ވޯލްޑް ކަޕުގެ ކުރިން ރަހީމް ސްޓާލިންގް ފައިގައި ޖަހާފައިވާ ޓެޓޫގެ ސަބަބުން ފާޑުކިޔުންތައް އަމާޒު ވެގެން ދިޔަ ނަމަވެސް ޑިބްރޫނާ ގަބޫލު ކުރާގޮތުގައި އިނގްލޭންޑުގެ ތަރި އަކަށް ވާނީ ސްޓާލިންގެވެ.

ބެލްޖިއަމްގެ މެދުތެރެއަށް ކުޅެމުން އަންނަ މެންޗެސްޓާ ސިޓީގައި އެކީ ކުޅޭ ކެވިން ޑިބްރޫނާ، ސްޓާލިންގު ދިފާއު ކޮށްފައި ވަނީ ފާއިތުވި ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒު ވެެގެން ދިޔުމުގެ ސަބަބުންނެވެ.

ވޯލްޑް ކަޕުގައި ގުރޫޕް ޖީގައި ބެލްޖިއަމް އަދި އިނގްލޭންޑް ބައްދަލު ކުރާ މެޗުގައި ސްޓާލިންގު އަދި ޑިބްރޫނާ ވާދަ ކުރާއިރު ދެކުޅުންތެރިން ވަނީ މިދިޔަ ސީޒަނުގައި ގާޑިއޯލާގެ ދަށުން މެންޗެސްޓާ ސިޓީ އަށް ޕްރެމިއާ ލީގު ތަށި ނަގައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

މީގެ އިތުރުން ޑީބްރޫނާ ގަބޫލު ކުރަނީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް 18 ލަނޑު ކާމިޔާބު ކޮށް، 11 އެސިސްޓު ކޮށްދިން ސްޓާލިންގު ރަޝިޔާގައި، އިނގްލޭންޑުގެ ތަރި އަކަށް ވުމަށް ތައްޔާރު ކަމަށެވެ. " ރަހީމް އަކީ ތަފާތު ކުޅުންތެރިއެއް، މިދިޔަ ސީޒަނުގައި އޭނާ ކުޅުނީ ވަރަށް ރަނގަޅަށް، ކުރިޔަށް އޮތް ތަނުގައި އިތުރަށް ރަނގަޅު ވާނީ" ޑިބްރޫނާ ބުންޏެވެ.

"އޭނާ (ސްޓާލިންގް) އަކީ މޮޅުވާން މަސައްކަތް ކުރާ ކުޅުންތެރިއެއް. ފާއިތުވެ ދިޔަ ހަފްތާ ތަކުގައި އޭނާ އަށް އަމާޒުވި ފާޑުކިޔުންތަކަކީ ހަނދާން ނެތޭ ކަހަލަ ފާޑު ކިޔުންތައް. މެންޗެސްޓާ ސިޓީގައި އޭނާ ބޭނުންވަނީ މޮޅުވާން. ވޯލްޑް ކަޕުގައި ވެސް ބޭނުން ވާނީ އެގޮތް ކަން ޔަގީން" ޑިބްރޫނާ ބުންޏެވެ.