ދުނިޔޭގެ އެންމެ ބޮޑު އެއް ތަށި ކަމަށްވާ ބެލޮންޑިއޯ، 2008 ވަނަ އަހަރުން ފެށިގެން ކާމިޔާބު ކުރަމުން އައީ މެސީ އާއި ރޮނާލްޑޯ އެވެ. ނަމަވެސް ވަރަށް އަވަހަށް ސަލާހު މިމަގާމު ނަގާނެ ކަމަށް ރޮނާލްޑޯ ބުނެފިއެވެ.

ރިއަލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަބޫލު ކުރާގޮތުން ލިވަޕޫލްގައި މިދިޔަ ސީޒަނުގައި ވިދާލި މުހައްމަދު ސަލާހު އަކީ މެސީ އާއި އޭނާގެ ވާދަވެރިކަމެއް ނިމުމެއް ގެންނާނެ ކުޅުންތެރިޔާއެވެ.

ނިމިގެން ދިޔަ ސީޒަނުގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލް އަށް ހުރިހާ މުބާރާތަކުން 44 ގޯލު ކާމިޔާބު ކޮށް ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖަހައި ރަން ބޫޓު ވެސް ހޯދާފައެވެ. ޗެމްޕިއަންސް ލީގު ފައިނަލާއި ހަމަ އަށް ލިވަޕޫލް ގެންދިޔުމުގައި ސަލާހުގެ ދައުރު ވަރަށް ބޮޑެވެ.

ނަމަވެސް ރޮނާލްޑޯގެ ރިއަލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ފުރިހަމަ ނުކޮށް ސަލާހު ފައިބާން ޖެހުނީ ސާޖިއޯ ރާމޮސް އާއި އެކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެއްޓި ކޮނޑު ހުޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ.

މިހާތަނަށް ފަސް ފަހަރު ބެލޮން ޑީއޯ ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ އެދެނީ އަނިޔާ އިން ރަނގަޅުވެ އޭނާގެ މޮޅު ކުޅުން ވޯލްޑް ކަޕުގައި ދެއްކުމަށެވެ. ރޮނާލްޑޯ ބުނީ "ސަލާހު އަކީ އަހަރުގެ އެންމެ ވިދާލި ކުޅުންތެރިޔާ، އަހަރެން އުއްމީދު ކުރަނީ ކިއޭވްގައި ސަލާހު އަށް ވިއަނިޔާ އިން ރަނގަޅުވެ ވޯލްޑް ކަޕުގައި ކުޅުމަށް،" ކަމަށެވެ.

"ގިނަ މީހުން ބުނަނީ ބެލޮން ޑީއޯ އަކީ މެސީ އަދި ރޮނާލްޑޯގެ ވާދަވެރިކަން އޮންނަ އެެއްޗެއް ކަމަށް، ނަމަވެސް އެހެން ކުޅުންތެރިންނަށް ވެސް އެފުރުސަތު އެބަ އޮތް، ގައިމުވެސް ސަލާހު އަކީ އެއް ކުޅުންތެރިޔެއް" ރޮނާލްޑޯ ބުންޏެވެ.

33 އަހަރުގެ ރޮނާލްޑޯ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ކުޅެން ޖެހެނީ ސްޕެއިން އާއި އެކު ޖޫން 15 ގައެވެ. އަދި ދެވަނަ ބުރުގައި ވާދަ ކުރާނެ ކަމުގެ ޔަގީންކަން އޭނާ އެބައޮތެވެ.