މުޅި ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅި ދަނޑިވަޅުގައި މިހާރު ކުރިޔަށްދާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މެދުކަނޑާލަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މުބާރާތް މެދުކަނޑާލާފައިވަނީ ރެކޯޑު އަދަދަކަށް މުޅި ރާއްޖެއިން ކޮވިޑް-19 ގެ ފައްސި ވޭދަނަތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވަނިކޮށެވެ. އެފްއޭއެމުން މި ފިޔަވަޅު އެޅީ އެޗްޕީއޭގެ އެ ނިންމުންތަކަށް އަމަލުކުރުމުގެ ގޮތުންނެވެ.

ބޮޑު ބްރޭކަކަށްފަހު ތިންވަނަ ޑިވިޝަންގެ ކުޅުން މިއަހަރު ފަަށާފަައިވަނީ އޭޕްރީލް 12 ގައެވެ. މިހާތަނަށް ގިނަ މެޗުތަކެއް މި މުބާރާތުގައި ވަނީ ކުޅެފައެވެ. އެގޮތުން މެދުކަނޑާލިއިރު މިހާތަނަށް 12 މެޗެއް ވަނީ ކުޅެފައެވެ. މި މުބާރާތުގެ ކުޅުން ފަށާފައިވަނީ ތިން ފަހަރެއްގެ މަތިން ތާރީހުތައް ފަސްކުރުމަށްފަހު އެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން މަސައްކަތްކުރީ މިިއަހަރުގެ ފެބްރުއަރީ 1 ގައެވެ. އޭގެފަހުން ފެބްރުއަރީ 4 އަށް މުބާރާތް ފަސްކުރުުމަށްފަހު ތިންވަނަ ފަހަރަށް އެ މުބާރާތް ފަސްކުރީ ފެބްރުއަރީ 10 އަށެވެ. މުބާރާތް އެކި ފަހަރު މަތިން ފަސްކުރީ ކޮވިޑުގެ ހާލަތާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއި ގުޅިގެންނެވެ.

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުޅުން މިއަހަރު ކުރިޔަށްދަނީ ޖުމްލަ 14 ޓީމަކާއެކު އެވެ. މާފަންނު ޓާފް ދަނޑުގައި މި މުބާރާތްގެ މެޗުތައް ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 24 ގައެވެ. ކުއްލިގޮތަކަށް މުބާރާތް ހުއްޓާލުމާއެކު މުބާރާތުގެ ޝެޑިއުލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.