އިޓަލީ

މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވި އެންމެ މަޝްހޫޜު ޤައުމަކީ އިޓަލީ އެވެ. އިޓަލީ އަކީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޤައުމެކެވެ. އަދި ވޯލްޑް ކަޕަކީ އިޓަލީ އަށް ވަރަށް މުހިންމު މުބާރާތެކެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީ އަށް ވަނީ ހިތި ތަޖުރިބާއެއް ކުރަންޖެހިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ޖީ އިޓަލީ ނިންމާލީ ދެވަނައިގަ އެވެ. އިޓަލީ އަށް ވޯލްޑް ކަޕްގެ ޕްލޭއޮފް އިން ފުރުސަތު ލިބުނު ނަމަވެސް، ޕްލޭއޮފްގައި އިޓަލީ ވަނީ ސްވިޑަން އަތުން ކަޓައިފަ އެވެ. މިއީ 60 އަހަރުގެ ތެރޭގައި އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން އިޓަލީ ވާދަނުކުރާ ވޯލްޑް ކަޕަކީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ކުރިމަތިވި ނާކާމިޔާބާއެކު، ތަޖުރިބާކާރު ގޯލްކީޕަރު ޖިއާލުއީޖީ ބުފޮން އާއި މިޑްފީލްޑަރ ޑެނިއެލް ޑިރޮސީގެ ޤައުމީ ޓީމުގެ ކެރިއަރު ވަނީ ނިމިފަ އެވެ.

ނެދަލޭންޑްސް

ނެދަލޭންޑްސްގެ ކުޅުންތެރިން - ފޮޓޯ: އޭއެފްޕީ

ނެދަލޭންޑްސް އަކީ ވޯލްޑް ކަޕްގައި މުއްސަނދި ތާރީހެއް އޮތް ޤައުމެކެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕަށް ނެދަލޭންޑްސް ކޮލިފައިއެއްނުވެ އެވެ.

2014ގައި ނެދަލޭންޑްސް ސެމީ ފައިނަލް އިން ޖާގަ ހޯދި ފަހުން، އެ ޓީމުގެ ނަތީޖާތައް ވަނީ ދަށަށް ގޮސްފަ އެވެ. އޭގެ ފުރަތަމަ ހެއްކަކީ 2016 ވަނަ އަހަރުގެ ޔޫރޯ އަށް ނެދަލޭންޑްސް ކޮލިފައިނުވުމެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ނެދަލޭންޑްސް އިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމަށް ގުރޫޕްގެ ދެވަނަ ވެސް ލިބޭ ގޮތްނުވި އެވެ.

މި ނާކާމިޔާބާއެކު، ނެދަލޭންޑްސްގެ މުހިންމު ތަރިންތަކެއް ވެސް ދެން ވޯލްޑް ކަޕުން ފެނިދާނެ ކަމަށް ގަބޫލެއްނުކުރެ އެވެ. ނެދަލޭންޑްސްގެ ހުނަރުވެރި ވިންގަރ އާރްޔެން ރޮބެން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ނާކާމިޔާބާއެކު، ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އަދި ވެސްލީ ސްނައިޑާ އާއި ރޮބިން ވެން ޕާސީ ފަދަ ކުޅުންތެރިން ވެސް ދެން މާގިނަ ދުވަހަކު ޤައުމީ ޓީމަށް ކުޅޭނެކަމަކަށް ނުބެލެވެ އެވެ.

ޗިލީ

ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ ވޯލްޑް ކަޕަށް ކޮލިފައިނުވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ދުވަހު، ޗިލީ އޮތީ ކޮލިފައިން ތާވަލްގެ ތިން ވަނައިގަ އެވެ. އެހެން ނަމަވެސް، ކޮލިފައިންގެ ފަހު ދުވަހު ނިކުތް ނަތީޖާތަކާއެކު، ޗިލީ އަށް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ގެއްލިފަ އެވެ.

ކޮލިފައިންގައި ހަތަރު މެޗު ބާކީ އޮތްއިރު ވެސް، ޗިލީ އޮތީ ކޮލިފައިވާނެ މަޤާމެއްގަ އެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެ ހަތަރު މެޗުން ޗިލީ ބޭނުންވީ ހަތަރު ޕޮއިންޓެވެ. އެކަމަކު އެ ހަތަރު މެޗުން ވެސް ޗިލީ އަށް އެންމެ ޕޮއިންޓެއް ވެސް ލިބޭ ގޮތެއްނުވި އެވެ. މި ނާކާމިޔާބާއެކު، ފާޑުކިއުންތައް ބޮޑަށް އަމާޒުވީ ޗިލީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީއަށެވެ. އެކަމަކު މި ނާކާމިޔާބީގައި ޗިލީގެ ސީނިއާ ކުޅުންތެރިން ވެސް ޒިންމާވާން ޖެހެ އެވެ.

އެމެރިކާ

އެމެރިކާ އަކީ 1990 ވަނަ އަހަރުން ފެށިގެން ގަވައިދުން ވޯލްޑް ކަޕްގައި ވާދަކުރަމުންދިޔަ ޤައުމެކެވެ. އަދި އުތުރު އެމެރިކާ ސަރަހައްދުން ވޯލްޑް ކަޕް ކޮލިފައިވުމުގެ ފޭވަރިޓެއްގެ ގޮތުގައި ވެސް އެންމެ ފުރަތަމަ ނަގާނެ އެއް ޓީމަކީ އެމެރިކާ އެވެ.

އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ދިޔައީ އެމެރިކާ އިން އުންމީދުކުރި ގޮތަކަށް ނޫނެވެ. އެމެރިކާގައި ރަނގަޅު ކުޅުންތެރިންތަކެއް ތިބި ނަމަވެސް، ކޮލިފައިންގެ ފަހު މެޗުގައި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން ބަލިވެ އެމެރިކާ އަށް ވަނީ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އެމެރިކާ އަށް ފުޓްބޯޅައިގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބެވެ.

އައިވަރީ ކޯސްޓް

މަޝްހޫރު ކުޅުންތެރިން ގިނަ ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އައިވަރީ ކޯސްޓަށް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްތަކުގައި އައިވަރީ ކޯސްޓް ގަވައިދުން ވާދަކުރި ނަމަވެސް، މި ފަހަރުގެ ކޮލިފައިންގައި އައިވަރީ ކޯސްޓަށް މޮރޮކޯގެ މައްޗަށް ކުރި ހޯދޭ ގޮތެއްނުވި އެވެ. މިއީ 11 އަހަރުގެ ތެރޭގައި އައިވަރީ ކޯސްޓް ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.