ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތެއްގައި އިސްމާއިލް ފާތިހް (ތާޑޭ) ކުޅޭނަމަ އެއީ އިދިކޮޅު ޓީމަކަށް ކުރިމަތިވާނެ ބޮޑު ޕްރެޝަރެކެވެ. ދަނޑުމަތީގެ އިތުރުން ދަނޑު ބޭރުގައި ވެސް އޭނާގެ ތަޖުރިބާ ބޭނުންކުރެއެވެ. ރާއްޖޭގެ ނިސްބަތުން ގިނަ އަދަދެެއްގެ ފުޓްސަލް މުބާރާތްތަކެއްގައި މިހާތަނަށް ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ.

ގިނަބައެއްގެ ލޯބި އޭނާ ހޯދީ ކުޅިވަރުގެ އެ ރިވެތި އަހުލާގު ދަނޑުމަތީގައި ދައްކައިގެންނެވެ. މިހާރު އޭނާއަކީ ރާއްޖޭގައި ތިބި ފުޓްސަލް ކުޅުންތެރިން ތެރޭގައި ހިމެނޭ އެންމެ އިތުބާރު ބޮޑު އެއް ކީޕަރެވެ. ނުވަތަ ފުޓްސަލް ގޯލްކީޕަރުންގެ ރަސްގެފާނެވެ.

އުމުރުން މިހާރު 28 އަހަރުވެފައިވާ ތާޑޭ އެންމެ ފުރަތަމަ ހިތް ޖެހުނީ ފުޓުބޯޅައަށެވެ. ގިޔާސުއްދީން ސްކޫލުގެ ގްރޭޑް އެކެއްގައި އެންމެ ފުރަތަމަ ފޯވާޑަކަށް ކުޅުނު ތާޑޭ ކުޅޭ މަގާމު ކީޕަރަކަށް ބަދަލުވީ އޭރު އިންޓަ ކްލާސް މުބާރާތެއްގައި ޓީމުގެ ކީޕަރަށް އަނިޔާވެގެން އިތުރު ގޮތެއް ނެތިގެންނެވެ. އެއީ ތާޑޭގެ ކާމިޔާބީގެ ފެށުމެވެ. ކީޕަރު އަންގި އަތުގައި ހަރުލީ އެހިސާބުންނެވެ. ޅަ އުމުރުގައި ލިބުނު އެ ފުރުސަތާއެކު މަޑުމަޑުން އެ މަގާމަށް ކުޅެން ހިތް ޖެހުނެވެ.

އިންޓަ ކްުލާސް މުބާރާތްތަކުން ފެށިގެން އިންޓަ ސްކޫލް މުބާރާތްތަކުގައި އޭރު ވާދަކުރި ގިޔާސުއްދީން ސްކޫލުގެ ސްކޮޑުގައި ހިމެނުނެވެ. އިސްކޮޅުން ކުރުކޮށް ހުރި ނަމަވެސް ތާޑޭ އަކީ އެ ކުރާ ކަމެއްގައި ވަރުގަދަ އަޒުމެއް ހުންނަ ކުޅުންތެރިއެކެވެ. އިންޓަ ހައުސް މުބާރާތްތަކުގައި ކުޅޭނެ ފުރުސަތު އެހާ ނުލިބުނު ނަމަވެސް ލިބޭ ފުރުސަތުތަކުގައި އޭނާގެ ވިދުން ފެނުނެވެ. ފުޓުބޯޅައިގެ ތެރެއަށް ބޮޑަށް ވަދެވުނީ ގްރޭޑް ހަތެއްގައި އުޅުނު ފަހަރު ރާއްޖޭގެ 13 އަހަރުންދަށުގެ ފުޓުބޯޅަ ޓީމުގައި ހިމެނުމާ ހިސާބުންނެވެ.

މުބާރާތެއްގެ ޗެމްޕިއަން ޓްރޮފީއަކާއި އެކު ތާޑޭ

ފަހަރަކަށް ފަހު ފަހަރެއް ކުޅުމުގެ ފެންވަރު ރަނގަޅުކޮށް ގިނަބައެއްގެ ލޮލުގައި އޭނަ އަޅައިގަތެވެ. އިސްކޮޅުން ކުރު ތާޑޭ ގޯލުގައި ހުންނަ ދަނޑިވަޅުތަކުގައި ގޯލު ފޫއަޅުވާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއަށް ކުޅުނު ފަހަރެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމު އޭނާއަށް ލިބުމަކީ މިކަމުގެ ހެއްކެކެވެ. ނަމަވެސް އޭގެފަހުން ކަންކަން ވީ ތާޑޭ އަށް ބޮޑު މާޔޫސްތަކެއް ލިބުނު ކަމަކަށެވެ.

"ވަރަށް ރަނގަޅަށް އެފަހަރު ކުޅުނިން، އެކަމަކު އެފަހަރު އެކުލަވާލި 23 އަހަރުންދަށުގެ ގައުމީ ސްކޮޑުން ފުރުސަތެއް ނުލިބުނު، އުޅެ އުޅެ ނުވިސްނުނު އެފަހަރު ބާކީ ވާންޖެހޭ ސަބަބެއް، ބައެއްގެ ނުފޫޒުން ސްކޮޑަށް ނުނެގި ކަމަށް މި ބަލަނީ، އޭގެފަހުން ހަގީގަތުގަ ފުޓުބޯޅައާ ދުރުވާން ފެށީ، މިހާރު އެއްވެސް ވަރަކަށް ހިޔާލެއްވެސް ނުކުރަން ފުޓުބޯޅަ ކުޅެން" ވަގުތު އަށް ދިން އިންޓަވިއު އެއްގައި ތާޑޭ ބުންޏެވެ.

ޒުވާން ގައުމީ ސްކޮޑަށް ނުނެގުމުން އެ ލިބުނު މާޔޫސްކަމުގެ ތެރޭގައި ހުއްޓާ ތާޑޭ ދެން ފެށީ ފުޓްސަލް ކުޅޭށެވެ. ފުޓްސަލް މުބާރާތެއްގައި ކުޅެން ރައްޓެއްސަކު ދިން ފުރުސަތު ގަބޫލުކުރީ ހިތުގައި ގިނަ ސުވާލުތަކެއް އުފައްދާފައެވެ. އޭރު ހިތް ބުނީ މާ މޮޅަށް ނުކުޅެވޭނެ ކަމަށެވެ. ނަމަވެސް ފަހުން ލިބުނު ހިތްވަރުގެ ބަސްތަކާއެކު އެ މުބާރާތުގައި ކުޅުނެވެ. ކެރިއަރުގެ ދެން ބާކީ އޮތް ބަޔަކީ ތާރީހުން ފަވާލެވުނު ދުވަސްތަކެކެވެ.

ތާޑޭ މިހާރު ގަބޫލުކުރާ ގޮތުގައި ފުޓްސަލް އަކީ ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް އޮތް ކުޅިވަރެކެވެ. މާ ބޮޑު ވަސީލަތެއް، ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމެއް ނުލިބުނު ނަމަވެސް މި ރާއްޖޭގައި އެންމެ ބޮޑު އާމްދަނީ ހޯދާ ކުޅިވަރުތަކުގެ ތެރޭގައި ފުޓްސަލް ހިމެނުމަކީ މި ކުޅިވަރަށް ކުޅުންތެރިންނާއި ސްޕޮންސަރުންގެ ހިތް ޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ.

"ފުޓްސަލްގައި އެންމެ ބޮޑަށް އެހީވި އެއް ކުޅުންތެރިޔާއަކީ އަލީ ޝިފާއު (ރޮނާ)، އޭނަގެ ސަބަބުން ހަގީގަތުގަ ފުޓްސަލްއަށް މިހާ ލޯބި ޖެހުނީ، އިންވިކްޓޯ ފަދަ ކުލަބުތަކުގަ އެއްކޮށް ކުޅެ ގިނަ ތަޖުރިބާތަކެއް އެބަހުރި، އެ ނޫނަސް ހަވީރު ކުޅެން ވެސް ދަން ރޮނާ މެންނާއެކު، މިހާރު މި ކުޅެގެން އެބަ ލިިބޭ މަދުވެގެން 10،000 ވަރު، ހިތްހަމަޖެހޭ އާމްދަނީއެއް ލިބޭ ފުޓްސަލް ކުޅެގެން" ތާޑޭ ބުންޏެވެ.

ދަނގެތީގައި ބޭއްވި މުބާރާތެއްގައި ރޮނާ އާއި ތާޑޭ

މާލޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބް މޯލްޑިވްސް ކަޕަކީ ތާޑޭއަށް ހާއްސަ މުބާރާތެކެވެ. މި މުބާރާތުން ތާޑޭ އެންމެ ފުރަތަމަ ފެނުނީ ބޯލް ބޯއި އެއްގެ ގޮތުގައެވެ. ކެރިއަރުގައި އެންމެ އުފާވި ދުވަސްތަކާއި ދެރަވި ދުވަސްތައް ހިމެނެނީ ވެސް މި މުބާރާތުގެ ތެރެއިންނެވެ. އެންމެ ދެރަވި ދުވަހަކީ އެމްޕީއެލް މުބާރާތުގެ ތަށި މިލްކުކުރަން އޮތް ފަހަރު ޕެނަލްޓީގައި ބަލިވި މެޗެވެ. އޭގެފަހުން އެންމެ އުފާވީ 2018 ވަނަ އަހަރު ކުލަބް މޯލްޑިވްސް ކަޕުގެ ތަށި ތިލަފުއްޓަށް ކާމިޔާބުވި ފަހަރެވެ. އެފަހަރު އެ ތަށި ތިލަފުއްޓަށް ނަގައިދިނުމުގައި ތާޑޭގެ ދައުރު ބޮޑެވެ.

އޭގެފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މުބާރާތްތަކުގައި ތާޑޭ ކުޅެ ގިނަ ތަށިތަކެއް ހޯދަދީފައެވެ. ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް ކަމާބެހޭ އިދާރާތަކުން މި ކުޅުންތެރިން ގާދޫކޮލުން ބޭރުން ބޮޑު ގައުމެއްގައި ފުޓްސަލް މުބާރާތެއް، ނުވަތަ ކޯހެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތެއް ނުލިބުމަކީ އެންމެ ބޮޑަށް މާޔޫސްވާ އެއް ކަމެވެ. އެގޮތަށް ތާޑޭގެ އަމާޒުވެސް ހުރީ ގައުމީ ފެންވަރުގައި ފުޓްސަލްއިން ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭށެވެ.

ވަގުތު ފުޓްސަލް ޗެލެންޖުގެ މެޗެއްގައި ތާޑޭ ގޯލު ބަލަހައްޓަނީ

"ފުޓްސަލްގެ ހަރަކާތްތައް އެފްއޭއެމުންވެސް ސަރުކާރުންވެސް ބޭނުމެއް ނުވޭ ކުރިޔަށްގެންދާކަށް، އެއީ ފުޓްސަލް ކުޅޭނަމަ ބޮޑު ފުޓުބޯޅައިން ގިނަ ބަޔަކު އެބަ މަދުވޭ، ފުޓްސަލް ލީގު ހަދަން އުޅެފަވެސް ކެންސަލްކުރީ، ފުޓްސަލް ގައުމީ ޓީމަށް ސެލެކްޝަން ވެސް ނަގަން އުޅުނު، ނަން މަޝްހޫރު އެންމެން ދިޔަ ޕްރެކްޓިހަށް، ފައިސާތައް ސެކްރިފައިޒް ކޮށްފަ އެކަން ތަޖުރިބާކުރިން" ތާޑޭ ބުންޏެވެ.

ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި މިހާތަނަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރޭގައި ތާޑޭވެސް އޭގެތެރޭގައި ހިމެނެއެވެ. އިންޑޯ އޭޝިއަން ގޭމްސްގައި ވާދަކުރިއިރު، ރެޑްބުލް ނޭމާ ފައިވް ޗެލެންޖުގެ އެއްވަނަ ހޯދި ކުލަބް ޓީނޭޖް ޓީމާއެކު ބްރެޒިލްއަށް ގޮސް މޮޅު ކުޅުމެއް ދެއްކިއެވެ.

ބްރެޒިލްގައި ބޭއްވި ނޭމާ ފައިވް ވޯލްޑް ކޮލިފައިންގައި ރާއްޖޭގެ ކުލަބް ޓީނޭޖް ޓީމުގައި ތާޑޭއާއެކު ރާއްޖޭގެ ފުޓްސަލްގެ ތަރިން

ތާޑޭ ގަބޫލުކުރާ ގޮތުގައި މިހާރުވެސް ގައުމީ ޓީމެއްް އެކުލަވާލާ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ރާއްޖެއަށް ރީތި ނަން ލިބޭނެއެވެ އެހާވެސް މޮޅު، ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިއްބެވެ. އެއީ ތާޑޭގެ މިހާރުގެ އެންމެ ބޮޑު ހުވަފެނެވެ. ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތެއްގައި ގައުމު ތަމްސީލުކޮށް ރީތި ނަން ހޯދައިިދިނުމަކީ ތާޑޭ އަބަދުވެސް ކުރަމުން އަންނަ އުއްމީދެކެވެ.

"އެންމެ ހާސިލްކުރަން ބޭނުންވަނީ ގައުމީ ޓީމުން ރާއްޖެއަށް ރީތި ނަމެއް ހޯދަދިނުން، ވަރަށް ގިނަ ކުޅުންތެރިން ބޭނުންވޭ، މިސާލަކަށް ޝާކާ މެން އޮންލީ މެން މިހާރު ރާއްޖޭގެ ފުޓްސަލްގަ ހާސިލްކުރަން ބޭނުން ހުރިހާ ކަމެއް ހާސިލްކޮށްފަ އެތިބީ، އެމީހުންވެސް ބޭނުންވަނީ ބޭރު ގައުމެއްގަ ކުޅެ ރާއްޖެއަށް ރީތި ނަމެއް ހޯދައި ދިނުން" ތާޑޭ ބުންޏެވެ.

