އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރާނެ ޓީމުތައް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ލަފާކޮށްފިއެވެ.

ރަޝިޔާގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ "އާރްޓީީ" އިން ވޯލްޑް ކަޕަށް ހާއްސަކޮށްގެން ގެނެސްދޭ ސެގްމެންޓުގައި މޮރީނިއޯ ވަނީ މީގެކުރިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެ ޓީމުތައް ލަފާކޮށްފައެވެ.

"އާރްޓީ" އިން މިއަދު ނެރުނު ވީޑިޔޯގައި މޮރީނިއޯ ވަނީ މުބާރާތުގެ ކުއާޓާފައިނަލް އަދި ސެމީފައިނަލަށް ދަތުރުކުރާނެ ޓީމުތައް ލަފާކޮށްފައެވެ.

އެގޮތުން އުރުގުއޭ އާއި ޕޯޗުގަލް ބައްދަލުކޮށް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރާނެ ކަމަށް މޮރީނިއޯ ލަފާކޮށްފައިވަނީ ޕޯޗުގަލްއެވެ. އަދި ނައިޖީރިއާގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ކުއާޓާ އަށް ފްރާންސް ދަތުރުކުރާނެ ކަމަށް މޮރީނިއޯ ލަފާކޮށްފައިވާއިރު މެކްސިކޯގެ މައްޗަށް ކުރި ހޯދައި ބްރެޒިލް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރާނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން ޕޮލެންޑާއި އިންގްލޭންޑް ބައްދަލުކޮށް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރާނީ އިންގްލޭންޑް ކަމަށް މޮރީނިއޯ ލަފާކޮށްފައިވާއިރު ރަޝިއާގެ މައްޗަށް ކުރި ހޯދައި ސްޕެއިން ވެސް ކުއާޓާ އަށް ދަތުރުކުރާނެ ކަމަށް މޮރީނިއޯ ލަފާކޮށްފައިވެއެވެ. އަދި އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދައި އާޖެންޓީނާ ކުއާޓާ އަށް ދަތުރުކުރާނެ ކަމަށާއި ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައި ޖަރުމަނުން ވެސް ކުއާޓާ އަށް ދަތުރުކުރާނެ ކަމަށް މޮރީނިއޯ ލަފާކޮށްފައިވެއެވެ. އަދި ބެލްޖިއަމް އާއި ސެނެގާލް ބައްދަލުކޮށް ކުއާޓާ އަށް ދަތުރުކުރާނީ ބެލްޖިއަމް ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

މުބާރާތުގެ ކުއާޓާގައި ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރާނެ ކަމަށް މޮރީނިއޯ ލަފާކުރިއިރު، އެތަނުން ސެމީއަށް ދާނީ ޕޯޗުގަލް ކަމަށް މޮރީނިއޯ ބުންޏެވެ. އަދި ބްރެޒިލް އާއި އިންގްލޭންޑް ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވެ ބްރެޒިލް ސެމީއަށް ދާނެ ކަމަށް މޮރީނިއޯ ލަފާކުރިއިރު ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވެ ސެމީއަށް ދާނީ އާޖެންޓީނާ ކަމަށްވެސް މޮރީނިއޯ ލަފާކޮށްފައިވެއެވެ. މީގެއިތުރުން ޖަރުމަނާއި ބެލްޖިއަމް ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވެ ސެމީއަށް ޖަރުމަނު ދަތުރުކުރާނެ ކަމަށްވެސް އޭނާ ވަނީ ލަފާކޮށްފައެވެ.

މޮރީނިއޯ ލަފާކޮށްފައިވާ ގޮތުގައި މުބާރާތުގެ ސެމީގައި ޕޯޗުގަލް ބައްދަލުކުރާނީ ބްރެޒިލްއާއެވެ. އަދި އަނެއް ސެމީގައި ބައްދަލުކުރާނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި އާޖެންޓީނާ އާއި ޖަރުމަނެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރާނެ ޓީމުތަކާއި އަދި ޗެމްޕިއަންކަން ނަގާނެ ކަމަށް މޮރީނިއޯ ލަފާކޮށްފައިވާ ޓީމު މާދަމާ "އާރްޓީ" ޗެނަލް އިން ހާމަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކިތަންމެ މޮޅުވެއްޖެ މީހަކަށްވެސް ނޭނގޭނެ މެޗުތައްނިމިގެން ދާނެ ގޮތެއް! ދިވެހިރާއްޖެ ސައުތު ކޮރެއާ އެއްވަރު ކުރުން މިކަމަށް ފުދޭ

  2. އައްޓަމަސް

    މަގޭ ޚިޔާލުގައި މިސްރު ދާނެ ކުއާޓަރއަށް، ގިނަދިވެހިންވެސް ނަގާނީ މޮރީނިޔޯ ބުނެފައިވާޓީމްތައް! އަހަރެމެން އެންމެންވެސް ސަޕޯޓްކުރަނީ އަބަދުވެސް މޮޅުޓީމްތަކަށް، އެހެންތާވާނީ އިންތިޚާބެއްގައިވެސް ބަލިވާމީހާއަށް ވޯޓްދިން މީހުނެއް ނުތިބޭވިއްޔަ، މަ މިފަހަރު ބުނާނީ ކުއަޓަރގައި އެފްރިކާގެ 1 ނުވަތަ 2 ޓީމް ކުޅެނެޔޭ

  3. ޖުލާން

    "މުބާރާތުގެ ކުއާޓާގައި ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރާނެ ކަމަށް މޮރީނިއޯ ލަފާކުރިއިރު، އެތަނުން ސެމީއަށް ދާނީ ޕޯޗުގަލް ކަމަށް މޮރީނިއޯ ބުންޏެވެ."

    ވަރަށް ހީނުވޭ ?⚽⚽⚽⚽??

  4. އެޑަމް

    އެމީހަކަށް ލަފާކުރެވޭގޮތް ހަމަ ބުނެލަންވީ އޭގަ ނެތް މައްސަލައެއް...