އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި އިންގްލޭންޑުން ކުޅޭ ފުރަތަމަ މެޗުގައި އެޓީމުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް އަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މި މަހުގެ މި މަހުގެ 18 ވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ރަޝްފޯޑްގެ ފަޔަށް އަނިޔާވެފައިވަނީ ރަޝިޔާ އަށް ފުރުމުގެ ކުރިން އިންގްލޭންޑުން ކުރިއަށްގެންދިޔަ އެންމެފަހު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ.

ރަޝްފޯޑް އަށް ލިބުނު އަނިޔާއާ ގުޅިގެން އިންގްލޭންޑް ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނީ ރަޝްފޯޑްގެ ފަޔަށް ކުޑަވަރެއްގެ ތަދެއް އަރާފައިވާ ކަމަށާއި ނަމަވެސް އެއީ މާ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ.

"މާ ސީރިއަސް އަނިޔާއެއް ނޫން އެއީ. އެކަމަކު މިއަދު ފަރިތަކުރުންތައް ފެށުމުގެ ކުރިން ވެސް އަހަރުމެން އަދި ރަޝްފޯޑްގެ ހާލަތު ބަލާނަން" ސައުތްގޭޓް ބުންޏެވެ.

ރަޝްފޯޑް އަކީ އިންގްލޭންޑް ޓީމުގެ ކުރީގައި ހަރަކާތްތެރިވާ ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިންގްލޭންޑުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ވެސް ރަޝްފޯޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

ޓިއުނީޝިޔާގެ އިތުރުން އިންގްލޭންޑް ހިމެނޭ ގްރޫޕް ޖީގައި ދެން ހިމެނެނީ ބެލްޖިއަމް އާއި ޕެނަމާއެވެ.

ޒުވާން ސްކޮޑަކާ އެކު އިންގްލޭންޑް މިފަހަރު ވޯލްޑް ކަޕަށް ނިކުންނައިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕް އެޓީމުން ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.