ކުރިއަށް އޮތް ވޯލްޑް ކަޕުގެ މެޗުތައް ދެއްކުމަށް ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސް) އާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ދެކުންފުނިން އެއްބަސްވެފައިވަނީ ދިރާގު ޓީވީ މެދުވެރިކޮށް މެޗުތައް ދެއްކުމަށެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރ އަޙުމަދު މައުމޫނެވެ. އަދި، ޕީއެސްއެމްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައިވަނީ އެކުންފުނީގެ އަމާޒަކީ ހުރިހާ ދިވެހި ރައްޔިތުންނަށް، އެއްވެސް އަގެއް ނުނަގައި ވޯލްޑް ކަޕް ބެލޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

ހަމައެހެންމެ، ދިރާގަކީ، ޕީއެސްއެމް އިން ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ކުންފުންޏެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުންވެސް، މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވެފައިވަނީ ފީފާ ވޯލްޑް ކަޕް ދެއްކުމަށް، ރާއްޖެ ސަރަޙައްދަށް ލައިސަންސް ލިބިފައިވާ ފަރާތަކީ އެކުންފުނިކަމަށެވެ. އަދި، ވޯލްޑް ކަޕް ރީ-ބްރޯޑްކާސްޓުކުރުމުގެ ލައިސަންސަކީ އެހެން ލައިސަންސެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މިކަންކަން، މީޑިޔާތަކުން ރިޕޯޓުކުރުމުގައި އޮޅުވާ ނުލުމަށް އޭނާ އެދިލެއްވިއެވެ.

ޕީއެސްއެމްގެ ޓީވީއެމް އާއި ޔެސް ޓީވީ އިން އެޗްޑީކޮށް ވޯލްޑް ކަޕް ދުރަށް ދައްކާނެއެވެ.