އަޔަކްސްގެ ވިންގަށް ކުޅެމުންއަންނަ ޖަސްޓިން ކްލެއިވާޓް ރޯމާ އަށް ބަދަލު ވުމުގެ ކުރިން އެ ކްލަބުގައި މެޑިކަލް އެއް ހަދައިފިއެވެ.

19 އަހަރުގެ ކްލެއިވާޓް އަކީ ކުރީގެ ނެދަލޭންޑްސް ގައުމީ ޓީމަށް ކުޅެމުން އައި ފޯވާޑު ޕެޓްރިކްގެ ދަރިއެވެ. އޭނާ ރޯމާގައި މެޑިކަލް ހަދަން އައިސް ރޯމްގެ ފިއުމިޗީނޯ އެއާޕޯޓުގައި ހުއްޓާ ގިނަ ބަޔަކު ވަނީ އޭނާގެ ފޮޓޯ ނަގާފައެވެ.

މިދިޔަ އަހަރު ޖެނުވަރީގައި އަޔަކްސް އަށް ފުރަތަމަ ކުޅުނު ކްލެއިވާޓް އޭނާގެ ފުރަތަމަ ސީނިއާ ލަނޑު ކާމިޔާބު ކޮށްފައި ވަނީ އަޔަކްސް އާއި ގުޅުނުތާ ދެ މަސް ފަހުންނެވެ. މިދިޔަ ސީޒަނުގައި 30 މެޗުގައި ކްލެއިވާޓް ވަނީ އަޔަކްސް އަށް ދިހަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

މެންޗެސްޓާރ ޔުނައިޓެޑުން ގެންނަން ބޭނުންވި ނަމަވެސް ރޯމާ އިން ވަނީ 20 މިލިއަން ޔޫރޯ އަށް އޭނާ ގެންދަން އެއްބަސް ވެފައެވެ. ކްލެއިވާޓް ސީނިއާ ޓީމަށް ޕްރޮމޯޓު ވެފައި ވަނީ އަޔަކްސްގެ އެކެޑަމީ އެންނެވެ. އޭނާގެ ބައްޕަ ޕެޓްރިކް ވެސް އަޔަކްސް ދޫކޮށް ގޮސްފައި ވަނީ އިޓަލީގެ ކްލަބަކަށެވެ،

ޕެޓްރިކް އަޔަކްސް އަށް ކުޅެފައި ވަނީީ 1994 - 1997 އަށެވެ. އޭނާ ވަނީ މިއަހަރުތަކުގައި ލީގު ދެފަހަރު ނެގުމަށްފަހު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. 70 މެޗު ކުޅެ 39 ގޯލު އަޔަކްސް އަށް ކާމިޔާބު ކޮށްދީފައި ވާއިރު އޭނާ ވަނީ އޭސީ މިލާން އަދި ބާސެލޯނާ އަށް ވެސް ކުޅެފައެވެ.