އިޓަލީގެ އޭއެސް ރޯމާގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ހަމަޖައްސައިފިއެވެ.

މޮރީނިއޯ ރޯމާގެ ކޯޗުގެ ގޮތުގައި ސޮއިކޮށްފައިވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާ މި މަގާމައި ހަވަާލުވާނީ އަންނަ ސީޒަނުން ފެށިގެންނެވެ.

އޭނާ އެންމެ ފަހުން މަސައްކަތްކުރީ އިނގިރޭސި ކުލަބް ޓޮޓެންހަމް ހޮޓްސްޕާސް ގައެވެ. އެ ކުލަބުގެ ކޯޗުކަމުގެ މަގާމުން މޮރީނިއޯ ކުއްލިގޮތަކަަށް ވަކިކުރިތާ އަދި މިވީ ދެ ހަފުތާއެއްހާ ދުވަހެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 19 ގައެވެ.

ރޯމާގެ މިހާރުގެ ކޯޗުގެ ގޮތުގައި މަސައްކަތްކުރަނީ ޕައުލޯ ފޮންސެކާ އެވެ. މިި ސީޒަން ނިމުމުން ރޯމާގެ ކޯޗުކަމުގެ މަގާމުން އޭނާ ވަކިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފޮންސެކާ ވަނީ ދެ އަހަރު ވަންދެން އެ ކުލަބުގެ ކޯޗުކަން ކޮށްފައެވެ.

ރޯމާގެ ކޯޗުކަމުގެ ފުރުސަތު ގަބޫލުކުރިކަން ހާމަކޮށް މޮރީނިއޯ ބުނީ ރޯމާގެ ކޯޗުކަމާއި ހަވާލުވާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބުގެ ވަރުގަދަ ސަޕޯޓަރުން ކަމަށާއި ކުލަބެއްގެ އެންމެ ވަރުގަދަ ހަތިޔާތަކީ އެއީ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ރޯމާ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

އިޓާލިއަން ލީގުގެ ހަތްވަނައިގައި އޮތް ރޯމާގެ ކޯޗުކަމާއި މޮރީނިއޯ ހަވާލުވާނީ މިއަހަރުގެ ޖުލައި 1 އިން ފެށިގެންނެވެ.

ރޯމާ ވަނީ ޔުއެފާ ޔުރޮޕާ ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑު އަތުން 6-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަންނަ ބުރާސްފަތި ދުވަހު ދެވަނަ ލެގު ރޯމާގައި ކުޅޭއިރު މިހާރު އެ ޓީމު އޮތް ހާލަތަށް ބަލާއިރު މި މެޗުން ނަތީޖާ އަނބުރާލުމަކީ ރޯމާ އަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޯޗުގަލްގެ ޕޯޓޯ އިން ކެރިއަރު ފެށި މޮރީނިއޯ ވަނީ އިޓަލީގެ އިންޓަމިލާނަށް މީގެކުރިން ކޯޗުކަން ކޮށްދީފައެވެ. މިއީ އިޓަލީގެ ކުލަބެއްގެ ކޯޗުކަމާއި އޭނާ ގުޅޭ ދެވަނަ ފަހަރެވެ.