ރާއްޖޭގައި ކޮވިޑު-19 ގެ ނުރައްކާ ކުރިމަތިވެގެން އުޅޭތާ އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ރާއްޖޭގެ ކުޅިވަރު ހަރަކާތްތައް އޮތީ ގާތްގަނޑަކަށް ހުއްޓިފައެވެ. ބާއްވަން ވެއްޖެނަމަ ވަކި ހާއްސަ ހުއްދައެއް ހޯދަން ޖެހެއެވެ. ގިނަ ފަހަރަށް އެ ހުއްދަ ލިބެނީ ފަހަތުން ދުވެ ރޮއެ އާދޭސްކޮށްގެންނެވެ.

އެޗްޕީއޭއިން އެންމެ ފުރަތަމަ ހުއްދަ ދިނީ ފުޓުބޯޅައިގެ ހަރަކާތްތައް ފެށުމަށެވެ. އެއީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ރާއްޖޭގެ ލީގު ފެށުމަށް އެޗްޕީއޭ އިން ހުއްދަ ދިނީ އެފްއޭއެމުން ހާއްސަ އުސޫލުތަކެއް އެކުލަވާލާ އެޗްޕީއޭގެ ހުއްދަ ލިބިގެންނެވެ. އޭގެފަހުން އެހެން ކުޅިވަރުތައް ކުޅެން މަަސައްކަތްކުރި ނަމަވެސް އެ ހުއްދަ ނުދިނެވެ.

ނަމަވެސް މިހާރު މަންޒަރު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ފުޓުބޯޅައިގެ އިތުރަށް އާންމުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކާއި ވޮލީ މުބާރާތްތައް ގިނަވެއްޖެ އެވެ. މުބާރާާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދުވެސް އިތުރުވެއްޖެ އެވެ. މިއިން ކޮންމެ މުބާރާތަކީ ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން ބާއްވާ މުބާާރާތްތަކެވެ. އަދި ގިނަ މުބާރާތްތަކަކީ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ނަގައިގެން ބާއްވާ މުބާރާާތްތެކެވ.

މި ފަހުން އެންމެ މައްސަލަ ހޫނުވީ ހުޅުމާލެއާއި އައްޑޫސިޓީގައި ބާއްވާ މުބާރާތެއް ހުއްޓުވުމާއި ގުޅިގެންނެވެ. ހުޅުމާލޭގައި ކުރިޔަށްދާ މުބާރާތް މެދުކަނޑާލަން އެންގިއިރު އެފްއޭއެމުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތާއި ލީގުގެ އިތުރުން ކަންކަންމަތީ ބާއްވާ ބޮޑެތި މުބާރާތްތައް ވެސް ދަނީ ކުރިޔަށެވެ. އެއްވެސް ހުޢްޓުވުމެއް ނެތެވެ.

އެޗްޕީއޭއިން ވަނީ އެއްވެ ކުޅޭ ކުޅިވަރުތައް ހުއްޓާލާފަން އަންގާފައެވެ. ނަމަވެް މުޅި މާލޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުޓްސަލް ދަނޑުތަކުގައި ވެސް ކުޅެ ނަގަނީއެވެ. ފުލުހުންނާއި ކަމާބެހޭ އިދާރަތަކަށް އެ މަންޒަރުތައް ނުފެނެއެވެ. އާންމު މައިދާނުތަކުގައި ބެޑްމިންޓަން ވެސް ކުޅެނީއެވެ. އޮފީސް ކްރިކެޓް ކާނިވަލް ވެސް ކުރިޔަށްދަނީ އެވެ.

ހުޅުމާލޭ މުބާރާތުގެ ކުޅުންތެރިން މައިމޫނާ ގެ ކުރިމައްޗަށް އެއްވެގެން

ރަނގަޅެވެ. ކޮވިޑުގެ ހާލަތު ގޯހެވެ. މުބާރާތްތަައް ބޭއްވުން އެހާ ރަނގަޅެއް ނޫނެވެ. ނަމަވެސް އެ މުބާރާތެއް ފަށައިގެން ވަކި ހިސާބަކަށް ދިއުމުން އެއްކޮށް ހުއްޓާލަން އެންގުމަކީ އެޗްޕީއޭއިން އަދި ކަމާބެހޭ އިދާރާތަކުގެ ވަރަށް ބޮޑި ފެއިލްވުމެކެވެ. އެއީ އެތަކެއް ވިޔަފާރިތަކަކާއި ކުޅުންތެރިންނަށް ލިބޭ ދެރައެކެވެ.

