސްކީ ޔޫރަޕްގައި ވިދާލީ އެ ކްލަބުގަ އެވެ. ލެވަންޑޮވްސްކީ ވަނީ އެ ކްލަބުގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި ކުޅުނު 131 މެޗުން 74 ލަނޑު ޖަހައިފަ އެވެ.

ހިލޭ ޓްރާންސްފާއެއްގައި ލެވަންޑޮވްސްކީ ބަޔާން މިއުނިކް އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. ބަޔާނަށް މިހާތަނަށް އެނާ ކުޅުނީ 120 މެޗުގައި އެނާ ވަނީ 100 ލަނޑު ޖަހައިފަ އެވެ.

އަރްކަޑުއިޒް މިލިޗް

ނަޕޯލީގެ ފޯވާޑް އަރްކަޑުއިޒް މިލިޗް އަކީ ޕޯލެންޑްގެ ފޯވަޑްލައިންގައި ލެވަންޑޮވްސްކީއާއެކު މުހިންމު ރޯލު އަދާކުރާ ކުޅުންތެރިޔާ އެވެ. ނަޕޯލީ އަށް 2016 ވަނަ އަހަރު ބަދަލުވުމުގެ ކުރިން، މިލިޗް ވަނީ ނެދަލޭންޑްސްގެ އަޔަކްސް އާއި ޖަރުމަންގެ އޮގްސްބާގް އަދި ބަޔާ ލޭވަކޫސަން އަށް ކުޅެފަ އެވެ.

ޕޯލެންޑްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ޕޯލެންޑްގެ ޤައުމީ ޓީމަށް މިލިޗް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. ޕޯލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް 30 އަށްވުރެ ގިނަ މެޗު ކުޅެ، މިލިޗް ވަނީ 12 ލަނޑު ޖަހައިފަ އެވެ.

ގްރެގޯރްޒް ކްރިޗޯވިއަކް

ކްރިޗޯވިއަކް އަކީ ޕޯލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. ޕޯލެންޑްގެ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ކްރިޗޯވިއަކް ވަނީ ފްރާންސްގެ ބޯޑޯ، ޕީއެސްޖީ އަދި ސްޕެއިންގެ ސެވިއްޔާ އަށް ކުޅެފަ އެވެ. ކްރިޗޯވިއަކް މިހާރު ކުޅެމުންދަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ބްރޮމްއަށެވެ.

ކްރިޗޯވިއަކް ވަނީ ޕޯލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް 40 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. އަދި ޤައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރި އެވެ.