ލިއޮނަލް މެސީ

އުފަން ތާރީހު: 24 ޖޫން 1987
އުފަން ރަށް: ރޮސާރިއޯ، އާޖެންޓީނާ
ކްލަބް: ބާސެލޯނާ (ސްޕެއިން)
މަގާމު: ފޯވަޑް
ގައުމީ ޓީމަށް ކުޅެން ފެށީ: 2005 ވަނަ އަހަރު

އާޖެންޓީނާ އަކީ އަބަދު ވެސް ފުޓްބޯޅައިގައި މޮޅެތި ކުޅުންތެރިން ނެރޭ ޤައުމެކެވެ. އެކަމަކު ލިއޮނަލް މެސީ އަކީ އެ ޤައުމުން ނިކުތް އާދަޔާ ހިލާފު ކުޅުންތެރިއެކެވެ. އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ އަށް އެ ޤައުމުގައި ލިބިފައިވާ ދަރަޖައާ އެންމެ ހަމައަކަށް މިހާތަނަށް އާދެވުނު ހަމައެކަނި ކުޅުންތެރިއަކީ މެސީ އެވެ.

މެސީގެ ފުޓްބޯޅައިގެ ހުނަރު އޭނާ ވަރަށް ކުޑައިރު ވެސް ވަނީ ފާހަގަވެފަ އެވެ. އިސްކޮޅުން ކުޑަ ނަމަވެސް، އޭނާގެ ހުނަރުން ފުޓްބޯޅައިގައި އޭނާ އަށް ކުރިއަށް ދިއުމުގެ މަގު ފަހިވި އެވެ. އުމުރުން ހަ އަހަރުގައި މެސީ ވަނީ އާޖެންޓީނާގެ ނެވިލް އޯލްޑް ބޯއީސްގެ އެކަޑަމީއާ ގުޅިފަ އެވެ.

އެހެން ނަމަވެސް، މެސީ އަށް "ގްރޯތް ހޯމޯން ޑެފިޝެންސީ" (ބޮޑުވުމަށް ހުރަސްއެޅޭ ބައްޔެއް) އަށް އުމުރުން 10 އަހަރުގައި ފަރުވާކުރަން ޖެހުމާއެކު، އޭނާގެ ކެރިއަރަށް ހުރަސްއެޅުނެވެ. މެސީ އޭރު ކުޅުނު ނެވިލް އޯލްޑް ބޯއީސް އަދި އާޖެންޓީނާގެ އެހެން ބައެއް ކްލަބުތަކަށް ވެސް މެސީގެ ބައްޔަށް ފަރުވާ ކުރުމަށް ފައިސާ ހަރަދުކުރެޥޭ ގޮތްނުވި އެވެ. އެހެންކަމުން މެސީގެ އާއިލާ އިން ސްޕެއިންގެ ބާސެލޯނާ އިން އޭނާ އަށް ޓްރައިލްއެއް ހޯދި އެވެ.

ބާސެލޯނާގެ ޓްރައިލްގައި މެސީގެ ފެންވަރު ފެނުމާއެކު، އެ ކްލަބުން އޭނާގެ ބޭސް ފަރުވާ އަށް ހަރަދުކުރަން އެއްބަސްވެ، އޭނާ އަށް ކޮންޓުރެކްޓެއް ދިނެވެ. އަދި 2001 ވަނަ އަހަރު މެސީ ވަނީ އޭނާގެ އާއިލާއާއެކު ސްޕެއިން އަށް ބަދަލުވެފަ އެވެ.
އުމުރުން 14 އަހަރުގައި ބޭސް ފަރުވާ ފުރިހަމަ ކުރުމަށް ފަހު، މެސީ ވަނީ ބާސެލޯނާގެ ޔޫތު ޓީމުގައި ވިދާލައިފަ އެވެ.

