ކްރޫސް - ފޮޓޯ: އޭއެފްޕީ

ޓޯނީ ކްރޫސް

Error, group does not exist! Check your syntax! (ID: 111)

އުފަން ތާރީޙް: 4 ޖެނުއަރީ 1990 (28 އަހަރު)
އުފަން ރަށް: ގްރެއިސްވާލްޑް، ޖަރުމަން
ކްލަބް: ރެއާލް މެޑްރިޑް (ސްޕެއިން)
މަޤާމް: މިޑްފީލްޑަރ
ޤައުމީ ޓީމަށް ކުޅެން ފެށީ: 2010 ވަނަ އަހަރު

ޖަރުމަންގެ ޤައުމީ ޓީމާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ޓޯނީ ކްރޫސް އުމުރުން 17 އަހަރުގައި އޭނާގެ ކެރިއަރު ފެށީ ޖަރުމަންގެ ބަޔާން މިއުނިކް އިންނެވެ. ބަޔާން މިއުނިކްގެ ސީނިއާ ޓީމުގައި ގަވައިދުން ކުޅެން ފެށުމުގެ ކުރިން، އޭނާ ވަނީ ބަޔާންގެ ޔޫތް ޓީމާއި ބަޔާ ލޭވަކޫސަން އަށް ވެސް ލޯނު އުސޫލުން ކުޅެފަ އެވެ. ލަވަކޫސަންގައި ކްރޫސް އަށް ވަނީ ޖަރުމަން ބުންޑަސްލީގާގެ ގަވައިދުން ކުޅެން ލިބި، ތަޖުރިބާތަކެއް ލިބިފަ އެވެ.

ޖަރުމަންގައި މި ވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ކްރޫސް، 28، އަށް ބަޔާންގެ ޓީމުން ޤަވައިދުން ޖާގަ ލިބެން ފެށީ 2011 / 2012 ވަނަ އަހަރުގެ ސީޒަންގައި ކޯޗު ޔުޕް ހެއިންކެސްގެ އިރުޝާދުގެ ދަށުންނެވެ. އެ ސީޒަންގައި ކްރޫސް ވަނީ ބަޔާނަށް 51 މެޗު ކުޅެފަ އެވެ.

ބަޔާން އިން 2012 / 2013 ވަނަ އަހަރުގެ ސީޒަންގައި ތިން ތަށި ކާމިޔާބުކުރިއިރު، ކްރޫސް ވަނީ އެ ކާމިޔާބީގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި ޖެހިގެން އައި ސީޒަންގައި ވެސް ބަޔާންއާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

ޖަރުމަންގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު، ކްރޫސް ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕަށް ޖަރުމަންގެ ކޯޗު ޔަކިމް ލޯވް ނެގި ސްކޮޑްގައި އޭނާ ހިމެނުނެވެ. އަދި އެ މުބާރާތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އަށް ވަނީ ފުރުސަތުތައް ލިބިފަ އެވެ.

ޖަރުމަނާ އެކު ކްރޫސް ވަނީ 2012 ވަނަ އަހަރު ޔޫރޯގައި ވެސް ކުޅެފަ އެވެ. އެ މުބާރާތުގައި، ކްރޫސް ގިނަ މެޗުތަކުގައި ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ކްރޫސްގެ ފެންވަރު އެންމެ ރަނގަޅަށް ފެނިގެންދިޔައީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތް ޖަރުމަނުން ކާމިޔާބުކުރިއިރު، ޖަރުމަންގެ މިޑްފީލްޑުން ކްރޫސް ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަޤާމަށް ވެސް ކްރޫސްގެ ނަން ޝޯޓްލިސްޓް ކުރެވުނެވެ. އަދި ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި އެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ކްރޫސް އެވެ.

ވޯލްޑް ކަޕްގައި ކްރޫސް ދެއްކި މޮޅުކުޅުމާއެކު، އެ މުބާރާތަށް ފަހު ރެއާލް މެޑްރިޑުން އޭނާ ގެންދިޔަ އެވެ. ރެއާލް އިން ކްރޫސް ގެންދިޔައީ ޔޫރަޕްގެ އެހެން ބޮޑެތި ކްލަބުތަކުން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

ރެއާލް މެޑްރިޑާއެކު ކްރޫސް ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު