ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ކުލަބް ޗެލްސީ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވި އެވެ. މި ސީޒަނުގައި ޗެމްޕިއަންސް ލީގުން އަދި މިހާތަނަށް ބަލިވެފައި ނުވާ ޗެލްސީން ވަނީ މި މެޗުގައި ވެސް ޑިސިޕްލިން ކުޅުމެއް ކުޅެފައެވެ. ހާއްސަކޮށް ޑިފެންސްލައިނުން ކުރި މަސައްކަތް ފާހަގަކުރެވެއެވެ.

މެޗުގެ ކުރީކޮޅު ޗެލްސީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޓިމޯ ވާނާ އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. ޗެލްސީން މި މެޗުގައި ލީޑު ނެގި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕުލިސިޗެވެ. އޭނާ މި ލަނޑު ޖެހީ ރެއާލްގެ ކީޕަރު ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު އެވެ.

ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ މި ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރި އިރު މި ލަނޑު ޖެހިތާ ހަ މިނެޓު ކުރިން ވެސް އޭނާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.

މިއީ ރެއާލްގެ ހަޒާޑަށް ހާއްސަ މެޗެކެވެ. ދެވަނަ ހާފުގައި ކުޅެން އެރި މި މެޗަކީ ޗެލްސީން ރެއާލަށް 2019 ވަނަ އަހަރު ބަދަލުވިފަހުން އޭނާ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެރޭ ޗެލްސީގެ ދަނޑުގައެވެ.