ވޯލްޑް ކަޕް ފެށެން 2 ދުވަހަށް ވެފައި ވަނިކޮށް ސްޕެއިންގެ ކޯޗު ކަމުގެ މަގާމުން ވަކިކުރި ޖޫލެން ލޮޕެޓެގީގެ ވާހަކަ ދައްކަން ވަގުތެއް ނެތް ކަމަށް އެޓީމުގެ ވަގުތީ ކޯޗު ފެނާންޑޯ ހިއޭރީ ބުނެފިއެވެ.

51 އަހަރުގެ ލޮޕެޓެގީ މަގާމުން ވަކި ކުރި ވަކި ސަބަބެއް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ސްޕެއިންގެ ފުޓުބޯޅަ ޗީފުން ބުނާގޮތުގައި އޭނާ މަގާމުން ވަކިކުރުމާއި ރިއަލް މެޑްރިޑުގެ ކޯޗަކަށް ހަމަޖެއްސުމާއި އެއްވެސް ގުޅުމެއް ނެތެވެ.

"އަހަރެމެން މިއައީ ވޯލްޑް ކަޕް ކާމިޔާބު ކުރަން، މިއޮތީ ރަނގަޅު ފުރުސަތެއް ލިބިފައި، މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ. ވޯލްޑް ކަޕެއްގައި ކޮންމެ ކުޅުންތެރިއަކު ވެސް 100 ޕަސެންޓު ދޭނެ ނަމަވެސް މިއީ އަހަރެމެން އަދާ ކޮށްދޭން ޖެހޭ ޑިއުޓީ އެއް" ކުރީގެ ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންޑަރު ބުންޏެވެ.

"ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް އުފަލުން، އެމީހުން ބޭނުން މޮޅުވާން، މިއީ ހުރިހާ ޓީމެއްވެސް ކާމިޔާބު ކުރަން ބޭނުން އެއްޗެއް. ބޭކާރު ކުރާނެ ވަގުތެއް ނެތް" ބޮލްޓަންގައި 05-2004 ވަނަ ސީޒަން ކުޅުމަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލި ހިއޭރީ ބުންޏެވެ.

ލޮޕެޓެގީ ރިއަލް މެޑްރިޑާއި ގުޅުމުގެ 5 މިނެޓު ކުރިން އެކަން އެނގުނު ކަމަށް ސްޕެނިޝް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލެސް ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު ފީފާ ވޯލްޑް ކަޕު ފަށާއިރު، ސްޕެއިން މިފަހަރުގެ ވޯލްޑް ކަޕު ފަށާނީ ހުކުރު ދުވަހު ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗުންނެވެ.

ކިޔުންތެރިންގެ ހިޔާލު