ނޭމާ އަކީ ބްރެޒިލްގައި މިހާރު ހުރި އެންމެ މަޤުބޫލި ތަރިއެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ ނޭމާއަކީ، ކުރިއަށް އޮތް ވޯލްޑް ކަޕާވެސް ގުޅިފައިވާ މުޙިއްމު ނަމެކެވެ.

ބްރެޒިލްގެ ޓީވީ ޝޯވ އެއްކަމަށްވާ ކެލެޑެއިރާއޯ ޑޮ ހަކް ގެ އެޕިސޯޑެއްގައި ނޭމާއަށް ޚާއްޞަ ސެގްމެންޓެއް ވަނީ ގެނެސްދީފައެވެ. މި ސެގްމެންޓުގައި ނޭމާގެ ގިނަ ވާހަކަތަކެއް ގެނެސްދިންކަމުގައިވިޔަސް، އޭނާއާ ގުޅިގެން ގެނެސްދިން އެންމެ މުޙިއްމު ކަމަކީ އަދި މިއީއެއް ނޫނެވެ.

މި ޝޯވ ކުރިއަށް ދިޔަ ސްޓޫޑިއޯގައި، ނޭމާގެ ޅަ އުމުރުގެ ދުވަސްތައް ހޭދަކުރި ކޮޓަރިއާ އެއްގޮތަށް ކޮޓަރިއެއް ނުވަތަ އެކޮޓަރީގެ ރެޕްލިކާއެއްވަނީ ހަދާފައެވެ. އެންމެ ކުދި ކުދި ކަންތައްތަކަށް ދަންދެން، ނޭމާގެ ކޮޓަރިއާއި، ސްޓޫޑިޔޯގައި ހެދި ކޮޓަރިވަނީ އެއްގޮތްކޮށްފައެވެ.

ނޭމާއަށް މި ކޮޓަރި ދައްކާލުމުން، އެތައް ހަނދާންތަކެއް އައުވެ، އޭނާއަށްވަނީ ރޮވޭގޮތް ވެފައެވެ. އަދި، ޝޯވގައި، އޭނާގެ މަންމަވެސް ބައިވެރިވިއިރު، ރޮވެމުންދިޔައިރު ކައިރީގައި ހުރީވެސް މަންމައެވެ. މިކަންވީ، އޭނާގެ ގިނަ ފޭނުންނަށްވެސް އަސަރުކުރުވި ކަމަކަށެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި ފުޓުބޯޅަ ކުޅުންތެރިޔާކަމުގައިވާ ނޭމާގެ ޕްރޮފެޝަނަލް ކެރިއަރު ފަށާފައިވަނީ ބްރެޒިލްގެ ސަންތޯސް އިންނެވެ.