ރޮބަޓް ލެވަންޑޯސްކީ

އުފަން ތާރީހު: 21 އޯގަސްޓް 1988 (29 އަހަރު)
މަގާމް: ފޯވަޑް
ކްލަބު: ބަޔާން މިއުނިކް
ގައުމީ ޓީމަށް ކުޅެން ފެށީ: 2008 ވަނަ އަހަރު

ޕޮލެންޑަށް އުފަން ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ. ބަޔާން މިއުނިކް އަށް ކުޅެމުންދާ ލެވެންޑޯސްކީގެ ކެރިއަރު ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ޕޮލެންޑްގައި ލެވެންޑޯސްކީ އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ ތިން ވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުންނެވެ. ޕޮލެންޑްގެ ފުރަތަމަ ޑިވިޝަންގެ ވަރުގަދަ ކްލަބެއް ކަމަށްވާ ލެކް ޕޮޒާން އިން ވަނީ 2008 ވަނަ އަހަރު ލެވަންޑޯސްކީ ގެންގޮސްފަ އެވެ.

ޕޮލެންޑްގެ ފުރަތަމަ ޑިވިޝަންގައި ވެސް ލެވަންޑޯސްކީ ވަނީ އޭނާގެ ލަނޑު ޖެހުމުގެ ހުނަރު ދައްކާލައިފަ އެވެ. ލެކް ޕޮޒާނަށް ކުޅުނު 58 މެޗުގައި އޭނާ 32 ލަނޑު ޖެހި އެވެ. ލެކް ޕޮޒާންގައި ދެ އަހަރު ހޭދަކުރުމަށް ފަހު، 2010 ވަނަ އަހަރު އޭނާ ވަނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފަ އެވެ.

ޔޫރަޕްގައި ލެވަންޑޯސްކީ ވިދާލީ ޑޯޓްމަންޑްގަ އެވެ. ޑޯޓްމަންޑާއެކު ލެވަންޑޯސްކީ ޖެހިޖެހިގެން ދެ އަހަރު ޖަރުމަން ލީގު ކާމިޔާބުކުރި އެވެ. އަދި 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅުނެވެ.

ޑޯޓްމަންޑްގައި ހަތަރު ސީޒަން ހޭދަކުރުމަށް ފަހު، ލެވަންޑޯސްކީ ވަނީ ހިލޭ ޓްރާންސްފާއެއްގައި 2014 ވަނަ އަހަރު ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ. ޑޯޓްމަންޑަށް ކުޅުނު 131 މެޗުގައި ލެވަންޑޯސްކީ ވަނީ 74 ލަނޑު ޖަހައިފަ އެވެ.

ބަޔާންގައި ވެސް ލެވަންޑޯސްކީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ޖެހިޖެހިގެން ތިން ސީޒަންގައި ޖަރުމަން ލީގު ކާމިޔާބުކުރި އެވެ. އަދި 2015 / 2016 ވަނަ އަހަރުގެ ސީޒަންގައި ޖަރުމަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދި އެވެ.

ޕޮލެންޑްގެ ގައުމީ ޓީމަށް ލެވަންޑޯސްކީ ކުޅެން ފެށީ 2008 ވަނަ އަހަރެވެ. ގައުމީ ޓީމަށް މިހާތަނަށް 90 އަށް ވުރެ ގިނަ މެޗު ކުޅެފައިވާއިރު، 2012 އަދި 2016 ވަނަ އަހަރުގެ ޔޫރޯގައި އޭނާ ވަނީ ޕޮލެންޑްގެ ޓީމަށް ކުޅެފަ އެވެ. ޕޮލެންޑްގެ ގައުމީ ޓީމަށް 51 ލަނޑު ޖަހައިދީ، އޭނާ ވަނީ ޕޯލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހޯދައިފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ ލެވަންޑޯސްކީ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.