ދިވެހިންގެ މެދުގައި މަގުބޫލު ފީފާ ވޯލްޑް ކަޕް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު އެ މުބާރާތް ރީބްރޯޑްކާސްޓަރުންނަށް ވެސް ދެއްކޭނެ ކަމަށާއި، އެކަމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

މީގެ ކުރިން ޕީއެސްއެމުން ބުނެފައި ވަނީ "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ"ގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެއީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށާއި އެ ފަދަ ކަމެއް ހިންގާާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު ބްރޯޑްކާސްޓިން ކޮމިޝަނުގައި ބޭއްވި، ޕީއެސްއެމް އާއި މީޑިއާ ނެޓާއި ދިރާގުގެ އޮފިޝަލުން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ، ރީބްރޯޑްކާސްޓަރުން ދައްކާ ޗެނަލްތަކަކީ އެ ފަރާތްތަކުގެ މެދުގައި ނޮން އެކްސްކުލޫސިވް އެގްރީމެންޓެގައި ސޮއިކުރެވިގެން ދައްކާ ޗެނަލްތަކެއް ކަމަށާއި ރީބްރޯޑްކާސްޓަރުން ދައްކާ ޗެނަލަކުން ވޯލްޑް ކަޕް ދައްކާ ނަމަ، ރާއްޖޭގައި ވެސް އެ ދެއްކުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

ޝަހީބް ވިދާޅުވީ، ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރު ކަމަށްވާ ސޮނީ ސްޕޯޓްސް ނެޓްވޯކުން ޕީއެސްއެމް އަށް ދީފައިވަނީ "ކްލީން ފީޑެއް" ކަމަށާއި، ރީބްރޯޑްކާސްޓަރުންނަށް ދީފައިވަނީ "ޑާޓީ ފީޑެއް" ކަމަށެވެ. އަދި ކްލީން ފީޑަކީ އެއްވެސް ލޯގޯ އަކާއި ނުލައި ލިބޭ ފީޑެއް ކަމަށާއި ޑާޓީ ފީޑް އަކީ ޗެނަލްތަކުގެ ލޯގޯއާއި އެކު އަންނަ ފީޑެއް ކަމަށް އޭނާ ދިޔައިދިނެވެ.

އަދި ރީބްރޯޑްކާސްޓަރުންނަށް އޮންނާނީ ޗެނަލް ރައިޓްސް ކަމަށާއި އެ ބޭފުޅުން ޔަގީން ކުރަންވީ ސޮނީ ޓެން އަށް ދެއްކުމުގެ ހުއްދަ އޮތްކަން ކަމަށް ވިދާޅުވިއެވެ. އަދި ސޮނީ ޓެން އާއި އެކު މީޑިއާ ނެޓުން އެއްބަސްވުމެއް އޮތިއްޔާ އެކަމުގައި މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް އިން ފިޔަވަޅު އަޅާނެ ކަމަށް ބުނި ބުނުމާއި ބެހޭގޮތުން ޕީއެސްއެމްގެ ޑިރެކްޓާ އޮފް ކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީން ވިދާޅުވީ އެ ކުންފުނިން ވޯލްޑްކަޕާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހުއްދަ ނޫން ގޮތުގައި ވޯލްޑް ކަޕް ދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ ވާހަކަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިއާ ޚަލީފާ

    ކުފޫ ހަމަނުވާ މީހުން ތަންތަނަށްލީމަ ވާނީ ތިހެން.

  2. ފުރޭތަ

    ޙހަހަހަހަ... ތަމެން ފަރަށް ދޭބަލަ.. ޓވމ އިން މީހުން ލައްވާ ވޯލްޑްކަޕް ބަލުވަންޏާ

    • މަމެން

      މަމެން ބަލާނީ ޓީވީ އެމް އިން .... މީޑިއާ ނެޓުން ރުފިޔާ ކެއުން ކުރާހާ ކަމަކީ...

  3. ކައުންސެލަރު

    ގޮތްހުސްވީމާ ދެންކޮންމެސް އެއްޗެއް ކިޔަންޖެހޭނެ. މިއޮތްހާދުވަހު ކިޔަމުން އައި ޅެންފަރިއްސަށްވެ ނިމުނީ. ހަތިޔާރުގެ ބާރުކެނޑި އެލުނީ!!

  4. ގާރޫނު

    ބޭނުންހާއެއްޗެއް ނެހެދޭނެ!!!!!