ރާއްޖޭގައި މި މަހު ބޭއްވުމަށް ތައްޔާރުވަމުންދާ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅުމުގެ ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އެޗްޕީއޭ އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ބޭއްވި މަޝްވަރާކުރުމަށްފަހު އެޗްޕީއޭ އާއި އޭއެފްސީން ހަދާފައިވާ ހާއްސަ ގައިޑްލައިނުގެ ތެރެއިން މެޗުތައް ކުޅުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން މި މެޗުތައް ރާއްޖޭގައި ކުރިޔަށްގެންދާނެ ގޮތަކާއި ގުޅޭގޮތުން ހެލްތް މިނނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ އާއި މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން އޭއެފްސީން ރާވާ ހިންގާ މުބާރާތްތަކަށް ހަރުކަށި ގައިޑްލައިނެއް ވަނީ އެކުލަވާލާފައެވެ. އެހެންކަމުން ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ މެޗުތަކަށް ވެސް މި ގައިޑްލައިނަށް އަމަލުކުރާނެ އެވެ. މި ގައިޑްލައިނުގެ ދަށުން މުބާރާތުގައި ވާދަކުރާ ޓީމުތަކުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހުގައެވެ.

މުބާރާތް ބާއްވާ ގައުމެއްގައި ޓީމުތައް ތިބެން ޖެހޭނީ ހާއްސަ ކުރެވިފައިވާ ވަކި ތަނެއްގައި ކަމާއި ޓީމުތަކަށް ހަމައެކަނި ބޭރަށް ނިކުމެވޭނީ ފަރިތަކުރުންތަކަށް އެކަނި ކަމަށް ގައިޑްލައިންގައި ވެއެވެ. އަދި ކޮންމެ ދުވަހަކު އެއް ފަހަރު ހޫނުމިން ޗެކުކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި ރެންޑަމް ސާމްޕަލް ނެގުން ފަދަ ކަންކަން ކުރުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި ކުޅިވަރު މުބާރާތްތައް ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ. ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން މުބާރާތްތައް ބޭއްވެއެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާނީ މިމަހުގެ 11 ގައެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ މިމަހުގެ 14 އިން 21 އަށެވެ. ގްރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސެން

  ރަޔިތުން މިހާރު ނުކުންނަން ވެއްޖެ ތިޔަ ހާސަ ހުއްދަ ދޭ ގޮތެއް ބަލަން.ހާސް ބޮނޱުވެ ލަގަން ހިފައިގެން ހިގީމަ ބާ ތިޔަ ހުއްދަ ދެނީ!

  9
  2
 2. ހުސެން

  އިންޱި އާ އަށް މިގައުމު ހުދު ފޮތި ކޮލެގަ ޖަހާފަ ދޭންވީ އެއްނުން

  6
  1
  • ހަގަންބެ

   އިންޑިއާ އާ މިކްމާ އޮތީ ކޮން ގުޅުމެއް

   2
   2
 3. މޮޔަމީހާ

  އަލްފާޟިލާ މައިމޫނާއެވެ.
  ރާއްޖޭގެ ހުރިހާ އެންމެންނަށް ތިޔަ ދެއްވަމުން ގެންދަވާ ހާއްސަ ހުއްދަ ދީފަ ބެހެއްޓުން ވަރަށް މުހިއްމެވެ. ތިޔަ ދެއްވަމުން ގެންދާ ހާއްސަ ހުއްދަ ދޫކުރުމާއެކު ކޮވިޑް ބިރުން އެ މީހަކާއި ކައިރިނުވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައި އެބަ ހުއްޓެވެ. އަދި އެމެރިކާއާއި އިގިރޭސީވިލާތާއި ރަޝިޔާގެ ސައިންސްވެރިންވެސް ކުރި ދިރާސާއަކުން ފެންނަގޮތުގައި ތި ހުއްދައިގެ ސަބަބުން ކޮވިޑް އެބަޔަކާއި ކައިރިނުވާކަން ވަނީ ދައްކާފައެވެ.