ފިތުރު ޢީދުގެ މުނާސަބަތުގައި ހދ.ހަނިމާދޫ ކެތިއަރާ ޖަމިއްޔާގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ "ކެތިއަރާ މަސްރޭސް" މިއަހަރުވެސް ކުރިއަށް ގެންދާ ގޮތަށް ނިންމައިފިއެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށްގެންދަން ނިންމާފައިވަނީ ދެ ޖިންސަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށްގެންނެވެ.

ކެތިއަރާ ޖަމްއިއްޔާގެ ފަރާތުން މިހާރު ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 18:00 ގެ ކުރިން ކެތިއަރާ ފޭސްބުކް ގްރޫޕްގައި ވާ ލިންކް މެދުވެރިކޮށް ފޯމް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

މިފަހަރު މުބާރާތުގެ މެއިން ސްޕޮންސާރއަކީ ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލް ޣަފޫރު މޫސާއެވެ.

މި މުބާރާތަކީ 2015 އިން ފެށިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. 2017 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި އަންހެން ޓީމްތަށްވެސް ބައިވެރިވަމުންދާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެގޮތުން އެ އަހަރުން ފެށިގެން އަންހެން ހަތް ވަރަކަށްޓީމް މި މުބާރާތުގައި ބައިވެރިވެއެވެ.

ކެތިއަރާ ޖަމިއްޔާއިން މައުލޫމަތު ދިން ގޮތުގައި މި މުބާރާތުގައި އާއްމުކޮށް މިހާރު 14 ޓީމް ބައިވެރިވިއެވެ. އެއީ އަންހެން ހަތް ޓީމް އަދި ފިރިހެން ހަތް ޓީމެވެ.

މީ އާއްމުކޮށް ވަރަށް ފޯރީގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ރަށުގެ ކުދި ބޮޑު އެންމެން ވަރަށް ފޯރީގައި ބައިވެރިވަކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް އިނާމު ދޭނީ ދެޖިންސު ވަކިންނެވެ. އެގޮތުން އެއްވަނައަށް ދާ ޓީމަކަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް ދާ ޓީމަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މީގެ އިތުރުން އެންމެ ބޮޑު މަސް ބާނާ މީހަކަށް ގިފްޓް ޕެކެއް އަދި އެންމެ ގިނަ ބަސް ބާނާ ޓީމަކަށް ގިފްޓް ޕެކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.