ސްޕެނިޝް ލީގުގައި ގްރަނާޑާ އަތުން ލިބުނު ހިތްދަތި ބައްޔާއެކު ތާވަލުގެ އެއްވަނައަށް ބާސެލޯނާއަށް ނޭރި ފުރުސަތު ނަގާލައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާގެ ފަހަތުން ގިނަ ގޯސްތަކެއް ހެދިތަން ފެނިގެންދިިޔަ އެވެ. އެހެން މެޗުތަކާއި ހިލާފަށް މި މެޗުގައި ބާސާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

މި ބައްޔާއެކު ބާސާ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ޖުމްލަ 71 ޕޮއިންޓާއެކު އެވެ. މި މެޗުން މޮޅުވެއްޖެ ނަމަ 74 ޕޮއިންޓާއެކު އެއްވަނަ ލިބޭނެއެވެ. މިވަގުތު 73 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެފަހުން ވެސް ބާސާއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުކޮށްފައިވެއެވެ.

ފުރަތަމަ ހާފު ނިމުނީ މި ލީޑާއެކު ބާސާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ބާސާގެ ކުޅުން ވަރަށް ބޮޑުތަން ދަށްވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 63 ވަނަ މިނެޓްގައި ޑާވިން މާޗިސް ގްރަނާޑާ އަށް ނަތީޖާ އެއްވަރުކޮށްދިނެވެ. މެޗުން ގްރަނާޑާ މޮޅުވި ލަނޑު ޖެހީ 79 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިިޔާބުކޮށްފައިވަނީ ޖޯޖް މޮލީނާ އެވެ.

ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ފަސް މެޗު އޮތްއިރު އަދިވެސް އެއްވަނައަށް އެރުމުގެ ފުރުސަތު ބާސެލޯނާއަށް އެބައޮތެވެ. ލީގުގައި ބާސާ އެންމެ އަވަހަށްވެސް ދެން ބައްދަލުކުރާނީ ވެލެންސިއާ އާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    އަދިވެސް ބާސާއަށް ތަ އެއްވަނަޔަށް އެރުމުގެ ފުރުސަތު ބޮޑީ މެޑްރިޑަކަށް ނެތް ދޯ އެކަމަކު އެއްވަރު ޕޮއިންޓްގެ ގޮތުން

    2
    2