ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ފަހަތުން އަރާ ޖެހި ލަނޑުތަކާއެކު ފްރާންސްގެ ޕީއެސްޖީ ބަލިކޮށް އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީން ފައިނަލާއި ފިޔަވަޅަކަށް ކައިރިއަށް ޖެހިލައިފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީން ލަނޑެއް ޖަހާފައިވަނިކޮށް ސިޓީން ނަތީޖާ އަނބުރާލީ މެޗުގެ ފަހުކޮޅު އެވެ.

މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި މެންޗެސްޓަރ ސިޓީން މުބާރާތުގެ ސެމީފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ. އަދި މިހާތަނަށް އެ ޓީމަށް ފައިނަލެއްގައި ވާދައެއް ނުކުރެއެވެ.

މެޗުގައި ޕީއެސްޖީން ލީޑު ނަގާފައިވަނީ ވަރަށް ކުރީކޮޅު އެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ނަގައިދިން ކޯނަރަކުން މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މާކީނިއޯސްއެވެ. މި ހާފުގައި ސިޓީން އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް ޕީއެސްޖީން ވަރަށް ރަނގަޅަށް ސިޓީ ހިފެހެއްޓި އެވެ.

ދެވަނަ ހާފުގައި ސިޓީން ނަތީޖާ ހަމަހަމަކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުން ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އޭރިއާ ތެރެއަށް އޮއްސާލި ބޯޅައިން ވަތް ލަނޑެކެވެ. މި ލަނޑު ގޯލަށް ވަނީ އޭރިއާ ތެރޭގައި ތިބި އެއްވެސް ކުޅުންތެރިއެއް ގައިގަ ނުޖެހިއެވެ. އަދި ކީޕަރު ނަވާސް އަށްވެސް ހުރެވުނީ ބޯޅައަށް ތައްޔާރުވެގެން ނޫނެވެ.

ދެން ފެނުނީ ޕީއެސްޖީއަށް ފުލުފުލުން އެކި އުނދަގޫތައް ކުރިމަތިވި ތަނެވެ. ވަރުބަލިކަމާއެކު ކުޅުނު ޕީއެސްޖީއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ސިޓީގެ ގުންޑޮގާން އަށް ޕީއެސްޖީގެ އިދްރީސާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ. މެޗުން ސިޓީ މޮޅުވި ލަނޑު 71 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ރިޔާދް މަހްރޭޒް އެވެ.

ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އެވެ. ސިޓީގެ ދަނޑުގައި މި މެޗު ކުޅޭއިރު މި މެޗުން ސިޓީ މޮޅުވެއްޖެ ނަމަ ފައިނަލުގެ ޖާގަ ކަށަވަރުވެގެން ދާނެއެވެ. އަދި އެއްވަރުކޮށްލައިން ވެސް ފައިނަލަށް ދެވޭނެއެވެ.