"ގަބޫލުކުރަން ހާލަތު ވަރަށް ގޯސް، އެކަމަކު އެބަޖެހޭ އެޗްޕީއޭ އިން އިންސާފުވެރިވާން، މިތާ މުބާރާތްތައް އެބަ ކުޅެ ނަގާ، އެކަމަކު ފެނުނީ އަޅުގަނޑުމެން އެކަނި ކުޅޭތަން، ތިންވަނަ ޑިވިޝަން ކުޅެނީ، އެތަން ނުހުއްޓުވޭ، ކުޅިބަލާ މީހުން އެ ތިބެނީ ބޮނޑިވެގެން، އަޅުގަނޑު މެންވެސް މިތިބީ އިންސާފުން މިކަން ކުރާނަމަ އެއްބާރުލުން ދޭން، އެކަމަކު ހަމަހަމަ ނުވާނަމަ އަޑު އުފުލާނަން، " އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓް ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަމުން މުބާރާތުގެ އިސްފަރާތެއް ބުންޏެވެ.

މައިމޫނާ ދިރިއުޅޭ ފްލެޓް ދޮށަށް މުޒާހަރާކުރަން ފެށި ފަހުން ހުޅުމާލޭގައި ކުރިޔަށްދާ ވޮލީ މުބާރާތެއްވެސް ހުއްޓުވައިފިއެވެ. މިކަން ހުއްޓުވާލީ ރޭގަނޑު ކުޅެން ތިއްބާ އެ ސަރަހައްދުގެ ލައިޓުތައް ނިއްވާލައިގެންނެވެ. އެއާއެކު އެ މުބާރާތުގެ އިސްފަރާތްތަކާއި ކުޅުންތެރިން ވެސް ވަނީ މައިމޫގާ ދިރިއުޅޭ ގެ ކައިރީގައި އިހުތިޖާޖުކޮށްފައި އެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކި ގޮތަކަށް ނިމެންދެން މި އިހުތިޖާޖުތައް ކުރިޔަށްދާނެ އެވެ. ބޮޑެތި ހަރަދުތަކެއް ކޮށްގެން ތައްޔާރުވެފައިވާ ޓީމުތައް ވަނީ މި ކުއްލި ނިންމުމާއި ގުޅިގެން މާޔޫސްވެފައެވެ.

އެޗްޕީއޭ އަކީ މިފަދަ ހާލަތްތަކުގައި ފިޔަވަޅު އަޅަން ތިބި ބައެވެ. ނަމަވެސް މުބާރާތެއްގެ މެދުތެރެއިން އެ ހުއްޓުވާލުމަކީ ހައްލެއް ބާއެވެ. އުސޫލުތަކެއް ހަމަޖައްސައިން އެ މުބާރާތެއް ކުރިޔަށްގެންދަން ފުރުސަތު ދިނުމަކީ އެއަށްވުރެ މާ ރަނގަޅު ގޮތެއްނޫން ހެއްޔެވެ.

ދެން އޮތީ އައްޑޫސިޓީގައި ބާއްވަން ތައްޔާރުވާ ގޯދިއްޔާ މުބާާރާތުގެ ވާހަކައެވެ. ރަށުން ބޭރުން އައިސް ކަރަންޓީނު ވެގެން ހުރި ކުޅުންތެރިއަކު ކޮވިޑް-19 އަށް ފައްސިވެ، ކަރަންޓީނު އުސޫލާ ޚިލާފުވެ ޢާއްމުންގެ ތެރެއަށް ނިކުމެ ޕްރެކްޓިސް މެޗްތަކެއްގައި ބައިވެރިވެފައިވާ ކަމަށްބުނެ އައްޑޫ ސިޓީ ކައުންސިލުން އެ މުބާރާތް ހުއްޓާލުމަށް އެންގިއެވެ.

