އިންޑިއާގެ އަވަށެއް ކަމަށްވާ ކޮލްކަތާ އަކީ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އުޅޭ އަވަށެއް ކަން ދުނިޔޭގެ ގިނަ ބަޔަކަށް އެނގެއެވެ. މިއަވަށުގައި އެންމެ ގިނައީ އާޖެންޓީނާ އަށް ސަޕޯޓު ކުރާ މީހުންނެވެ.

އާޖެންޓީނާ އަށް ސަޕޯޓު ކުރާ ގިނަ ބަޔަކު ތިބި ނަމަވެސް މީގެ ތެރެއިން މެސީގެ އެންމެ ބޮޑު ސަޕޯޓަރު ވަނީ އޭނާގެ މުޅި ގޭގައި އާޖެންޓީނާ ދިދަ އާއި އެއްގޮތަށް ކުލަ ލާފައެވެ.

ކޮލްކަތާގައި ސައި ވިއްކަމުންދާ ޝިބް ޝަންކަރް ޕަތްރާ އާޖެންޓީނާ އަށް ސަޕޯޓު ކުރަން ފެށީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހުގައެވެ. އެއީ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑީއެގޯ މެރެޑޯނާ އާޖެންޓީނާ އާއި އެކު ވޯލްޑް ކަޕު ކާމިޔާބު ކުރުމުންނެވެ. ޝަންކަރް ވަނީ މިފަހަރުގެ ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅޭ ތަން ބަލަން ދިއުމަށްޓަކައި ފައިސާ އެއްކުރަން ފަށާފައެވެ.

ނަމަވެސް ބޭނުންވާ ވަރަށް ފައިސާ އެއް ނުކުރެވުމުން ރަޝިއާ އަށް އާޖެންޓީނާ ކުޅޭތަން ބަލަން ދެވޭގޮތެއް ނުވިއެވެ.

"އަހަރެން ގަބޫލު ކުރާގޮތުގައި މެސީ އަކީ ދެވަނަ މެރެޑޯނާ. އާއިލާގެ އެންމެން ވެސް މެސީ ދެކެ ލޯބިވޭ، ރަޝިޔާގައި ވޯލްޑް ކަޕު ބަލާލުމަށްޓަކައި އަހަރެން 60،000 ރުޕީސް އެއްކުރިން. ނަމަވެސް ބޭނުން ވާވަރަށް އެއް ނުކުރެވުމުން އަހަރެން މިފަހަރުގެ ވޯލްޑް ކަޕު ބަލާނީ ޓީވީ އިން." އެންޑީ ޓީވީ އަށް މައުލޫމާތު ދެމުން ޝަންކަރް ބުންޏެވެ.

މެސީ އަށް ކުރާ ސަޕޯޓުގެ ބޮޑު ކަމުން ޝަންކަރު ވަނީ މުޅި ގޭގެ ފާރު ތަކުގައި ހުދު އަދި ނޫކުލަ ލާފައެވެ. މީގެ އިތުރުން މެސީގެ ބޮޑު ޕޯސްޓަރު ތަކުން މުޅި ގޭތެރޭގެ ފާރުތައް ވަނީ ފުރާލާފައެވެ.

ޝަންކަރުގެ އުފަންދުވަސް ދިމާވަނީ ވޯލްޑް ކަޕުގެ ތެރޭގައި ޖޫން 24 ގައެވެ. އެހެންކަމުން މުބާރާތުގެ ތެރޭގައި އޭނާގެ އުފަންދުވަސް ފާހަގަ ކުރުން ވެސް އޮންނާނެއެވެ.

ގުރޫޕު ޑީގައި އައިސްލޭންޑު، ނައިޖީރިއާ އަދި ކްރޮއޭޝިޔާ އެކު ގުރޫޕު ސްޓޭޖު ކުޅޭއިރު މުބާރާތުގެ ފުރަތަމަ މެޗު އާޖެންޓީނާ ކުޅޭނީ ޖޫން 16 ވާ ހޮނިހިރު ދުވަހުގައެވެ.