ޒްލަޓާން އިބްރަހިމޮވިޗް އަކީ ކްލަބް ކެރިއަރުގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް ފުޓުބޯޅައިގައި ގިނަ ގޯލުތަކެއް ޖަހާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެވެ. ސްވިޑެންގެ ލެޖެންޑެއް ކަމަށްވާ އިބްރަހިމޮވިޗް މިހާރު ގައުމީ ޓީމުން ރިޓަޔާ ވެފައިވާއިރު، އޭނާ ވަނީ ރަޝިއާގައި މިއަދު ފަށާ ވޯލްޑް ކަޕްގައި އޭނާ ގަބޫލު ކުރާ ގޮތުގައި ވިދާާލާނީ ކުޅުންތެރިންތަކެއް ކަން ހާމަކޮށްފައެވެ.

ކުރިން ބާސެލޯނާ، ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑުގައި ވެސް މުހިންމު ރޯލެއް އަދާކޮށްފައިވާ އިބްރަހިމޮވިޗް ދެކޭ ގޮތުގައި މި އަހަރުގެ ވޯލްޑްކަޕުގައި އެންމެ ވަރުގަދަ ވާނީ ފްރާންސް ޓީމެވެ. އެ ޓީމުން މި އަހަރު ތަފާތު ދައްކާާނެ ކަމަށް އޭނާ ގަބޫލު ކުރާއިރު އެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ނަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އިބްރަހިމޮވިޗް ބުނީ މިފަހަރުުގެ ވޯލްޑްކަޕުގައި އެންމެ ވިދާލާނީ އޭނާގެ މެންޗެސްޓާ ޔުނައިޓެޑް ޓީމް މޭޓް ޕޯލް ޕޮގްބާއާއި، ޕީއެސްޖީގެ ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ކަމަށެވެ. މިހާރު ޕޮގްބާ އޭނާގެ ހުނަރު މުޅި ދުނިޔެއަށް ސާބިތުކޮށްދީފައި ވާއިރު އެމްބާޕޭ އަދިވެސް އެންމެ މަތީ ހަރުފަތުގައި ތަފާތު ދައްކަން ޖެހޭ ކަމަށާއި އޭނާ އެކަން ކުރާނެ ކަމަށް އިބްރަހިމޮވިޗް ބުންޏެވެ.

މީގެ އިތުރުން ވޯލްޑް ކަޕުގައި އެކި ގައުމުތަކުން ހުނަރުވެރި ކުޅުންތެރިން ކުޅޭ އިރު އަދި ތިންވަނަ ކުޅުންތެރިއެއް ވެސް ވިދާލާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މީހުން އެ ކުޅުންތެރިޔަކާއި މެދު އެހާ ގިނައިން ވާހަކަ ނުދައްކާ ކުޅުންތެރިޔަކު މުބާާރާތުގައި މިފަހަރުވެސް އެންމެންގެ ސަމާލުކަން ހޯދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗު އޮންނާނީ މިރޭ ރާއްޖެގަޑިން 8:00 ގައެވެ. ކުޅޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އާއި ސައުދީ އަރަބިއްޔާ އެވެ.