އާޖެންޓީނާ އަށް ވޯލްޑް ކަޕު ކާމިޔާބު ނުކުރެވުނަސް މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބާސެލޯނާ އަދި ކްރޮއޭޝިޔާގެ މެދުތެރެއަށް ކުޅެމުން އަންނަ އިވާން ރަކިޓިޗް ބުނެފިއެވެ.

ބާސެލޯނާގައި މެސީ އާއި އެކީ ކުޅެމުން އަންނަ ރަކިޓިޗް ގަބޫލު ކުރަނީ އާޖެންޓީނާއާއެކު މެސީ އަށް މިފަހަރުގެ ވޯލްޑް ކަޕު ތަށި ނުނެގުނަސް އޭނާ އަކީ އެއްވަނަ ކަމަށެވެ. 30 އަހަރުގެ ލިއޮނަލް މެސީ އަށް އޭނާގެ ފުޓުބޯޅަ ހަޔާތުގައި އާޖެންޓީނާ އާއި އެކު ކާމިޔާބީ އެއް ލިބިފައި ނުވާއިރު މިފަހަރުގެ ވޯލްޑް ކަޕު ކާމިޔާބު ކުރުން އޭނާ އަށް ވަރަށް މުހިންމު ކަމަށް މެސީ މީގެ ކުރިން މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

ނަމަވެސް އާޖެންޓީނާ އާއި އެކު ނައިޖީރިއާ އައިސްލޭންޑާއި ގުރޫޕު ޑީގައި އެކީ ކުޅެން ޖެހޭ ކްރޮއޭޝިޔާގެ މިޑްފިލްޑަރު ރަކިޓިޗް ބުނަނީ ވޯލްޑް ކަޕުގެ ސަބަބުން މެސީ ދެކޭގޮތް ބަދަލެއް ނުވާނެ ކަމަށެވެ.

" ފުޓުބޯޅަ އަކީ ޓެނިސް އެއް ނޫން، މެސީ ކައިރީ ނުބުނެވޭނެ އެކަނި ގޮސް ވޯލްޑް ކަޕު ކާމިޔާބު ކޮށްގެން އަންނަން، މެސީ އަކީ ވޯލްޑް ކަޕު ހައްގު ކުޅުންތެރިއެއް. އާޖެންޓީނާ ވޯލްޑް ކަޕު ކާމިޔާބު ކުރަން ބޭނުން ވާވަރަށް އިތުރު 32 ޓީމުވެސް ބޭނުންވާނެ، ނަމަވެސް މެސީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ އެންމެން ވެސް އުފާ ވާނެ" ރަކިޓިޗް ބުންޏެވެ.

ޖޫން 21 ގައި އާޖެންޓީނާ އާއި ކްރޮއޭޝިޔާ ވޯލްޑް ކަޕު ގުރޫޕް ޑީ ގައި ބައްދަލު ކުރާއިރު ރަކިޓިޗް ބުނާގޮތުން މެސީ ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. " ފުޓުބޯޅައިގައި އެއްވެސް މީހަކަށް މެސީ ހުއްޓުވުމަށް 'ފޯމިއުލާ' އެއް ހެދިފައި ނުވޭ. އެއްވެސް މީހަކަށް ނުވާނެ" އޭނާ ބުންޏެވެ.