އިނގިރޭސި ކުލަބް އާސެނަލް ގަތުމަށް ސްވިޑަންގެ މަޝްހޫރު ބިލިއަނަރު އަދި މަޝްހޫރު އޯޑިއޯ ސްޓްރީމް ޕްލެޓްފޯމް "ސްޕޮޓިފައި" ގެ ވެރިޔާ ޑެނިއެލް އެކް 3.2 ބިލިއަން ޑޮލަރު ހުށައަޅަން ތައްޔާރުވެއްޖެ އެވެ.

އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ ވަނީ މި ވާހަކަތަށް ބާރުދޭ ގޮތަށް ވާހަކަދައްކާފައެވެ. އޮންރީ ބުނީ އާސެނަލްގެ މިހާރުގެ ވެރިޔާ ސްޓެން ކްރޮންކް އާއި ޑެނިއެލް އެކް މިހާރު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެކް ވަނީ އެކި ފަހަރުމަތިން މީގެކުރިން ވެސް އާސެނަލް ގަތުމަށ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު އާސެނަލް ގަތުމުގެ ކަންކަން ވަރުގަދަކުރީ ދާދިފަހުން ޔޫރަޕިއަން ސުޕަ ލީގުގައި އާސެނަލް ބައިވެރިވާން ނިންމި ހިސާބުން އާސެނަލްގެ ކުރީގެ ކުޅުންތެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އެދުމުގެ މަތިން ކަމަށް އޭނާ ވަނީ ސްވިޑަންގެ މީޑިއާތަކުގައި ބުނެފައެވެ.

ސުޕަ ލީގުގެ މައްސަލައިގައި އެކް މިހާތަނަށް ހުރީ ހިމޭނުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އާސެނަލްގެ މިހާރުގެ ވެރިޔާ ވަނީ އެ ކުލަބް ވިއްކާލުމަށް އަނގަބަހުން އެއްބަސްވެފައެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުމަކަށް ދާނެކަމަށް ބުނެއެވެ. އެކް ހުރީ މިހާރު އޭނާ ހުށައެޅި އަދަދު އިތުރުކުރުމަށް ވެސް ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހަފުތާ ނިމުމުގެ ކުރިން ޑެނިއެލް އެކް ރަސްމީކޮށް އާސެނަލް ގަތުމަށް ބިޑުކުރާނެ އެވެ. މި ބިޑު ކުރުމުގައި އާސެނަލްގެ ކުރީގެ މަޝްހޫރު ތިން ކުޅުންތެރިން ވެސް ބައިވެރިވެއެވެ. އެއީ ތިއެރީ އޮންރީ އާއި ޕެޓްރިކް ވިއެރާގެ އިތުރުން ޑެނިސް ބާކެމްޕް އެވެ.

މަޝްހޫރު ސްކައި ސްޕޯޓްސްގައި ވާހަކަދައްކަމުން އޮންރީ ބުނީ އެކް ހުރީ އާސެނަލް ގަތުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާގޮތަށް ކަމަށާއި އާސެނަލް އަކީ އެކް އެންމެ ސަޕޯޓުކުރާ ކުލަބު ކަމަށެވެ.