ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، މިޞްރުގެ ޤައުމީ ޓީމުން ގާހިރާގައި ކުރިއަށް ގެންދިޔަ ފަހު ފަހު ފަރިތަކުރުމުގައި، އެޤައުމުގެ އެންމެ އުންމީދީ ކުޅުންތެރިޔާ މުޙައްމަދު ޞަލާހު ބައިވެރިއެއް ނުވެއެވެ. ފަރިތަކުރުންތަކުގައި ޞަލާހު ބައިވެރިވެފައިނުވަނީ، އޭނާއަށް ލިބިފައިވަނީ އަނިޔާ އަވަހަށް ރަނގަޅުވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ފަރިތަކުރުންތަކުގައި ޢަމަލީ ގޮތުން ބައިވެރިނުވިކަމުގައިވިޔަސް، ފަރިތަކުރުން ކުރިއަށް ދިޔަ ސަރަޙައްދަށް އޭނާވަނީ ގޮސްފައެވެ. އަދި، އެތަނުގައި ހުރެގެން، އެސަރަޙައްދަށް އެއްވެފައި ތިބި އާއްމުންނާ މުހާތަބުކޮށް ވާހަކަ ދައްކާފައިވެސްވެއެވެ.

އާއްމުންނާ މުހާތަބުކޮށް ޞަލާހު ބުނެފައިވަނީ މިޞްރަކީ ރަނގަޅު ޓީމެއްކަމަށާއި އެޓީމުގައި ހުރީ ރަނގަޅު ކޯޗެއްކަމަށެވެ. އަދި، އުންމީދަކީ ދެވަނަ ބުރަށް ދިޔުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުން، އޭނާ ބުނެފައިވަނީ އޭނާގެ ޙާލަތު މިހާރު ރަނގަޅުވަމުން އަންނަކަމަށާއި އަދި އުއްމީދު ކުރަނީ ފުރަތަމަ މެޗުގައިވެސް އޭނާ ކުޅެވުންކަމަށެވެ. އެހެންނަމަވެސް، އެކަން އަދި އިތުރު އެހެން ކަންކަމުގެ މައްޗަށް ބަރޯސާވާކަމަށްވެސް، އެތައް ބައެއްގެ ލޯބި ލިބިފައިވާ ކުޅުންތެރިޔާ ބުނެފައިވެއެވެ.

ޞަލާހަށް އަނިޔާވެފައިވަނީ މިދިޔަ މަހު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި، ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅެނިކޮށެވެ.