ޓިއުނޭސިއާ އާއި ދެކޮޅަށް ވޯލްޑް ކަޕުގައި އިންގްލޭންޑުގެ ފުރަތަމަ މެޗު ހޯމަ ދުވަހު ކުޅޭ އިރު އެޓީމުގެ ކީޕަރު ޖޯޑަން ޕިކްފޯޑު އަށް ކީޕަރެއްގެ އެންމެ މަތީ ފަންތީގެ އިހުސާސްތައް ކެރެވޭ ކަމަށް އޭނާ ބުނެފިއެވެ.

ސަންޑަލޭންޑުން އެވަޓަން އާއި ގުޅި ފުރަތަމަ ސީޒަން ނިންމުމަށް ފަހު 24 އަހަރުގެ ޕިކްފޯޑު ވަނީ އިންގްލޭންޑުގެ 1 ނަމްބަރު ކީޕަރުގެ މަގާމު ހޯދާފައެވެ. އޭނާ ގަބޫލު ކުރަނީ ޕްރެމިއާ ލީގުގައި ޑިހެއާ އަށް ވުރެ އަވަހަށް އޭނާ ކުރި އަރަމުން އަންނަ ކަމަށެވެ.

އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު މެންޗެސްޓާރ ޔުނައިޓެޑާއި ގުޅުނު ފަހުން ރަނގަޅު ފޯމަކަށް އެޅުމަށް ޑިހެއާ ވަނީ ދުވަސްކޮޅެއް ނަގާފައެވެ. ނަމަވެސް މިދުވަސްކޮޅު އޭނާ އަކީ މުޅިން ތަފާތު ކީޕަރެއް ކަމަށް ގިނަ މީހުން ބުނާއިރު ފާއިތުވި 5 އަހަރުން 4 އަހަރު ޑިހެއާ ވަނީ ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

"އަހަރެންނަށް ހީވަނީ ޕްރެމިއާ ލީގުގައި ޑިހެއާ ހަމަ އަކަށް އެޅުނީ ދުވަސްކޮޅަކުންހެން، ނަމަވެސް މިހާރު އަހަރެން މިލެވެލް އަށް އައީ އޭނާ އަށް ވުރެން އަވަހަށް" ޕިކްފޯޑު ބުންޏެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ އިތުރު އެއްޗެހި ދަސްކޮށް ރަނގަޅު ކުރަން، އެކުޅުންތެރިންނަކީ ތަޖުރިބާގެ ގޮތުން ބަލާއިރު މޮޅު ކުޅުންތެރިން، ނަމަވެސް މިއީ އަހަރެންގެ ޕްރެމިއާ ލީގުގައި ކުޅޭ ދެވަނަ ސީޒަން" ޕިކްފޯޑު ބުންޏެވެ.

މީގެ އިތުރުން ޕިކްފޯޑު ބުނެފައި ވަނީ ފާއިތުވި އަހަރު ތަކުގައި ޑިހެއާ ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައި ކަމަށާއި މިހާރު ދުނިޔޭގެ އެންމެ މޮޅު ކީޕަރަކީ އޭނާ އަށް ފެންނަ ގޮތުން ޑިހެއާ ކަމަށެވެ. ގެރެތު ސައުތުގޭޓުގެ ޓީމުން ޖާގަ ހޯދައި ޕިކްފޯޑު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު