ކްރިސްޓިއާނޯ ރޮނާލްޑޯ

އުފަން ތާރީހު: 5 ފެބްރުއަރީ 1985
މަގާމް: ފޯވަޑް
ކްލަބް: ރެއާލް މެޑްރިޑް (ސްޕެއިން)
ގައުމީ ޓީމަށް ކުޅެން ފެށީ: 2003 ވަނަ އަހަރު

ޕޯޗުގަލްގެ މަޑޭރާ އަށް އުފަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އާދައިގެ ގޮތަކަށް ފުޓްބޯޅަ ކުޅެން ފެށި ރޮނާލްޑޯގެ ހުނަރު އޭނާ ވަރަށް ކުޑައިރު ވެސް ވަނީ ފާހަގަވެފަ އެވެ. މައިންބަފައިންގެ ސަޕޯޓާއެކު، ރޮނާލްޑޯ އަށް ކުޑައިރު ވެސް ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބުނެވެ.

ރޮނާލްޑޯގެ އުމުރުން 12 އަހަރުގައި ޕޯޗުގަލްގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ސްޕޯޓިން ލިސްބަންގެ ޓްރައިލެއްގައި ބައިވެރިވެ، އެ ޓީމުގެ ޔޫތު ޓީމުން ފުރުސަތު ހޯދި އެވެ. އުމުރުން 14 އަހަރުން ފެށިގެން، ކިޔެވުމަށްވުރެ ބޮޑަށް ރޮނާލްޑޯ އިސްކަންދިނީ ފުޓްބޯޅައަށެވެ.

އެކަމަކު އުމުރުން 15 އަހަރުގައި ދިމާވި ހިތުގެ ސިއްހީ މައްސަލައަކާ ގުޅިގެން އޭނާގެ ކެރިއަށް ހުރަސްއެޅުމުގެ ބިރު ހީވި އެވެ. ރޮނާލްޑޯ ކެރިއަރު ކުރިއަށް ގެންދިޔައީ އެކަމަށް ފަރުވާކުރުމުގެ ގޮތުން އޮޕަރޭޝަނެއްކޮށް، އެ މައްސަލަ ހައްލުކޮށްގެނެވެ.

ސްޕޯޓިންގެ ޔޫތު ޓީމުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު އުމުރުން 16 އަހަރުގައި އޭނާ އަށް ސްޕޯޓިންގެ ސީނިއާ ޓީމުން ޖާގަ ލިބުނެވެ. ޕޯޗުގަލްގެ ފުރަތަމަ ޑިވިޝަންގައި ރޮނާލްޑޯ ފުރަތަމަ މެޗު ކުޅުނީ 2002 ވަނަ އަހަރު އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަންގެ ލޮލުގައި ރޮނާލްޑޯ އަޅައިގަތީ 2003 ވަނަ އަހަރު ސްޕޯޓިން އާއި ޔުނައިޓެޑް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗުގައި ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު، ޔުނައިޓެޑްގެ ބައެއް ސީނިއާ ކުޅުންތެރިން ވަނީ ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިއުމަށް ފާގަސަން އަށް ލަފާ ދީފަ އެވެ.

ޔުނައިޓެޑުން ވަނީ 2003 ވަނަ އަހަރު 12.24 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ރޮނާލްޑޯ އެ ކްލަބަށް ގެނެސްފަ އެވެ. އަދި އޭރު ރޮނާލްޑޯ ވެފައި ވަނީ 20 އަހަރުން ދަށުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ޔުނައިޓެޑުން ރޮނާލްޑޯ އަށް އެންމެ ފުރަތަމަ ވެސް ދިނީ "7" ނަމްބަރ ޖޯޒީ އެވެ. މިއީ އެ ކްލަބުން ރޮނާލްޑޯ އަށް އޮތް އިތުބާރު ހާމަކޮށްދިން ކަމެކެވެ. ޔުނައިޓެޑްގެ "7" ނަމްބަރ ޖޯޒީ އަކީ އެ ކްލަބުގެ ލެޖެންޑުން ކަމަށްވާ އެރިކް ކެންޓޮނާ އާއި ޑޭވިޑް ބެކަމް އަދި ޖޯޖް ބެސްޓް ބޭނުންކުރި ޖޯޒީ ނަމްބަރެވެ.

ޔުނައިޓެޑްގައި ހަ އަހަރު ރޮނާލްޑޯ ހޭދަކުރިއިރު، އޭނާ ވެފައިވަނީ އެ ކްލަބުގެ ލެޖެންޑަކަށެވެ.

ޔުނައިޓެޑާ އެކު ރޮނާލްޑޯ ވަނީ ޖެހިޖެހިގެން ތިން އަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރި އެވެ. ޔުނައިޓެޑަށް ކުޅުނުއިރު، ރޮނާލްޑޯ އަށް ވަނީ ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިގެން ގޮސްފައެވެ.

އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޔުނައިޓެޑް ދޫކޮށް، ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ 2009 ވަނަ އަހަރެވެ. ރެއާލްއާއެކު މިހާތަނަށް ރޮނާލްޑޯ ވަނީ 14 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެ އެވެ. އަދި ރޮނާލްޑޯ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެޔާގެ މަގާމު އިތުރު ތިން ފަހަރު ހޯދައިފަ އެވެ.
ޕޯޗުގަލްގެ ޤައުމީ ޓީމަށް ރޮނާލްޑޯ ކުޅެން ފެށީ 2003 ވަނަ އަހަރެވެ. އަދި 2004 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯގައި ރޮނާލްޑޯ ވަނީ ޤައުމީ ޓީމަށް ކުޅެފަ އެވެ. އެ މުބާރާތުގައި ރޮނާލްޑޯ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް 2006،2010 އަދި 2014ގައި ޕޯޗުގަލް އަށް ކުޅެފަ އެވެ. އަދި ޔޫރޯ 2008،2012 އަދި 2016ގައި ވަނީ ކުޅެފަ އެވެ.

ޤައުމީ ޓީމާއެކު ރޮނާލްޑޯ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅަ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.