ރެއާލް މެޑްރިޑްގެ ކޯޗަކަށް، ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗު، ޖޫލިއަން އައްޔަން ކުރުމަށް ހަމަޖައްސާފައިވާ ކަން އިއުލާނުކޮށްފިއެވެ.

އެންމެ ފަހުން ކުޅުނު ޗެމްޕިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުން މިކަން އިއުލާނުކޮށް ބުނެފައިވަނީ، ޖޫލިއަން މި މަޤާމަށް އައްޔަންކުރުމަށްޓަކައި ވާންޖެހޭ ހުރިހައި އެއްބަސްވުމެއްވެ ނިމިފައިވާއިރު، އޭނާ މަޤާމާއި ޙަވާލުވާނީ ކުރިއަށް އޮތް ވޯލްޑް ކަޕް މުބާރާތަށް ފަހު ކަމަށެވެ.

ރެއާލް އިން ބުނެފައިވަނީ، ޖޫލިއަން އެ ކްލަބުގެ ކޯޗުކަމުގެ މަޤާމު ތިން އަހަރު ދުވަހުގެ މުއްދަތަތަކަށް އައްޔަންކުރުމަށް އެއްބަސްވެވި، ސޮއިކޮށްފައިވާ ކަމަށެވެ.

ރެއާލްގެ ކޯޗަކަށް، އުމުރުން 51 އަހަރުގެ ޖޫލިއަން ހަމަޖައްސާފައި މިވަނީ، އެ ޓީމުގެ ކޯޗުކަން އެންމެ ފަހުން ކޮށްފައިވާ ކޯޗު، ޒައިނުއްދީން ޒިދާން، ޗެމްޕިއަންސް ލީގަށް ފަހު ކުއްލި ގޮތަކަށް ކްލަބުގެ ކޯޗުކަމުން އިސްތިއުފާ ދީފައި ވަނިކޮށެވެ. ޒިދާން އިސްތިއުފާ ދިނުމާއި އެކު، ރެއާލްގެ ކޯޗުކަން ކުރުމަށް ޓޮޓެންހަމްގެ މެނޭޖަރ ވެސް ޝަޢުޤުވެރިކަން ފާޅުކޮށްފައި ވެއެވެ. އެހެން ނަމަވެސް އޭނާ އާއި އެކު ކްލަބުން އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

ޗެމްޕިއަން ލީގުގެ އެންމެ ފަހުން ކުޅުނު ސީޒަނުގައި ރެއާލް މެޑްރިޑުން ޗެމްޕިއަންކަން ހޯދާފައިވާއިރު، މިއީ އެ ކްލަބުން ލީގު ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މިއީ ޗެމްޕިއަންސް ލީގުގެ މުޅިން އާ ރެކޯޑެކެވެ.