އެކުވެރިކަމުގެ މެޗެއްގައި ރޭ ކޮސްޓަރީކާ އާއި ދެކޮޅަށް ބެލްޖިއަމް އިން ކުޅުނު މެޗުގައި، އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އެޑެން ހަޒާޑް އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ބެލްޖިއަމް ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ރޭގެ މެޗު 1-4 އިން ބެލްޖިއަމް އިން ކާމިޔާބުކުރިއިރު މެޗުގެ 70 ވަނަ މިނެޓްގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަޒާޑް ވަނީ ބަދަލުކޮށްފައެވެ. އަނިޔާވުމުގެ ކުރިން ހަޒާޑް ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި އަނިޔާއާ ގުޅިގެން ރޭގެ މެޗަށްފަހު ބެލްޖިއަމް ޓީމުގެ ކޯޗު މާޓިނޭޒް ބުނީ ހަޒާޑް އަށް ލިބުނީ ކަންބޮޑުވާންޖެހޭ ވަރުގެ އަނިޔާއެއް ނޫން ކަމަށާއި އޭނާ ހުރީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

"ހަޒާޑް ހުރީ ރަނގަޅު ހާލަތެއްގައި. އޭނާގެ ފަޔަށް ކުޑަކޮށް ތަދެއް އެރީ. އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން. ހަޒާޑްގެ ފަރާތުން ރޭ ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ" މާޓިނޭޒް ބުންޏެވެ.

ބެލްޖިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ކޮސްޓަރީކާ އިންނެވެ. މި ގޯލު މެޗުގެ 24 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރުއިޒްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެލްޖިއަމް އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. މި ދެ ގޯލު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ މާޓެންސް އާއި ލުކާކޫއެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ލުކާކޫ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ބެލްޖިއަމްގެ ލީޑު ފުޅާކޮށްދީފައެވެ. ލުކާކޫ ދިން ޕާހަކުން ބެލްޖިއަމް ޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަޓްޝުއާއީއެވެ.

ރޭގެ މެޗަކީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބެލްޖިއަމް އިން ކުޅުނު ފަހު މެޗެވެ. ވޯލްޑް ކަޕްގައި ބެލްޖިއަމް ލައްވާލާފައިވަނީ ގްރޫޕް ޖީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިންގްލޭންޑާއި ޓިއުނީޝިއާގެ އިތުރުން ޕެނަމާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ބެލްޖިއަމް ބައްދަލުކުރާނީ ޕެނަމާއާއެވެ.