މެސީއާއެކު އޭރު ބާސެލޯނާގެ ޔޫތު ޓީމުގައި ސެސް ފެބްރިގާސް އާއި ޖެގެރާޑް ޕީކޭ ފަދަ ހުނަރުވެރި ކުޅުންތެރިން ތިބި އެވެ.
މެސީ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރެވެ. އަދި ބާސެލޯނާގައި އޭނާ މިހާރުވެފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށެވެ. މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަޤާމު ފަސް ފަހަރު ހޯދައިފަ އެވެ. ބާސެލޯނާއާއެކު އޭނާ ވަނީ މިހާތަނަށް ޖުމްލަ 29 ތަށި އުފުލާލައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ބާސެލޯނާ އަށް 400 އަށްވުރެ ގިނަ މެޗު ކުޅެ، ސްޕެއިން ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ ރެކޯޑް ހޯދައިފަ އެވެ.

މެސީ އަށް ކްލަބު ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ޤައުމީ ޓިމާއެކު އޭނާ އަށް މިހާތަނަށް ތައްޓެއް އުފުލާލެވޭ ގޮތެއްނުވެ އެވެ. އެއީ މެސީގެ ކެރިއަރުގައި މިހާރު އުނިވެފައިވާ ކަމެކެވެ.

މެސީ ޤައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރު އެވެ. އާޖެންޓީނާއާ އެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރު އޮލިމްޕިކްސްގެ ރަން މެޑަލް މެސީ ހޯދި އެވެ. އެކަމަކު ސީނިއާ ޓީމާއެކު މިހާތަނަށް ކާމިޔާބެއް ނުލިބެ އެވެ.

މެސީގެ ފުރަތަމަ ވޯލްޑް ކަޕަކީ 2006 ވަނަ އަހަރު ޖަރުމަންގައި އޮތް މުބާރާތެވެ. އެ ފަހަރު އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި، މިހާތަނަށް ވޯލްޑް ކަޕެއްގައި އާޖެންޓީނާގެ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިއާގެ މަޤާމު ވަނީ ހޯދައިފަ އެވެ.

އާޖެންޓީނާ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެޓީ މުބާރާތުގެ ކުއާޓާ ފައިނަލުންނެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ފައިނަލްގައި ޖަރުމަން އަތުން އާޖެންޓީނާ ވަނީ ބަލިވެފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ކޮޕާ އެމެރިކާ ސެންޗަރީނޯގެ ފައިނަލްގައި އާޖެންޓީނާ ބަލިވުމާއެކު، މެސީ ވަނީ ޤައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. މިއީ ބައިނަލްއަގުވަމީ މުބާރާތެއްގެ ފައިނަލުން އާޖެންޓީނާ ޖެހިޖެހިގެން ބަލިވި ތިން ވަނަ ފަހަރެވެ.

މެސީ ޤައުމީ ޓީމުން ރިޓަޔާކުރުމާއެކު، އޭނާގެ ހިޔާލު ބަދަލުކުރުމަށް އާޖެންޓީނާގައި ވަނީ ބޮޑު ކެމްޕޭނެއް ފަށައިފަ އެވެ. އަދި އާޖެންޓީނާގެ ރައީސް ވެސް ވަނީ އެ ނިންމުން ބަދަލުކުރުމަށް މެސީ ގާތު އެދިވަޑައިގެންފަ އެވެ. އާޖެންޓީނާގެ ރައްޔިތުންގެ އެދުމާއެކު، މެސީ ވަނީ މާގިނަ ދުވަސްތަކެއް ނުވެ އަލުން ޤައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. އަދި ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމުގައި މުހިންމު ރޯލެއް މެސީ އަދާކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނުބެ

    މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާއެއް ނޫނެވެ. އަދި ކީއްހެއްޔެވެ ދުނިޔޭައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ މެސާީއެވެ. މަރަޯނާއެއް ޕެލޭއެއް ރޮނާލްޑޯައެއް ކިޔާނެކަމެއްނެތެވެ.

    • އިޔާ

      ރަނގަޅު ވާހަކައެއް