ސްޕެއިންގެ ކޯޗު ކަމުގެ މަގާމުން ޖޫލެން ލޮޕެޓެގީ މިއަދި ވަކިކުރަން އުޅޭކަމުގެ ވާހަކަތައް ފެތުރެން ފަށައިފިއެވެ.

މިއަދުގެ ވަގުތެއްގައި ސްޕެއިންގެ ފުޓްބޯޅަ އިދާރާ އިން ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ސްޕެއިންގެ ބައެއް ރިޕޯޓުތައް ބުނާގޮތުން މި ބައްދަލުވުމުގައި ލޮޕެޓެގީ މަގާމުން ވަކި ކުރާނެކަން އިއުލާންކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ލޮޕެޓެގީ މަގާމުން ވަކި ކުރަން އުޅޭކަމުގެ ވާހަކަތައް ގަދަވެފައިވާއިރު މިފަހަރުގެ ވޯލްޑް ކަޕަށްފަހު ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި އޭނާ ހަވާލުވާން ވަނީ ނިންމާފައެވެ. އެކަން ރެއާލް އިން ރޭ އިއުލާންކޮށްފައިވާއިރު މިކަމާ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ އިސްވެރިންނާއި ލޮޕެޓެގީ އާއި ދެމެދު ދެބަސްވުންތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ރެއާލްގެ ކޯޗުކަމާ ހަވާލުވާން ލޮޕެޓެގީ ނިންމީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އަށް އެއްވަސް ވަރަކަށް އެންގުމަކާ ނުލައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި ކަންތައްތަކާ ގުޅިގެން ފީފާގެ ކޮންގްރެސްގައި ބައިވެރިވުމަށް ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނެވި ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސް ލުއިސް ރުބިއަލްސް ކޮންގްރެސްގެ ބައްދަލުވުން ދޫކުރައްވާ ސްޕެއިންގެ ޓީމުން ތިބި ކޭމްޕަށް އެނބުރި އައިސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވޯލްޑް ކަޕަށްފަހު ރެއާލްގެ ކޯޗުކަމާއި ހަވާލުވާން ލޮޕެޓެގީ ނިންމިއިރު އޭނާ ވަނީ ދާދިފަހުން ސްޕެއިންގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ވެސް އާކޮށްފައެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅެ ސްޕެއިން އިން އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ލޮޕެޓެގީ މަގާމުން ވަކިކުރުމުގެ ވާހަކަ ގަދަވެފައިވާއިރު އެކަން އެގޮތަށް ނުކުރުމަށް ސްޕެއިން ޓީމުގައި ހިމެނޭ ބައެއް ސީނިއާ ކުޅުންތެރިން އެގައުމުގެ ފުޓްބޯޅަ އިދާރާގެ އިސްވެރިން ގާތު އެދެމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލޮޕެޓެގީ މަގާމުން ވަކިކޮށްފިނަމަ އެ މަގާމާއި ދެން ހަވާލުވުން ގާތީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފެނާންޑޯ ހިއެރޯ ނުވަތަ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަލްބާޓް ސެލާޑޭސްއެވެ.

ސްޕެއިންގެ ކޯޗު މަގާމުން ވަކިކުރަން އުޅޭކަމުގެ ވާހަކަތައް ފެތުރެމުންދާއިރު ވޯލްޑް ކަޕްގައި ސްޕެއިން އިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ މެޗުގައި ސްޕެއިން އިން ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.