ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް ނިކުންނައިރު ރަޝިޔާ އޮތީ މޮޅަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް އެޓީމުގެ ކޯޗު ސްޓަނިސްލާވް ޗެރްޗެސޯވް ބުނެފިއެވެ.

ވޯލްޑް ކަޕްގައި ރަޝިޔާ މިފަހަރު ވާދަކުރަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ކަމަށްވާއިރު އެންމެފަހުން ކުޅުނު އެކުވެރިކަމުގެ ނުވަ މެޗުން ވެސް އެޓީމަށް ވަނީ މޮޅެއް ހޯދޭގޮތް ނުވެފައެވެ. އެގޮތުން އާޖެންޓީނާ އާއި ބްރެޒިލް އާއި ފްރާންސް އާއި އޮސްޓްރިއާ އަތުން ރަޝިޔާ ބަލިވިއިރު އީރާން އާއި ސްޕެއިން އަދި ދާދިފަހުން ތުރުކީއާ ދެކޮޅަށް ރަޝިޔާ އިން ކުޅުނު މެޗު ވީ އެއްވަރެވެ.

ރަޝިޔާ އަށް އެންމެފަހުން މެޗަކުން މޮޅުވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ މެޗުން ރަޝިޔާ މޮޅުވީ ދެކުނު ކޮރެޔާއާ ވާދަކޮށެވެ.

ރަޝިޔާގެ މި ނަތީޖާތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އެޓީމުގެ ކޯޗު ޗެރްޗެސޯވް އަށް އަމާޒުވެފައިވާއިރު އޭނާ ބުނީ ފާޑުކިޔުންތައް ކޮންމެ ކޯޗަކު ވެސް ބަލައިގަންނަން ޖެހޭނެ ކަމަށާއި ނޫސްތަކުގައި ލިޔާ އެއްޗެހި ކިޔުމުގެ ބަދަލުގައި އޭނާގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމަށް ކަމަށެވެ.

"ފާޑުކިޔަސް އަހަރުމެން މި ބަލަނީ އަހަރުމެން ކުރަމުން މިދާ މަސައްކަތް ވީހާވެސް ރަނގަޅަކަށް ކުރެވޭތޯ. ދުނިޔެ މަތީގައި އުޅޭއިރު ފާޑުކިޔުންތަކާއި ކުރިމަތިވާނެ. އެއީ ހަމަ އާއްމު ކަމެއް. އަހަރުމެންގެ އަމާޒަކީ އެ ފާޑުކިޔުންތައް އަނެއްކޮޅަށް އަނބުރާލުން. އެކަން ކުރެވޭނެ ގާބިލުކަން ރަޝިޔާ ޓީމުގައި އެބަހުރި" ޗެރްޗެސޯވް ބުންޏެވެ.

މިރޭގެ މެޗުން މޮޅެއް ހޯދަން ރަޝިޔާ އޮތީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި މި މެޗަށްފަހު ޓީމުގެ ކުޅުމާ މެދު ސަޕޯޓަރުންގެ ހިޔާލު ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭރުން ޓީމުން ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޗެރްޗެސޯވް ބުންޏެވެ.

"މުބާރާތުގެ ފުރަތަމަ މެޗަކީ އަބަދުވެސް ވަރަށް މުހިއްމު މެޗެއް. އެ މެޗުން މޮޅެއް ލިބިއްޖެނަމަ އެއީ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ވެސް ލިބޭނެ ހިތްވަރެއް. އެކަން ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަހަރުމެން ކުރާނަން" އޭނާ ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ރަޝިޔާ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަން ވެސް ޗެރްޗެސޯވް ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3ނިރު

    ﷲއިރާދަ ކުރެއްވީޔަ ޔަހޫދީން ބަލިވާނެ انشاالله