ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފީފާގެ އެހީއާއެކު އަރަބި ގައުމުތަކުގެ މެދުގައި ޖުމްލަ 23 ގައުމާއެކު ބާއްވާ "ފީފާ އަރަބް ކަޕް" ގެ ގުރުނަގައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. ނަމަވެސް މިއީ ފީފާގެ ދަށުން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ފީފާއިން މި މުބާރާތް ބޭއްވުމުގައި ބައިވެރިވީ ކުރިޔަށް ވޯލްޑްކަޕް އޮތުމާއި އެކު ގަތަރުން ވާންޖެހޭ ތައްޔާރީތަކަށް އެހީވެދީ، މުބާރާތަށް އެ ގައުމު ތައްޔާރުކުރުމުގެ ބޭނުމުގައެވެ.

މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ ކަޓާރާ އޮޕެރާ ހައުސްގައެވެ. މި މުބާރާތުގައި ބައިވެރިވަނީ އޭޝިއާ ބައްރަށް ނިސްބަތްވާ ޓީމުތަކާއި އެފްރިކާ ބައްރަށް ނިސްބަތްވާ ޓީމުތަކެވެ.

މުބާރާތް ކުރިޔަށްދާނީ ތަފާތު ފޯމެޓެއްގައެވެ. ފީފާ ވޯލްޑް ރޭންކިންގެ އެންމެ ވަރުގަދަ 9 ޓީމަކީ ގްރޫޕް ސްޓޭޖަށް އޮޓަމެޓިކުން ކޮލިފައިވާ ޓީމުތަކެވެ. އެ ޓީމުތަކަކީ ގަތަރު، ޓިއުނީޝިއާ، ޔޫއޭއީ، ސީރިއާ، މޮރޮކޯ، ސައުދީ އަރަބިއްޔާ، އަލްޖީރިއާ، މިސްރު އެވެ.

ބައިވެރިވާ ގައުމުތަކުގެ ތެރެއިން އެންމެ ދަށުން ރޭންކު ކުރެވިފައިވާ 14 ޓީމު ޖެހޭނީ އެއް ލެގުގެ ނޮކައުޓް މެޗެއް ކުޅޭށެވެ. މީގެތެރެއިން މޮޅުވާ 7 ޓީމަށް ގްރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެ އެވެ.

ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން މި މުބާރާތް ކުޅޭއިރު، ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމު ކުއާޓާފައިނަލުން ޖާގަ ލިބިގެންދާނެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު މިހާތަނަށް އެތުރިފައިވާ ގޮތް

ގްރޫޕް އޭ- ގަތަރު، އިރާގު ، އޮމާން/ސޮމާލިއާ ، ބަހްރެއިން/ކުވެއިތް

ގްރޫޕް ބީ- ޓިއުނީޝިއާ، ޔޫއޭއީ، ސީރިއާ ، މޮރިޓޭނިއާ/ޔަމަން

ގްރޫޕް ސީ- މޮރޮކޯ، ސައުދީ އަރަބިއްޔާ، ޖޯޑަން/ ސައުތް ސޫދާން، ފަލަސްތީން/ކޮމޮރޮސް

ގްރޫޕް ޑީ- އަލްޖީރިއާ، މިސްރު، ލުބްނާން/ޖިބޫޓީ، ލީބިއާ/ސޫދާން

މި މުބާރާތުގެ މެޗުތައް ކުޅޭނީ ވޯލްޑްކަޕް ކުޅުމަށް ހާއްސަކުރެވިފައިވާ ހަ ސްޓޭޑިއަމްގައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާނީ 30 ނޮވެމްބަރ 2021 ގައެވެ. ފައިނަލް މެޗު ކުޅޭނީ 18 ޑިސެމްބަރ 2021 ގައެވެ.