ލިއޮނަލް މެސީ އަށް އާޖެންޓީނާގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކަމަށްވާ ޑިއޭގޯ މަރަޑޯނާ ފަހަތަށް ޖައްސާލެވޭނީ ވޯލްޑް ކަޕް ކާމިޔާބުކުރުމުން ކަމަށް އިޓަލީ އަށް ކުރިން ކުޅުނު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

މަރަޑޯނާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު އޭނާ ވަނީ އާޖެންޓީނާ އާއެކު 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

މަރަޑޯނާ އަށްފަހު އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ މެސީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާއިރު އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިހާތަނަށް ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. ނަމަވެސް އާޖެންޓީނާގެ ގައުމީ ޓީމާއެކު މެސީ އަށް އަދި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

މާދަމާ ރޭ ރަޝިޔާގައި ވޯލްޑް ކަޕް ފަށާއިރު މިއީ ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދުމަށް މެސީ އަށް ލިބިފައިވާ އިތުރު ފުރުސަތެކެވެ.

މެސީ އާއި މަރަޑޯނާ އަބަދުވެސް އަޅާ ކިޔާއިރު ޕިރްލޯ ގަބޫލުކުރާ ގޮތުގައި މަރަޑޯނާ ފަހަތަށް ޖައްސާލުމަށްޓަކައި ވޯލްޑް ކަޕެއް މެސީ ކާމިޔާބުކުރަން ޖެހެއެވެ.

"މީހުން އަބަދުވެސް މެސީ އާއި މަރަޑޯނާއާ އަޅާ ކިޔާ. އެކަމަކު މެސީ އެބަޖެހޭ ވޯލްޑް ކަޕެއް ކާމިޔާބުކުރަން. އެ މުބާރާތް ކާމިޔާބު ނުކުރެވޭނަމަ މަރަޑޯނާ މެންފަދަ ކުޅުންތެރިން ތިބި ހިސާބަކަށް އަދި ނުދެވޭނެ" 2006 ވަނަ އަހަރު އިޓަލީއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕިރްލޯ ބުންޏެވެ.

އާޖެންޓީނާ ޓީމުގައި ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެ އެޓީމުގައި ތިބި މުހިއްމު ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކައިފިނަމަ މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށްވެސް ޕިރްލޯ ބުންޏެވެ.

އާޖެންޓީނާ އަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕެވެ. އެފަހަރުގެ ފައިނަލްގައި ޖަރުމަނާއި ބައްދަލުކޮށް 0-1 އިން އާޖެންޓީނާ ވަނީ ބަލިވެފައެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާ މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ކްރޮއޭޝިއާ އާއި ނައިޖީރިއާގެ އިތުރުން އައިސްލޭންޑެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު އާޖެންޓީނާ ނިކުންނާނީ އައިސްލޭންޑާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޭމްސް

    ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނަސް ދުނިޔޭގައި އަދި މިހާތަނަށް އެންމެ މޮޅުކުޅުމެއް ދައްކާފައިވަނީ މެސީއެވެ. އޭނާގެ ކުޅުމަކީ ބެލުންތެރިން އަޖާއިބުވާހާ މޮޅު ކުޅުމެކެވެ. އޭނާގެ ކޮށްޓުމާއި ނެއްޓުމާއި ގޯލްޖެހުމާއި ޕާސްތަކާއި ހިލޭ ޖެހުންތަކަކީ ދެވަނަ ކުޅުންތެރިއަކަށް އަދި ގާތްވެސް ކުރެވޭނޭ ކަންކަމެއް ނޫނެވެ. ވޯޑް ކަޕިގައި އެންމެ ކުޅޭ އެންމެ ދަށް ކުޅުންތެރިއަކު ހުރި ޓީމުވެސް ވޯލްޑް ކަޕް ކާމިޔާބު ކޮށްފާނެއެވެ.

  2. messi

    Thaaeedhު. James