މިހާރު އަންގާފައިވަނީ މުބާރާތުގައި ވާދަކުރާ ހުރިހާ ކުޅުންތެރިންގެ ނަތީޖާ ނައްސިވެއްޖެ ނަމަ މުބާރާތް ކުޅެވޭނެ ކަމަށެވެ. މިއީ ކުރިންވެސް ސިޓީ ކައުންސިލަށް ކުރެވެން އޮތް ކަމެކެވެ. ކަނޑައެޅިފައިވާ ތާރީހަށް މުބާރާތެއް ނުފެށޭނަމަ އެއީ ސްޕޮންސަރުންނާއި އިންތިޒާުމުކުރާ ފަރާތްތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އަދި ބޮޑު ގެއްލުމެކެވެ.

"އެޗްޕީއޭއިން އެބަޖެހޭ ހުރިހާ ކުޅިވަރަކަށް ވެސް ހަމަހަމަ ވާން، ވަކި ބަޔަކަށް ވަކި ގޮތެއް ވެގެން ނުވާނެ. ހިތަށްއެރީމަ ނޫނީ ނުފޫޒުގަދަ މީހެއް ކައިރިއަށް ގޮސް ސަލާން ޖަހައިގެން ގިނަ ފަހަރަށް މުބާރާތެއް ވެސް މި ބޭއްވެނީ، އެ ސިސްޓަމް ކަޑަ، " މުބާރާތްތައް އިންތިޒާމުކުރުގައި ހަރަކާތްތެރިވާ ޒުވާނަކު ވަގުތާއި ވާހަކަދައްކަމުން ބުންޏެވެ.

ވަގުތު އާއި ވާހަަކަދެއްކި ހުޅުމާލޭގެ ބައެއް ޒުވާނުންވެސް ވަނީ އެޗްޕީއޭގެ މި އުސޫލުތަކަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އެ ޒުވާނުންގެ މައިގަނޑު ޝަކުވާ އަކީ މުބާރާތްތައް ނުބޭއްވޭއިރު އާންމު ތަންތަނުގައި ކިތަންމެ ގިނަ ބަޔަކުވެސް އެއްވެގެން ކުޅެވޭތީއެވެ. އެކަން މަނާ ކަމަކަށް ނުވާތީއެވެ.

ހުޅުމާލޭގައި މުބާރާތް ކުޅެން މަނާކުރި ނަމަވެސް އާންމު ތަންތަނުގައި ބަޔަކު ކުޅެނީ
ހުޅުމާލެ ހޮސްޕިޓަލުގެ ވޮލީ ކޯޓުގައި ބަޔަކު ކުޅެނީ، ހުއްޓުވާނެ ބަޔަކު ނެތް

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ކޮވިޑުގެ އެންމެ ނުރައްކާ ދުވަސްވަރެވެ. މާލޭގެ އިތުރުން އަތޮޅުތެރެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދެގުނަ އިތުރެވެ. މުބާރާތްތައް ބާއްވާ މިންވަރުވެސް އިތުރުވެއްޖެ އެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ ކަލަންޑަރު ރާވާ، ސްޕޮންސަރުން ހޯދުމުގެ އިތުރުން މުބާރާތައި ގުޅޭ ގިނަ ކަންކަން ފަށައިފިއެވެ. ކުޅިވަރު އާއިލާގެ އެންމެ ބޮޑު އެދުމަކީ އެޗްޕީއޭ އިން ހަމަހަމަކަމާއި އެކު ހުރިހާ ކުޅިވަރަކަށް ފުރުސަތު ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެލެނިވެރިން

    ބާސްކެޓް ވެސް އެބަކުޅޭ ، ހުއްޓުވާނެ ބަޔަކުނެތް ، ކިހިނެއް ހުއްޓުވާނީ އެމް ޑީ ޕީ ވެރިކަމެއްގަ ބޭނުން އެއްޗެއް ހަދާލަނީ ސުޕުން ބަހައްޓައިގެން

  2. އެކުވެރިޔާ

    ހެޔޮނުވާނެ ޒުވާނުންބޭނުންވާ ހުރިހާކުޅިވަރެތް ކުޅެން ހުއްދަދީބަލަ ހަމަހަމަކަން އެންމެންނަށްވެސް ދޭންޖެހޭނެ