މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ އުއްމީދީ ކުޅުންތެރިޔާ އެންތޮނީ މާޝިއަލް މިހާރު ބޭނުންވަނީ އެ ކްލަބު ދޫކޮށްލަން ކަމަށް އޭނާގެ އެޖެންޓް ފިލިޕޭ ލަމްބޯލޭ ބުނެފިއެވެ.

އުމުރުން 22 އަހަރުގެ މާޝިއަލް ޔުނައިޓެޑާއި ގުޅުނީ 2015 ވަނަ އަހަރު މޮނާކޯ އިން 36 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި މާޝިއަލް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޔުނައިޓެޑްގެ ކޯޗުކަމާއި ހޯޒޭ މޮރީނިއޯ ހަވާލުވި ހިސާބުން މާޝިއަލް އަށް ވަނީ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވެގެން ގޮސްފައެވެ.

ޔުނައިޓެޑާއެކު ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބޭތީ މިއަހަރުގެ ވޯލްޑް ކަޕަށް ފްރާންސް އިން ނެގި ސްކޮޑުން ވެސް މާޝިއަލް ވަނީ ފުރުސަތު ލިބޭގޮތް ނުވެފައެވެ.

މާޝިއަލް ގެނައުމަށް ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުން ޝައުގުވެރިވާއިރު ފްރާންސްގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މާޝިއަލްގެ އެޖެންޓް ރޭ ވަނީ ޔުނައިޓެޑް ދޫކޮށްލަން އޭނާ ބޭނުންވާކަން ހާމަކޮށްފައެވެ.

"ހުރިހާ ކަމަކާއި މެދު ވިސްނުމަށްފަހު މާޝިއަލް މިހާރު ބޭނުންވަނީ ޔުނައިޓެޑް ދޫކޮށްލަން. މި ނިންމުން ނިންމަން ޖެހުނު ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. އެކަމަކު އެ ވާހަކަތައް ދެއްކުން އަދި މާ އަވަސް. އެ ހުރިހާ ކަމެއް ސާފުކޮށްދޭން މާޝިއަލް އަދި ފަހުން ވާހަކަދައްކާނެ" ލަމްބޯލޭ ބުންޏެވެ.

ޔުނައިޓެޑުން މާޝިއަލްގެ ކޮންޓްރެކްޓު ވެސް އާކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވި އޮންނަތާ މިހާރު 8 މަސް ދުވަސްވެފައިވާ ކަމަށްވެސް ލަމްބޯލޭ ބުންޏެވެ.

"އަހަންނަށް ހީވަނީ ދުނިޔޭގެ އެންމެ ބާރުގަދަ ކްލަބުގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑް އޮވެ، އެކަމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވި 8 މަސް މިވީ، ޓީމުގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި މާޝިއަލް ބަހައްޓަން ބޭނުން ނުވާތީހެން. މާޝިއަލް ނިންމި ނިންމުމުގެ މައިގަނޑަކީ ވެސް މިއީ. މިއީ ވަރަށް ވިސްނުމަށްފަހު މާޝިއަލް ނިންމި ނިންމުމެއް" އޭނާ ބުންޏެވެ.

ޔުނައިޓެޑާއެކު މާޝިއަލް ހަދާފައިވާ އެއްބަސްވުމެއް އަދިވެސް އެބައޮތް ކަމަށާއި އެހެންކަމުން މާޝިއަލްގެ ކުރިމަގާ މެދު ފަހު ބަސް ބުނުމުގެ ބާރު އޮންނާނީ ޔުނައިޓެޑަށް ކަމަށްވެސް ލަމްބޯލޭ ބުންޏެވެ. އަދި ޔުނައިޓެޑުން ނިންމާ ނިންމުމަކަށް އިހުތިރާމް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މާޝިއަލް ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާއިރު މިދިޔަ ސީޒަނުގައި ދެއްކި ކުޅުމާ ގުޅިގެން މޮރީނިއޯގެ ފާޑުކިޔުން އަމާޒުވި ކުޅުންތެރިންގެ ތެރޭގައި މާޝިއަލް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.