ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އާއި ކުލަބު އީގަލްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު މި މެޗުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުނުއިރު، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް ތަނަވަސްކުރި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވިއިރު އީގަލްސްގެ ނާއިމް އާއި ބިދޭސީ ކުޅުންތެރިޔާ މަހްމޫދަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ ނަސީބު އެހީނުވީ ކަމަށާއި ވެލެންސިއާއަށް ލަނޑު ޖަހަން ފުރުސަތުތަކެއްވެސް ލިބިގެންދިޔަ ކަމަށެވެ. އަދި ކުރިޔަށް އޮތް ބްރޭކުގެ ތެރޭގައި ލީގުގެ ތިންވަނަ ބުރަށް ތައްޔާރުވާނެ ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ ވެލެންސިއާ ކަހަލަ ޓީމެއްގެ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި މެޗުގައި އީގަލްސް ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ކަމަށެވެ. ހާއްސަކޮށް ފަހު ހާފުގައި ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިިގެންދިޔަ ކަމަށްވެސް ޝާޒްލީ ފާހަގަކުރި އެވެ.

މެޗުން އެއްވަރުވުމާއި އެކު ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާ އޮތީ ކުޅުނު 14 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ.އީގަލްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 13 މެޗުން 17 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދިވެސް އޮތީ ބޮޑު ލީޑެއްގައެވެ. އެއީ ކުޅުނު 13 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެވެ.