ބ. އޭދަފުށީގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ރޭ އާންމުކުރި އެންގުމެއްގައި ވަނީ، އޭދަފުށީ މުޖްތަމައުގެ ތެރޭގައި މި ބަލި ފެތުރެމުން އަންނަ މިންވަރު އިތުރުވަމުން އަންނާތީ ކޮންމެހެން މަޖުބޫރުވެގެން ނޫން ހާލަތެއްގައި ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ. އަދި މިގޮތަށް ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނިކުމެ އުޅޭއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެެން ނުކުތުމަށް އެ އެންގުމުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކެފޭ/ރެސްޓޯޜެންޓު ފަދަ ތަންތަނުންވެސް ދެމުން އަންނަ ޑެލިވަރީ ހިދުމަތް ނޫން ހުރިހަ ހިދުމަތެެއް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މި އެންގުމަށް މިއަދުން ފެށިގެން ދާނީ އަަމަލުކުރަމުންނެވެ.

މީގެ އިތުރުން ބޯކޮށާ ތަންތަން ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް އެ ކައުންސިލުން ވަނީ އަންގައިފައެވެ.އާންމު ތަންތަނުގައި ހުން ޖޯލިފަތިިތަކަށްވެސް މީހުން އެއްވުން ހުއްޓާލައި ކުޅިވަރު މައިޒާންތަކަށް މީހުން އެއްވެ ކުޅިވަރުކުޅުން ވެސް ވަނީ މުއްދަތެއް ނެތް ގޮތައް ހުއްޓާލަން އަންގައިފައެވެ.

އެރަށުން މިހާތަނަށް ޖުމްލަ 12 މީހަކު ވަނީ މި ބައްޔަށް ފައްސިވެެފައެވެ. ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ފަސް ސުންކެއް އިއްޔެ އެކަނިވެސް ވަނީ މި ބައްޔަށް ފައްސިވެެފައެެވެ.

ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ފައްސިވި މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6608309 އަށް ގުޅައި ހިއްސާކޮށް ދިނުމަށް ހޮސްޕިޓަލުން އެދެއެވެ.

ކޮވިޑުން ދިފާއުވުމަށް އޭދަފުށީގައި މިހާރު ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުވެސް މިހާރު ވަނީ މެދު ކަނޑާލައިފައެވެ.

އޭދަފުއްޓަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްކަމަށް ވުމުންނާއި އެހެނިހެން ބޭނުންތަކުގައި ވެސް ވަރަށް ގިނައިން އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ދަތުރުކުރާ ރަށަކަށް ވުމުން އެހެން ރަށްތަކަށް ބަލި ފެތުރިފައި އޮތުމުގެ ބިރު ވެސް ވަރަށް ބޮޑެވެ.

އޭދަފުށިން މި ފަހުން 14 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމާފުޅު

    ޕޮޒިޓިވް ވި ގިނަ މީހުންނަކަށް ނޭން ބަލިޖެހިފައިވާ ކަމެއް ، ރަށު ތެރެއިން ރެންޑަމް ސާންޕަލް ނެގިފަހުން އެނގުނީ ޕޮޒިޓިވްކަން.. ރަށްފުށުގެ މިޖެހޭ އާދައިގެ ރޯގާ އަށްވެސް މި ޓެސްޓް ކިޓްތަކުން ޕޮޒިޓިވްވާ ކަމަށްވަނީ ގޮތް ނިންމާނީ ސިއްޙީމާހިރުން ، އަދި މިކަމަކަށް ވަކި ޙާއްސަ ބޭހެއްވެސް ނެތް ، ހަމަ ހުންއައީމަދޭ '' ޕެނަޑޯލް'' ގުޅައެއް މި ދެނީ ދެން ބުނަނީ ދިޔާ އެޗެއްހި ބޭނުން ކުރާށޭ! މީ ކުރިގައިވެސް ހުމާ ރޯގާއަށް އަމަލު ކުރާ އުސޫލަކީ މީ. ޕޮޒިޓިވް ވި ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދެން އާމީން..