މި ހުރިހާ ކާމިޔާބީތަކާއެކު ތާޑޭގެ މިހާރުގެ އަމާޒަކީ ގޯލްކީޕިން ދާއިރާއިން ސެޓްފިކެޓެއް ހާސިލުކުރުމެވެ. އަދި ފުޓްސަލްގެ ރޮނގުން ކުދިންތަކެއް ބިނާކުރުމެވެ. ހުނަރުވެރި ކީޕަރުން އުފެއްދުމެވެ. އެ އަޒުމުގައި މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގައި ވެސް ތާޑޭ އިސް ދައުރެއް އަދާކުރެއެވެ.

މިދިޔަ އަހަރު ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގައި ތާޑޭ ގޯލު ބަލަހައްޓަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިހާރު ކުޑަ އާއިލާއެއްގެ ޒިންމާ ބަލަހައްޓަމުން އަންނަ ތާޑޭގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އަންހެނުންނެވެ. ކުޅުމަށް އެ ހޭދަކުރާ ވަގުތާއި ރަށުންބޭރުގައި އެ ހޭދަކުރާ ދުވަސްތަކުގައި އަންހެނުންގެ ފަރާތުން ލިބޭ އެއްބާރުލުން ހެޔޮ ހިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ. މިހާރު ތާޑޭގެ ދަރިއެއްވެސް އެބަހުއްޓެވެ. ދަރިއަށް އަދި އަހަރެއް ނުވެއެވެ. ހަމައެއާއެކު ތާޑޭ ވަޒީފާ އަދާކުރާ އެމްޕީއެލް އަކީވެސް އޭނާއަށް ނުހަނު ގިނަ އެހީތެރިކަމެއް ވެދޭ ތަނެކެވެ. އެޗްއޯޑީން ފެށިގެން އެކި ޑިޕާޓްމަންޓް ތަކުގެ އިސްވެރިންވެސް ތާޑޭ ބަލައިގަނެއެެވެ.

ތާޑޭ ކަހަލަ އެތައްް ތާޑޭއެއް މިހާރުވެސް ރާއްޖޭގައި އެބަަ އުފެދެއެވެ. ޖެހިލުންކުޑަ، ދަނޑުމަތީގައި ލީޑަޝިޕް ދެއްކުމާއެކު ނަތީޖާ ނެރޭ މި ކުޅުންތެރިޔާ އަކީ އަދުގެ ޖީލަށް ހުރި ނަމޫނާއެކެވެ. އުއްމީދަކީ ތާޑޭގެ ފަހަތުން އަރައިގެން އަންނަ ކީޕަރުންނަށް ފަހި މުސްތަގްބަލެކެވެ. އެއީ ތާޑޭގެ ވެސް އެންމެ ބޮޑު އެއް އުއްމީދެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޒިދާން

  ތާޑޭ އަކީ ވަރަށް މޮޅު ކީޕަރެއް. ޝުކުރިއްޔާ ވަގުތު

  8
  2
 2. ކަރާ

  އަދި މިހާރު ފުޓުބާޅަ ކުލަބުތަކުން ބިދޭސީ ކީޕަރުން ގެންގުޅުމަކީ ކައިރި މުސްތަގުބަލުގައި ދިވެހި ގައުމީ ޓީމަށް ވަރަށް ގެއްލުންވާނެ ކަމެއް.

  ބިދޭސީ ކީޕަރުން މަނާކުރުންވ މުހިންމު.

 3. ައިބޫ

  އެންމެ މޮޅު އެންމެ ރީތި ތާޑްރޯ

  4
  2
 4. ޕޮގުބާ

  ރެއާލް މެޑް ރިޑްންނާއި ބާސާއިން އެބަފާ ރަލާ ތާންޑޭއަށް

  3
  3
 5. ރާއްޖެ

  ރާއްޖެގައި ތި ކަހަލަ މޮޅެތި ކިތަންމެ ކުއްޖެއް ވަނީ ބޭކާރުކޮށްފަ

  8
  1
 6. Anonymous

  ތާޑޭ މޮޅީ ގޯޅީކުޅޭ ފުޓްބޯޅައައް، އަސްލް ދަނޑެއްގެ ގޯލ

  2
  1